ކ. މާލެ
|
31 މާރޗް 2025 | ހޯމަ 19:25
ޕްރެސްޓަން ނޯތު އެންޑް އާއި އެސްޓަން ވިލާ ބައްދަލުކުރި މެޗުގެ ތެރެއިން، އެސްޓަން ވިލާ ކުޅުންތެރިން އުފާފާޅު ކުރަނީ
ޕްރެސްޓަން ނޯތު އެންޑް އާއި އެސްޓަން ވިލާ ބައްދަލުކުރި މެޗުގެ ތެރެއިން، އެސްޓަން ވިލާ ކުޅުންތެރިން އުފާފާޅު ކުރަނީ
ދިހޯމްއޮފްސްޕޯޓްސް
އިނގިރޭސި އެފްއޭކަޕް
ރަޝްފޯޑުގެ ދެ ލަނޑާއެކު މޮޅުވެ އެސްޓަން ވިލާ އެފްއޭކަޕް ސެމީއަށް ދަތުރުކޮށްފި
ރަޝްފޯޑް މި މެޗުގައި ދެއްކި ކުޅުމާއިއެކު މޮޅުވެ، އެ ޓީމުން ސެމީއަށް ދަތުރު ކުރިއިރު، އެސްޓަން ވިލާއަށް އެފްއޭކަޕް ތަށި ނުލިބޭތާ 70 ވަރަކަށް އަހަރު ވަނީ ވެފަ، އެސްޓަން ވިލާއިން އެންމެ ފަހުން އެފްއޭ ކަޕް ކާމިޔާބު ކޮށްފައިވަނީ 1957 ވަނަ އަހަރު

އިނގިރޭސި އެފްއޭ ކަޕުގެ ކުއާޓާ ފައިނަލްގައި ޕްރެސްޓަން ނޯތު އެންޑާ ދެކޮޅަށް ކުޅުނު މެޗުގައި މާކަސް ރަޝްފޯޑް ޖެހި ދެ ލަނޑާއެކު 3-0 ގެ ނަތީޖާއަކުން މޮޅުވެ، މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް އެސްޓަން ވިލާއިން ހޯދައިފި އެވެ.

ޕްރެސްޓަންގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް އެސްޓަން ވިލާއިން ވަނީ ރަގަޅު ކުޅުމެއް ދައްކާ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.

އެސްޓަން ވިލާއިން މި މެޗުގައި ފުރަތަމަ ލަނޑެއް ޖަހާ ލީޑު ނަގާފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 13 ވަނަ މިނިޓުގައި މިދިޔަ ފެބްރުއަރީ މަހު ލޯނު އެއްބަސްވުމެއްގެ ދަށުން މެންޗެސްޓަރ ޔުނައިޓެޑް އިން އެސްޓަން ވިލާ އާއި ގުޅުނު މާކަސް ރަޝްފޯޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އަދި އޭގެ ފަސް މިނިޓު ފަހުން އެސްޓަން ވިލާގެ މޯގަން ރޮޖާރސް އަށް އެންޑްރޫ ހިއުސް ކުރި ފައުލަކާއި ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓީ އިން ރަޝްފޯޑް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

ރަޝްފޯޑް މި މެޗުގައި ދެއްކި ކުޅުމާއިއެކު މޮޅުވެ، އެ ޓީމުން ސެމީއަށް ދަތުރު ކުރިއިރު، އެސްޓަން ވިލާއަށް އެފްއޭކަޕް ތަށި ނުލިބޭތާ 70 ވަރަކަށް އަހަރު ވަނީ ވެފައެވެ. އެސްޓަން ވިލާއިން އެންމެ ފަހުން އެފްއޭ ކަޕް ކާމިޔާބު ކޮށްފައިވަނީ 1957 ވަނަ އަހަރު އެވެ.

މި މެޗުގައި އެސްޓަން ވިލާ އިން ޖެހި ތިންވަނަ ލަނޑު މެޗުގެ 71 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޖޭކޮބް ރަމްސޭ އެވެ. މި ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައިވަނީ ދެވަނަ ލަނޑު ޖަހަންވެސް އެހީތެރިވި ލޫކަސް ޑިގްނޭ އެވެ.

އުނެއި އެމެރީގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އެސްޓަން ވިލާއިން މި މުބާރާތުގެ ސެމީ ފައިނަލުގައި ކުޅޭނީ ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށެވެ.

- ކޮމެންޓް