މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދު ކޯޓަށް ހާޒިރުކުރުމަށްފަހު 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ކުރި އަމުރުގެ އިސްތިއުނާފް މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި އެވެ.
ޝައްމާން ވަހީދު ބަންދު ކުރި މައްސަލަ އިސްތިއުނާފު ކުރަން ހައިކޯޓަށް ހުށަހަޅާފައިވާއިރު، ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރީ މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ. އަދި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައި ވަނީ 22 މާރޗް 2025 ވީ ހޮނިހިރު ދުވަހު އެވެ.
ޝައްމާންގެ ފަރާތުން 26 މާރޗްގައި ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ މައްސަލަ ބަލާ ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ބެލެވޭ ނަމަ ނުވަތަ ހައްގުތައް ގެއްލޭކަމަށް، ނުވަތަ އިންސާފަށް ހުރަސް އަޅާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމަކުން އިސްތިއުނާފުކުރުމަށް ހުއްދަކުރާ މިންގަނޑަށް ވާސިލް ވެވޭނެ ކަމަށް ސުޕްރީމް ކޯޓުން 2019 ވަނަ އަހަރު ނިންމި ނިންމުމެއްގައި ބަޔާންކުރާ ކަމަށެވެ.
ޝައްމާންގެ ފަރާތުން ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ޝައްމާންގެ މައްޗަށް ތުހުމަތު ކުރެވެނީ ކޮރަޕްޝަންގެ ފައިސާ އާއި ގުޅޭގޮތުން ކަމަށް ވާއިރު ކޮރަޕްޝަންގެ މައްސަލަތައް ނުބަލާ މަނީ ލޯންޑްރިންގެ ތަހުގީގު އެއްވެސް ވަރަކަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި މި މައްސަލައިގައި އޭސީސީގެ ބައިވެރިވުމެއް ނެތި ފުލުހުން އެ ތަހުގީގުކޮށްފައި ވަނީ މުޅީ ތަހުގީގު ޤާނޫނާއި ޚިލާފުވާ ގޮތަށް ކަމަށް ބަޔާންކޮށްފައިވެ އެވެ.
އެހެންނަމަވެސް ހައިކޯޓުން ބުނެފައި ވަނީ ޝައްމާން އާއި މެދު ފުލުހުން ކުރާ ތުހުމަތަކީ މަނީލައުންޑަރ ކުރުމުގެ ތުހުމަތު ކަމަށް ވީ ނަމަވެސް، އޭނާ ބަންދުގައި ބެހެއްޓުމުގެ އަމުރު ނެރެފައި ވަނީ ކޮރަޕްޝަނާއި ގުޅޭ ހެކި ވަޒަންކޮށްގެން ކަމަށެވެ. އަދި އިސްތިއުނާފު ކުރާ އަމުރު ނެރުނީ ކޮރަޕްޝަނާއި ގުޅޭ ކޮން ހެއްކަކަށް ރިއާޔަތްކޮށްގެންކަން ތަފްސީލްކޮށްފައި ނުވާ ކަމަށް ހައިކޯޓުން ވަނީ ބުނެފަ އެވެ.
ޝައްމާން ހުށަހެޅި މައްސަލައިގައި އެ މައްސަލަ އަށް އިސްތިއުނާފީ ކޯޓަކުން ވަންނަންޖެހޭ ފަދަ ހާލަތެއް ބަޔާންކޮށްފައި ނުވާތީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް އެ ކޯޓުން ވަނީ ބުނެފަ އެވެ.
ޝަމްއާން ހައްޔަރު ކުރީ އޭނާ ދިރިއުޅޭ ގެ ބަލާ ފާސްކުރުމަށް ފަހު ފުލުހުން ގެންދިޔަ ތަކެތީގެ އިންވެންޓްރީގައި ސޮއިކުރުމަށް 21 މާރިޗް 2025 ވީ ހުކުރު ދުވަހުގެރޭ ހެންވޭރު ޕޮލިހަށް އޭނާ ހާޒިރުވުމުންނެވެ.