ފެނިގެންދަނީ ގާނޫނު ބޭނުންކޮށްގެން ރައީސް އެމަނިކުފާނުގެ އަނބިކަނބަލުން މެދުވެރިކޮށް ރައްޔިތުންނަށް ބިރުދައްކާ މަންޒަރު ކަމަށް މާޒް ސަލީމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން އަންގާރަ ދުވަހު ފުލުހަށް ހާޒިރުކުރުމުން ރާއްޖެއެމްވީއާއި ވާހަކަ ދައްކަވަމުން މާޒް ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ހޮވި ވަޑައިގަތުމަށްފަހު، ރައީސްއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ނުކުމެ ކުރައްވާ ކަމަކީ ރައްޔިތުންގެ ގައިގައި ޗެންޗޭނު ޖެހުން ކަމަށެވެ. މާޒް ވިދާޅުވީ ޗިލްޑްރަންސް އޮމްބަޑްސްގެ ގާނޫނަކީ 19 ވަނަ މަޖިލީހުގައި ވަރަށް މާތް މަގުސަދެއްގައި ފަރުމާ ކުރި ގާނޫނެއް ކަމަށެވެ.
ނަމަވެސް މިއަދު ފެންނަނީ ރައީސްގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން، އެ ގާނޫނު އަނބިކަނބަލުން ލައްވާ ނަހަމަގޮތުގައި ބޭނުންކޮށްގެން ރައްޔިތުންނަށް ބިރުދެއްކުން ކަމަށެވެ. މިނިވަން ހުރިހާ މުއައްސަސާތައް ހުރީ ޕެރަލައިޒްކޮށްފައި ކަމަށާއި، މައްސަލައެއް ހިފައިގެން ދާން ބަލާއިރު ސުޕްރީމް ކޯޓުވެސް އޮތީ ޕެރަލައިޒްކޮށްފައި ކަމަށް މާޒް ވިދާޅުވި އެވެ.
އަޅުގަނޑުމެންގެ އެ ހިތްވަރު އެބަހުރި. އަޅުގަނޑުމެން ނުކުމެ އެކަމަށް ވަކާލާތުކުރާނަން. އަޅުގަނޑުމެންގެ ޓީމު ކިތައްމެ ކުޑަކަމުގައިވީ ނަމަވެސް އަޅުގަނޑުމެންގެ ފަހަތުގައި އެބައޮތް ވަރަށް ބައިވަރު މީހުން. އަޅުގަނޑުމެން އެންމެ ތަންފުކެއްވެސް ދުލެއް ނުދޭނަން. ދުވާލު ދެއިރަށް މިތަނަށް ގެނައިކަމުގައިވިޔަސް ސާފު ބަހުން މިކަން އޮތްގޮތް އަޅުގަނޑުމެން ރައްޔިތުންނަށް ކިޔައިދޭނަން. އަންނަ ހުރިހާ ޗިޓަކަށް މަރުހަބާ ކިޔަން މިހުރީ ތައްޔާރަށް. މުއިއްޒު ހީކުރަނީ ފުލުހުން މިތަނަށް އަަހަރުމެން ގެނައީމާ އަހަރުމެން ފުލުހުން ދެކެ ރުޅި އަންނާނޭ. އެހެން ނުވާނެ.
މާޒް ސަލީމް![]()
މާޒް ސަލީމް ވިދާޅުވީ ރައީސް އުޅުއްވަނީ ފުލުހުންނަކީ އަނިޔާވެރި ބައެއްކަމަށް ހައްދަވާ އެ ޓެގް އަޅުއްވަން ކަމަށާއި، ނަމަވެސް އެކަން އެގޮތަށް ނުވާނެ ކަމަށެވެ. އަދި ރައީސްއާއި އެމަނިކުފާނުގެ އަނބިކަލުން އުޅުއްވަނީ ސައިޒް ބޮޑު ބޫޓަކަށް އެރިގެން ކަމަށާއި، އެހެންކަމުން ރައްޔިތުން ތިބޭ އެ ބޫޓުގެ ސައިޒު ދައްކަން ނުކުމެ ކަމަށް މާޒް ވިދާޅުވި އެވެ.
މާޒްގެ އިތުރުން ސަރުކާރާއި ދެކޮޅަށް އެމްޑީޕީން ކުރަމުންދާ މުޒާހަރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބިރުދެއްކުމުގެ ގޮތުން ފުލުހަށް ހާޒިރުކޮށް މުޒާހަރާގައި ބައިވެރި ނުވުމަށް ގެންދަނީ ޝަރުތުކުރަމުންނެވެ.