ކ. މާލެ
|
28 މާރޗް 2025 | ހުކުރު 19:10
އަށް ރަށުގައި ފުލުހުންގެ މަރުކަޒު އެޅުމަށް އެއްބަސްވުމުގައި ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން
އަށް ރަށުގައި ފުލުހުންގެ މަރުކަޒު އެޅުމަށް އެއްބަސްވުމުގައި ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން
ޕޮލިސް
ފުލުހުންގެ ޚިދުމަތް
އަށް ރަށުގައި ފުލުހުންގެ މަރުކަޒު އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފި
މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ، ފެނަކަ އަދި އާރްޑީސީއަށް
ޕޮލިސް ޕޯސްޓުތަކާއި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްތައް ތަރައްގީކުރާނެ
ފުލުހުންގެ ޚިދުމަތް ސަރަހައްދީ ފެންވަރުގައި ފޯރުކޮށްދެވޭނެ

ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް އިތުުރު އަށް ރަށުގައި ފުލުހުންގެ މަރުކަޒު އެޅުމަށް ތިން ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ބުރާސްފަތި ދުވަހު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތުގައި ސޮއިކޮށްފައިވަނީ، މި މާރިޗު މަހުގެ 13 ވަނަ ދުވަހު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އިތުރު ހަ ރަށުގައި އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އިތުުރު އެއް ރަށާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ފަރާތުން އިތުރު އެއް ރަށުގައި ފުލުހުންގެ މަރުކަޒު އެޅުމަށެވެ.

އެގޮތުން ކުރިން ސޮއިކޮށްފައިވާ އެއްބަސްވުމާއެކު މި މަޝްރޫއުގެ ދަށުން އެމްޓީސީސީން 21 ރަށެއްގައި، އާރުޑީސީއިން 21 ރަށެއްގައި އަދި ފެނަކައިން 41 ރަށެއްގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުތަކާއެކު ޖުމުލަ 83 ރަށެއްގައި ފުލުހުންގެ މަރުކަޒު ގާއިމުކުރެވޭނެ ކަމަށް ފުލުހުން ބުނެއެވެ.

މި އެއްބަސްވުންތަކުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔާޑް އަހުމަދު ސައުދީއެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ ރިޓަޔާޑް މުހައްމަދު ނަޖާހެވެ.

މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވޭ އިމާރާތްތަކުގެ ތެރޭގައި ފުލުހުންގެ ޚިދުމަތް ސަރަހައްދީ ފެންވަރުގައި ފޯރުކޮށްދިނުމަށް ބޭނުންވާ އިމާރާތްތަކާއި، އަތޮޅު ފެންވަރުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އިމާރާތްތައް ހިމެނެއެވެ. މީގެ އިތުރުން، ރަށްރަށުގައި ފުލުހުންގެ ޚިދުމަތް އަލުން ފެށުމަށާއި ތަރައްގީކުރުމަށް ޕޮލިސް ސްޓޭޝަންތައް ގާއިމުކުރުމާއި، ޕޮލިސް ޕޯސްޓުތަކާއި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްތައް ތަރައްގީކުރުން ވެސް ހިމެނޭ ކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއެވެ.

- ކޮމެންޓް