ކ. މާލެ
|
29 މާރޗް 2025 | ހޮނިހިރު 18:02
ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ބޭނުންކުރާ ތަނެއް ފާސްކުރަނީ
ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ބޭނުންކުރާ ތަނެއް ފާސްކުރަނީ
މިހާރު
މަސްތުވާތަކެތީގެ ވިޔަފާރިކުރުން
ކެފޭ އުސޫލުން މަސްތުވާތަކެތީގެ ޚިދުމަތް ދިން 14 ތަނެއް މި އަހަރު ބަންދުކުރި - ފުލުހުން
މި އަހަރުގެ މާރިޗު 15 ވަނަ ދުވަހާ ހަމައަށް ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރި 14 ތަނެއް ބަންދުކޮށްފައިވޭ
މިފަދަ މައްސަލަޔައް ހައްލުކުރުމަށް އާއްމުންގެ އެހީތެރިކަން ބޭނުންވޭ

މި އަހަރު އެކަނި ވެސް ކެފޭ އުސޫލުން މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދިޔަ 14 ތަނެއް ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ދައުލަތުގެ މީޑިއާ އަށް މައުލޫމާތު ދެމުން ފުލުހުންގެ ޗީފް އިންސްޕެކްޓަރ އަޙުމަދު ނާއިފް ވިދާޅުވެފައި ވަނީ މި އަހަރުގެ މާރިޗު 15 ވަނަ ދުވަހާ ހަމައަށް ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރި 14 ތަނެއް ބަންދުކޮށްފައިވާ ކަމަށެވެ. އަދި މިހާރު ވެސް މާލޭގައި އެ އުސޫލުން ހިންގާ 6 ތަނެއް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ތަންތަން ބަންދުކުރުމަށް ގޮންޖެހުންތަކެއް ހުރި ކަމަށް ނާއިފް ވަނީ ވިދާޅުވެފައެވެ. އެގޮތުން ގޭގެ ބެހެނިވެރިން ގިނަވުމާއި، އާއިލާ މީހުން ހެކިބަސްދޭން ޖެހިލުން ވުމާއި، ގިނަ ބަޔަކަށް އެގްރީމެންޓްކޮށްފައިވުމުން ފިޔަވަޅު އަޅަންޖެހޭ މީހާ ދެނެގަތުމަށް އުނދަނގޫވުމާއި ޤާނޫނީ ގޮތުން ދިމާވާ ދަތިތައް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކެފޭ އުސޫލުން މަސްތުވާތަކެތީގެ ޚިދުމަތް ދޭ 60 އަށްވުރެ ގިނަ ތަނެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ،.

ބަންދުކުރި އައްޑާތަކުގެ ތެރޭގައި ހ. ކޯލީފްލާވާ، ގ. ޑްރޫޕް، މ. މާމުޓާ، ހ. އެމިނިޓީ، ގ. ފްރެސްލައިޓް، ގ. ސެންޓުގެއާގެ، މ. ރޯޝަނީމަންޒިލް، . ނަފީސާ މަންޒިލް، މ. ރޫބީ، މ. ތަންތާރަ، މ. ފެންނިރު، ގ. ހިލާލް، އެސްޓީއޯ އަޙުމަދީ ބިލްޑިން، އަދި މ. އޯކިޑުހައުސް ހުޅަނގުބައި ހިމެނެއެވެ.

މި މައްސަލަ ހައްލުކުރުމަށް ޤާނޫނީ ހައްލެއް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އޭގެ ތެރޭގައި މި ފަދަ ތަންތަން ކޯޓު އަމުރަކާ ނުލައި 72 ގަޑިއިރަށް ފުލުހުންނަށް ބަންދުކުރުމުގެ ބާރު ދިނުން ހިމެނެއެވެ. މީގެ އިތުރުން ގިނަވެގެން 90 ދުވަހަށް ބަންދުކުރުމަށް ކޯޓަށް އަމުރުކުރެވޭ ގޮތަށް ހަމަޖެއްސުމަށް ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ މައްސަލަޔައް ހައްލުކުރުމަށް އާއްމުންގެ އެހީތެރިކަން ބޭނުންވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް