މަޖިލީހުގެ ރިޔާސަތުގެ މޭޒަށާއި މައިނޯރިޓީ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިޙްގެ ކޮޓަރިކޮޅަށް ބިސް ޖަހައިފިއެވެ.
ރިޔާސަތުގެ މޭޒަށް ބިސް ޖަހާފައިވަނީ ޖަލްސާ ފެށުމުގެ ކުރިންނެވެ. އިބޫގެ ކޮޓަރިކޮޅަށް ބިސްޖަހާފައިވަނީ ސިފައިންގެ އެހީތެރިކަމާއެކު ބޭއްވި ޖަލްސާގައި މަޖިލީހުގެ މެމްބަރުންގެ މެދުގައި ހިންގި ހަމަނުޖެހުގެ ތެރެއިންނެވެ.
އިބޫގެ ކޮޓަރިކޮޅަށް ބިސް ޖެހިއިރު، އެ ވަގުތު ކޮޓަރިކޮޅުގައި ހުންނެވި ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއީލްގެ ގަޔަށް ވެސް ބިސް ޖެހިކަމަށް ބައެއް މެމްބަރުން ރާއްޖެ އެމްވީއަށް ވިދާޅުވި އެވެ. މީގެ އިތުރުން މަޖިލީހުގެ ކޮރިޑޯ އަށް ވެސް ބިސް ޖަހާފައިވެ އެވެ.
އިބޫގެ ކޮޓަރިކޮޅަށް ބިސް ޖެހީ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ކަމަށް އެމްޑީޕީއަށް ނިސްބަތްވާ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވި އެވެ. ނަމަވެސް މޫސަ ވަނީ އެ ތުހްމަތު ދޮގު ކުރައްވައިފަ އެވެ.
ސިފައިން ސަލާމަތީ ކަންކަން ބަލަހައްޓަމުން ދަނިކޮށް މަޖިލީހުގެ އިދާރާއަށް ބިސް ވައްދާފައިވާއިރު، މަޖިލީހުގެ އިމާރާތުގެ ތެރޭގައި މެމްބަރުން މާރާމާރީ ވެސް ހިންގި މަންޒަރު ފެނިގެން ދިޔަ އެވެ.