ރަޝިޔާ އިން، ޔުކެރްއިންގެ ދިނިޕްރޯ އަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާއެއްގައި އެ ޤައުމުގެ ހަތަރު މީހަކު މަރުވެއްޖެ އެވެ.
ޔުކްރެއިންގެ އިރުމަތީ ސަރަަހައްދުގައި އޮންނަ ދިނިޕްރޯ ސިޓީ އަށް އަމާޒުކޮށް ރަޝިޔާ އިން ދިން މި ޑްރޯން ހަމަލާގައި އެ ޤައުމުގެ ހަތަރު މީހަކު މަރުވެފައިވާއިރު، 19 މީހަކު ވަނީ ޒަޚަމްވެފައި އެވެ.
މި ހަމަލާގައި އުސް އިމާރާތްތަކަށް ގެއްލުން ލިބި، ހޮޓަލަކާއި، ސަރވިސް ސްޓޭޝަންތަކަކާއި، ގޭގޭގައި އަލިފާން ރޯވި އެވެ. އެ ސަރަހައްދުގެ ގަވަރުނަރު ސަރގީ ލިސަކް ވިދާޅުވި ގޮތުގައި ހުކުރު ދުވަހުގެ ރޭ ރަޝިއާއިން "25 އަށްވުރެ ގިނަ ޑްރޯން" ދިނިޕްރޯ އަށް ފޮނުވާލި އެވެ.
ހޮނިހިރު ދުވަހުގެ ފަތިހު އޭނާ އިތުރު އަޕްޑޭޓެއް ދެއްވައި، ޒަޚަމްވި މީހުންގެ އަދަދު 19 އަށް އިތުރުވެފައިވާ ކަމަށް ވިދާޅުވި އެވެ. މި ހަމަލާތަކާ ދިމާކޮށް، ރަޝިއާގެ ރައީސް ޕުޓިން ވަނީ ޔުކްރެއިންގައި "ވަގުތީ އިދާރާއެއް" ގާއިމު ކުރުމަށް ގޮވާލައްވާފައި އެވެ.
އަދި އެ ޤައުމުގެ ސިފައިން "ނައްތާލާނެ" ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް ޔުކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވީ، އ.ދ.ގެ އިދާރާއެއް ގާއިމު ކުރުމަށް ޕުޓިން ގޮވާލި ގޮވާލުމަކީ، ސުލްހަ މަޑުޖައްސާލުމަށް ކުރައްވާ މަސައްކަތެއް ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ތިން އަހަރު ވެފައިވާ މި ހަނގުރާމަ ހުއްޓާލުމަށް ދެ ޤައުމަށް ގޮވާލައްވަމުން ގެންދަވާއިރު، އ.ދ.ގެ އިންސާނީ ހައްޤުތަކުގެ ވެރިޔާ ވޮލްކަރ ޓުރްކް ވިދާޅުވެފައި ވަނީ، މިއަހަރުގެ ފުރަތަމަ ތިން މަހު ޒަޚަމްވި މީހުންގެ އަދަދު ވޭތުވެ ދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 30 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.