މޯލްޑިވްސް އިމިގްރޭޝަނާއި، ކަމާގުޅުން ހުރި މުއައްސަސާތަކުން ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ގަވައިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދިޔަ 6000ށް ވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްލައިފިއެވެ.
އިމިގްރޭޝަން ވޮޗަށް ލިބޭ ރިޕޯޓުތަކާ ގުޅިގެން އިމިގްރޭޝަނުން ގެންދަނީ ޚާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ. އެގޮތުން މިމަހުގެ 5 ދުވަހު ހުށަހެޅުނު ރިޕޯޓަކާ ގުޅިގެން މ. ހަރމަނީ ނަމަކަށް ކިޔާ ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ބުނީ އެ ގޭގެ ފުރަތަމަ ފަންގިފިލާގައި ރޭގަނޑު 9 އަކުން ފެށިގެން މެންދަމު 2 ޖެހުމާ ހަމައަށް ކާބޯތަކެތި ތައްޔާރުކޮށް ޑެލިވަރީކުރުމުގެ ވިޔަފާރި އޮންލައިންކޮށް ކުރަމުންދިޔަ ކަމަށާއި، މިތަނުގައި މަސައްކަތް ކުރަމުންދިޔަ 3 ބިދޭސީން މަސައްކަތް ކުރަމުންދިޔައީ ދޫކޮށްފައިވާ ހުއްދައިގެ ބޭރުން ގަވައިދާ ޚިލާފަށް ކަމަށެވެ. އަދި 3 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ހޯމް މިނިސްޓްރީ، ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މިހާތަނަށް ކުރެވުނު މަސައްކަތްތަކާއި ގުޅޭގޮތުން އިމިގްރޭޝަނުން ބުނީ ކާމިޔާބު މަސައްކަތްތަކެއް ކުރެވޭ ކަމަށާއި، އާއްމު ރައްޔިތުންގެ އެއްބާރުލުމާއެކު ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގެނެވިފައިވާ ކަމަށެވެ.
ރާއްޖޭގެ ގާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ހަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް އިމިގްރޭޝަނުން ބުނީ މިހާތަނަށް 6076 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުން ނިސްބަތްވާ ގައުމުތަކަށް ފޮނުވާލެވިފައިވާ ކަމަށެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށައެޅުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި އޮންލައިން ޕްލެޓް ފޯމެއްވެސް ވަނީ ގާއިމްކޮށްފައެވެ. އިމިގްރޭޝަން ވޮޗަށް މިހާތަނަށް 1297 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފަވާއިރު މީގެތެރެއިން ނުނިމި އޮތީ އެންމެ 11 މައްސަލަ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ރާއްޖޭގައި ގަވައިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް އޮޕަރޭޝަން ކުރަނގީގެ ނަމުގައިވެސް ހަރަކާތެއްދަނީ ހިންގަމުންނެވެ. އެގޮތުން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން 77ހާސް ބިދޭސީންގެ މައުލޫމާތު ވަނީ ނަގާފައެވެ.