ކ. މާލެ
|
18 މާރޗް 2025 | އަންގާރަ 14:02
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
މަޖިލިސް 20
މަޖިލީހުގެ ކޮމިޓީތަކަށް މީހުން ހާޒިރުވުމަށް ދޭ މުއްދަތު ކުރުކުރުމަށް ފާސްކޮށްފި
އެ ބަދަލަށް ހުރިހާ މެމްބަރުން ވެސް ޖުމްލަކޮށް ތާއީދުކުރައްވާ

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް މީހުން ހާޒިރުވުމަށް ދޭ މުއްދަތު ކުރުކުރުމަށް މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި އިސްލާހު ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ނަޞީރެވެ. މި އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ ގަވައިދަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ އެ ގަވައިދުގެ 180 ވަނަ މާއްދާގެ (ރ) އިސްލާހު ކުރުމަށް ހިމަނާފައެވެ. އެގޮތުން މަޖިލީހުގެ ކޮމިޓީއަކަށް އެއްވެސް ފަރާތެއް ހާޒިރުކުރާނަމަ އެ ފަރާތެއް ހާޒިރުކުރުމަށް ނިންމާ ތާރީހާއި ހާޒިރު ވާން ޖެހޭ ތާރީހާއި ދެމެދު ބަންދު ދުވަސްތައް ނުހިމެނޭ ހެން 5 ދުވަސް ދޭން ވާނެ ކަމަށް ވަނީ ބުނެފައެވެ. އަދި ކޮމިޓީ އަށް ހާޒިރުކުރުމަށް ނޯޓިސް ފޮނުވާ މުއްދަތުން ފެށިގެން ބަންދު ދުވަސްތައް ނުހިމެނޭހެން 3 ދުވަސް ދިނުމަށް ފަހުގަ ނޫނީ އެއްވެސް ފަރާތެއް ކޮމިޓީ އަށް ހާޒިރުކޮށްގެން ނުވާނެ ކަމަށް ވަނީ ބުނެފައެވެ.

ހަމައެހެންމެ މި ގަވާއިދުގައި މައުލޫމާތު ހޯދުމަށް ނުވަތަ ކަމެއް ސާފުކުރަން އެދި ލިޔުމެއް ހޯދަން އެދެވޭނީ އެކަމަށް އެދޭ ތާރީހުން ފެށިގެން ބަންދު ދުވަސްތައް ނުހިމެނޭހެން 5 ދުވަސް ދޭން ވާނެ ކަމަށް ވަނީ ބުނެފައެވެ. މި ގަވައިދުގައި މައުލޫމާތެއް ހޯދުމަށް ނުވަތަ ކަމެއް ސާފުކުރުމަށް މުއްދަތެއް ބަޔާންކޮށްފައި ނުވާ ހާލަތުގައި އެ މައުލޫމާތެއް ސާފުކުރުމަށް ލިޔުމެއް ހޯދުމަށް އެދެވޭނީ އެކަމަށް އެދޭ ތާރީހުން ފެށިގެން ބަންދު ދުވަސްތައް ހިމެނޭހެން 3 ދުވަސް ދިނުމަށް ފަހުގައި ކަމަށް ވަނީ ބުނެފައެވެ.

އެ ބަދަލަށް ހުރިހާ މެމްބަރުން ވެސް ޖުމްލަކޮށް ތާއީދުކުރައްވައެވެ. ނަމަވެސް އެ އުސޫލު އެއް ހަމައަކުން ނުގެންގުޅޭ ނަމަ އެކަމުގެ ފައިދާ އެއް ނުވާނެކަން އިދިކޮޅު މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.

- ކޮމެންޓް