ފުލުހަށް ހާޒިރުކުރާ އަންހެން ކަނބަލުންގެ ކުށަކީ ހައްގު ބަސް ބުނެ ވަކާލާތުކުރުން ކަމަށް މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ސިލްސިލާކޮށް ކުރިއަށްގެންދާ މުޒާހަރާގައި، ގަލޮޅު ޕޮލިސް ކައިރިއަށް އެއްވެ ވާހަކަ ދައްކަވަމުން ރާއީ ވިދާޅުވީ އެމްޑީޕީ މުޒާހަރާގައި ބައިވެރިވާ އަންހެން ކަނބަލުން އިރުއިރުކޮޅާ ފުލުހަށް ހާޒިރުކުރަމުންދާ ކަމަށެވެ. އެ އަންހެން ކަނބަލުންގެ ކުށަކީ ހައްގު ބަސް ބުމުނުމާއި، ދިވެހި ދިދަ ހިފައިގެން ތިބެ ވަކަލާތުކުރުން ކަމަށެވެ. ރާއީ ވިދާޅުވީ މިވަގުތަށް ހައްޔަރުކުރަން އެންމެ އައުލާންކަން ބޮޑީ އާޒިމާ ޝަކޫރު ކަމަށެވެ.
ރާއީ ވިދާޅުވީ އާޒިމާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންގެ ހައްގާއި ކަރާމާތް ގެއްލުވާލާފައި ކަމަށެވެ. އަދި މުޅި ރާއްޖެއަށް ރައީސްގެ ދަރިކަލުންގެ ނަން ބޭޒާރުކޮށްލާފައި ކަމަށާއި، އާޒިމާ ޝަކޫރަކީ މިވަގުތުން ވަގުތަށް ވެސް ހައްޔަރުކުރަން ޖެހޭ ފަރާތެއް ކަމަށެވެ.
ރާއީ ވިދާޅުވީ އެމްޑީޕީ މުޒާހާރާގެ ބައިވެރިންނަށް ތަފާތު ހަމަލާތައް އަމާޒުވަމުން އަން ކަމަށެވެ. އަދި މުޒާހަރާތައް ހުއްޓާލާފައި ގެއަށް ވަންނަންވީތޯ ދިވެހި ރައްޔިތުން ނިންމުމަށް ރާއީ ވަނީ ވިދާޅުވެފައެވެ. ރާއީ ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ކަޅޮތެޔޮ ޖެހިތަނެއް ނުފެންނަ ކަމަށާއި، ފުލުހަށް މީހުން ހާޒިރުކުރާތަނެއް ނުފެންނަ ކަމަށެވެ. ރާއީ ވިދާޅުވީ ރާއްޖެ މިހާ ހިސާބަށް އައިސްފައި އޮތީ ވަރަށް ދުވަހުގެ މަސައްކަތުން ކަމަށާއި، ނަމަވެސް ފެނިގެންދަނީ މިދިޔަ 10 ވަރަކަށް ދުވަހުގެ ތެރޭގައި މުޅި ރާއްޖެއަށް މި ވަބާ ފެތުރިގެންދާތަން ކަމަށެވެ.
ދުވަހަކަށްވުރެ ދުވަހެއް މި އަނިޔާވެރިކަން އިތުރުކުރަން އަޅުގަނޑުމެން ތިބޭނީތޯ ނުވަތަ މަގުމައްޗަށް ނުކުމެ އަޅުގަނޑުމެން މިކަމުގައި އުޅޭނީތޯ. އަޅުގަނޑު އެދެން ފުލުހުން އަޅުގަނޑުމެންނަށް އެއްބާރުލުންދޭން. އެބޭފުޅުންނަށް އިނގޭ ތާކުންތާކު ނުޖެހޭކަންތަކުގައި ކަން ގެންނަނީ.
މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ![]()
އެމްޑީޕީން ސަރުކާރާއި ދެކޮޅަށް މުޒާހަރާކުރަމުންދާތި، ސަރުކާރުން ފުލުހުންނަށް އަންގައިގެން ބާރުގެ ބޭނުންކޮށް، މުޒާހަރާގެ ބައިވެރިން ހައްޔަރުކޮށް، އިންޒާރުދީ ޝަރުތުކޮށް މުޒާހަރާގައި ބައިވެރި ނުވުމަށް އަންގާފައި އެބަހުއްޓެވެ. އަދި އެމްޑީޕީގެ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަށް ޗިޓް ފޮނުވާ ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާފައިވެއެވެ/
އެމްޑީޕީގެ މުޒާހަރާތަކާއި ގުޅިގެން މިހާތަނަށް ހާޒިރުކުރި މީހުންގެ ތެރޭގައި ރީޝާ އަހުމަދު، އާއިޝަތް ނަޖުދާ އަލީ، ފާތިމަތު ޝިއުނާ، ހަދީޖާ މުހައްމަދު، މަރިޔަމް ޒުބައިރުގެ އިތުރުން މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ، އާރުޑީސީގެ ކުރީގެ އެމްޑީ މޫސާ އަލި މަނިކުގެ އިތުރުންވެސް މުޒާހަރާގައި ބައިވެރިވާ އިތުރު ފަރާތްތައް ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.