ކ. މާލެ
|
30 މާރޗް 2025 | އާދީއްތަ 09:56
ސަލްމާން މިސްކިތުގައި ފިތުރު އީދު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން
ސަލްމާން މިސްކިތުގައި ފިތުރު އީދު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން
ރާއްޖެއެމްވީ
ފިތުރު ޢީދު ނަމާދު
ރުޅިވެރިކަމަކާއި ހަސަދަވެރިކަމުން ދުރުވެ، އެއްގަލަކަށް އެރުމަށް އީދު ޚުތުބާގައި ގޮވާލައިފި
ގައުމުގެ އިސްލާމީ ޝަޚުސިއްޔަތު ރައްކައުތެރިކޮށް، ދަމަހައްޓާން އަޒުމު ކަނޑައަޅާން ޖެހޭ
ދެކޮޅުވެރިކަމެއް އޮތް ނަމަ، އެ ކަން ނައްތައިލާންޖެހޭ
ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ މައިންބަފައިންގެ ހައްގުތަކާ ގުޅިފައިވާ ކަމެއް

ރުޅިވެރިކަމަކާއި ހަސަދަވެރިކަމުން ދުރުވެ، އެއްގަލަކަށް އެރުމަށް އީދު ޚުތުބާގައި ގޮވާލައިފި އެވެ.

ފިތުރު އީދު ދުވަހާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ އިސްލާމީ އީދުތައް ފެށެނީ، މާތް ﷲއަށް ޝުކުރުދެންނެވުމަށް ޓަކައި، ކުރެވޭ އީދު ނަމާދުގެ ޖަމާއަތުން ކަމަށާއި، މި ބޮޑު އެއްވުމުގެ ސަބަބުން އެއްބަޔަކު އަނެއް ބަޔަކާ ތައާރުފުވެ، ސަލާންގަލާންކޮށް، ހެޔޮ އެދުމާއި ތަހުނިޔާ ބަދަލުކުރުމުގެ ފުރުސަތު ލިބޭ ކަމަށެވެ.

ޚުތުބާގައި ބުނީ ގައުމުގެ އިސްލާމީ ޝަޚުސިއްޔަތަކީ، އިސްލާމް ދީނާއި، އެކުވެރިކަމާއި، މިނިވަންކަމާއި، އިސްތިގުލާލު ކަމަށާއި، ކުރިއަށް އޮތް ޖީލުތަކަށް މި މަތިވެރި އަގީދާ ފޯރުކޮށްދީ، ގައުމުގެ އިސްލާމީ ޝަޚުސިއްޔަތު ރައްކައުތެރިކޮށް، ދަމަހައްޓާން އަޒުމު ކަނޑައަޅާން ޖެހޭ ކަމަށެވެ.

ޚުތުބާގައި ބުނީ އީދު ނަމާދަށް ޓަކައި އެއްވެ ތިބި ތިބުން ހާމަކޮށްދެނީ އެއްބައިވަންތަކަން ކަމަށާއި، ކުޑަ ކުދީންނާއި ބޮޑެތި މީހުންގެ މެދުގައި، ފަގީރުންނާއި މުއްސަނދީންގެ މެދުގައި، އޮތް ކުލުނުވެރިކަމާއި ލޯބި ކަމަށެވެ. އަދި މިއަދު ހުރިހައި ރުޅިވެރިކަމަކާއި، ހަސަދަވެރިކަމަކުން ހިތްތައް ސާފުކުރާން ޖެހޭ ކަމަށާއި، ބައިބައިނުވެ، އެއްގަލަކަށް އަރާން ޖެހޭ ކަމަށް ޚުތުބާގައި ގޮވާލާފައިވެ އެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ދޭދޭ ފަރުދުންގެ މެދުގައި އެއްވެސް ކަހަލަ އަރައިރުމެއް، ދެކޮޅުވެރިކަމެއް އޮތް ނަމަ، އެ ކަން ނައްތައިލާންޖެހޭ ކަމަށާއި، އިސްލާމް ދީން ގޮވައިލަނީ އެއްބަޔަކު އަނެއްބަޔަކު ދެކެ ލޯބިވާ ބަޔަކުކަމުގައި ވުމަށް ކަމަށެވެ.

އަނިޔާވެރިޔާއާއި އޭނާގެ ފަރާތުން އަނިޔާ ލިބިފައިވާ މީހަކާ ދެމެދު ލޯތްބެއް ނޯންނާނެ ކަމަށާއި، ހަގީގީ ލޯބި އޮންނާނީ އެއްބަޔަކު އަނެއްބަޔަކަށް އޯގާތެރިވެގެން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ބާރުގަދަ މީހާ ނިކަމެތި މީހާގެ އަތުގައި ހިފައިގެން ކަމަށާއި، އެކަކު އަނެކަކުގެ ބޭނުންތައް ފުއްދައިދީގެން ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.

އީދު ރަމްޒުކޮށްދެނީ މި އިންސާނީ ޝިއާރުތައްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ މައިންބަފައިންގެ ހައްގުތަކާ ގުޅިފައިވާ ކަމެއް ކަމަށާއި، މިއަދު ގާތްތިމާގެ މީހުންނަށް ޒިޔާރަތްކޮށް ހެޔޮފޯރުވަންޖެހޭ ކަމަށެވެ. އަދި އީދުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުވުމަށް ނަސޭހަތްތެރިވެފައިވެ އެވެ.

އަހުރެމެންގެ ތެރެއިން ކޮންމެ މީހަކު ވެސް އަނެކާގެ ޙައްޤު އަދާކުރާށެވެ! މައިންބަފައިންގެ ޙައްޤުތަކުން ފަށާށެވެ! މައިންބަފައިންކުރެ ހަމަ އެކަކު ވެސް ހިތުގައި ނުޖައްސަން މިއަދު ޢަޒުމު ކަނޑައަޅާށެވެ! މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އެ ކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެ މީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެ ދެ މީހުންނަށް އުއްފު ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއް ވިޔަސް ނުބުނާށެވެ!) އަދި އެ ދެ މީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!"

އީދު ޚުތުބާ

ޚުތުބާގައި ބުނީ އީދު ދުވަހު އިންސާނިއްޔަތުކަން ފާޅުވާން ޖެހޭނެ ކަމަށާއި، އީދުގެ އުފާފާޅުކުރަމުންދާ އިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމު އަޚުންނާއި އުޚުތުންގެ މަތީން ހަނދާންކުރާން ޖެހޭ ކަމަށެވެ. އެ މީހުންގެ ކެކުޅުންތަކުގައި ބައިވެރިވެ، އެ ކެކުޅުންތަކުން އެ މީހުން ސަލާމަތްކޮށްދެއްވުން އެދި ހެޔޮ ދުއާކުރުމަށް ޚުތުބާގައި ގޮވާލާފައިވެ އެވެ.

- ކޮމެންޓް