މަޖިލިސް ކޮންޓްރޯލް ކުރެއްވުމަށް ވެރިކަން ކުރާ ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު، އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ފަލާހާ ހަވާލު ކުރައްވައިފައިވަނިކޮށް، މަޖިލީހުގައި އެމްޕީ ފަލާހުގެ ބާރު އޮތްކަން ދައްކާލައްވައިފި އެވެ.
ބުރާސްފަތި ދުވަހު ބޭއްވި މަޖިލީހުގެ ދެވަނަ ދައުރުގެ އެންމެ ފަހު ޖަލްސާ ނިންމާލެއްވުމަށް ފަހު ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި މެމްބަރު ފަލާހް ވަނީ ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ބާރީއަށް ޖެއްސުން ކުރައްވާ މަންޒަރުވެސް މީދޫ ދާއިރާގެ މެމްބަަރު ރޮޒެއިނާ އާދަމް ކުރެއްވި ފޭސްބުކް ލައިވްއިން ފެނިގެންދެއެވެ.
މީގެ އިތުރުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޢަބްދުﷲ (މުހައްމާ) އާއި ދެބޭފުޅުން ސަމާސަ ކުރައްވާ މުހައްމާގެ އަތުގައި ހިއްޕަވައި ހޫރާލެއްވި މަންޒަރު ވީޑިއޯތަކުން ފެނިގެންދެއެވެ.
ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ ފަލާހަކީ 95 ކިލޯގެ ބަރު އުފުއްލަވާ ބޭފުޅެއް ކަމަށާއި މަޖިލިސް ކޮންޓްރޯލް ކުރުމަށް "ހަމަ ބްލޭންކްކޮށް" އެ ހުއްދަދީފައިވާ ކަމަށެވެ.
އެގޮތުން ފަލާހް ބޭނުންފުޅު ގޮތަކަށް މަޖިލީހުގެ މަސަތްކަތް ކޮންޓްރޯލް ކުރެއްވުމަށް ޕީޖީ ގްރޫޕްގެ އެންމެ އިސް މީހެއްގެ ހައިސިއްޔަތުން އެހުއްދަ ފަލާހަށް ދީފައިވާ ކަމަށް ނިހާން ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން މަޖިލީހުގައި އިހްތިޖާޖް ކުރަމުންދަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ނުކުރާކަމަށް ބުނެއެވެ.
ދެވަނަ ދައުރު މިނިގެން ދިޔައިރު ބާއްވާފައި ވަނީ 11 ޖަލްސާއެވެ. މަޖިލިސް މެމްބަރުން މިހާރު ވަނީ އެއް މަހުގެ ޗުއްޓީއަކަށް ގޮސްފައެވެ.