ކ. މާލެ
|
17 މާރޗް 2025 | ހޯމަ 02:08
މަރިޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް ކަޅުތެޔޮ ޖަހާފައިވަނީ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި - 17.03.2025
މަރިޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް ކަޅުތެޔޮ ޖަހާފައިވަނީ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި - 17.03.2025
ރާއްޖެއެމްވީ
ހަމަލާ ދިނުން
މަންދީގެ ގަޔަށް ކަޅު ތެޔޮ ޖަހައިފި، މުއިއްޒު އާއި ސާޖިދާގެ އަތެއް މިކަމުގައި ވެދާނެ ކަމަށް މަންދީ ބުނި
މަންދީގެ ގަޔަށް ކަޅު ތެޔޮ ޖަހާފައިވަނީ ހެލްމެޓް އަދި މާސްކް އަޅައިގެން ސައިކަލުގައި އައި ބައެއް ކަމަށް މައުލޫމާތު ލިބޭ
މިއީ ރާވައިގެން ދިން ހަމަލާއެއް ކަމަށް ދެކޭ ކަމަށް މަންދީ ބުނޭ
މި ހަމަލާގެ ފަހަތުގައިި ރައީސް މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ ނުހިމެނޭނެ ކަމަށް ގަބޫލު ކުރަން ދަތި ކަމަށް މަންދީ ބުނޭ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ މަރިޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް އާދިއްތަ ދުވަހުގެރޭ ކަޅު ތެޔޮ ޖަހައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މާލޭގެ ވުޑްބެރީ ރެސްޓޯރަންޓް ހިމެނޭ ސަރަހައްދުގައެވެ. މަންދީގެ ގަޔަށް ކަޅު ތެޔޮ ޖަހާފައިވަނީ ހެލްމެޓް އަޅައިގެން މާސްކް އަޅައިގެން ސައިކަލުގައި އައި ބައެއް ކަމަށް ރާއްޖެއެމްވީ އަށް ވަނީ މައުލޫމާތު ލިބިފައެވެ.

މަންޒަރު ދުށް ފަރާތަކުން ބުނި ގޮތުގައި، ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ މައި ހަރުގެ އާ ހިސާބުން ކަޅު ތެޔޮ ޖެހި މީހުން އައީ މަންދި ފޮލޯ ކުރަމުން ކަމުގައެވެ.

ހާދިސާ ހިނގީ އެމްޑީޕީ އިން އާދިއްތަ ދުވަހުގެ ރޭ މާލޭގައި ބޭއްވި މުޒާހަރާގައި ބައިވެރިވުމަށް ފަހު ސައިކަލުގައި ދުއްވާފައި ގެޔަށް ދިޔަ މަގުމަތީގައެވެ.

"ސައިކަލުގައި އައިސް މަންދި އިން ފަޅިން ކުރިއަށް އަރާ މަންދި ލޮލަށް [ކަޅު ތެޔޮ] ޖަހާފައި، ފުޅި އެއްލާލާފައި ނައްޓާލީ؛" ކަމަށް މަންދި އާ އެކީ ވަކި ސައިކަލެއްގައި ދުއްވާފައި ދިޔަ ފަރާތުން މިކަން ހިނގި ގޮތް ކިޔައިދެމުން ބުނެފައިވެއެވެ.

ޙާދިސާ ހިނގި ސަރަހައްދުގައި ހުރެ މީޑިއާ އާ ވާހަކަ ދައްކަމުން މަންދި ބުނެފައިވަނީ، މިއީ ވަކި ބަޔެއްގެ ނުފޫޒުން ވަކި ބަޔަކު ފޮނުވައިގެން ކުރި ކަމެއް ކަމުގައެވެ.

"އަޅުގަނޑަށް މިވާހަކަ ބުނަން މަޖުބޫރު ވަނީ އަޅުގަނޑާ ހަމަ ޒާތީވެފައިވާތީ،" ކަމަށް މަންދި ބުންޏެވެ.

މަންދި ބުނި ގޮތުގައި ރައީސުލް ޖުމްހޫރިއްޔާ މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާގެ އަތެއް މިކަމުގައި ނުވާނެ ކަމަށް ނުދަންނާވާނެ ކަމަށެވެ.

މަންދީގެ މޫނަށާއި ގަޔަށް އަދި ސައިކަލަށް ކަޅުތެޔޮ ޖަހާފައިވާއިރު، އެ ސަރަހައްދަކީ ގިނަ އަދަދަކަށް މަގުމަތީގެ ކެމެރާ ހުރި ސަރަހައްދެއްކަން މަންދީ ވެސް ވަނީ ފާހަގަ ކޮށްފައެވެ.

ހާދިސާ ހިނގި ސަރަހައްދަށް ފުލުހުން އައިސް ހަރަކާތްތެރިވި މަންޒަރު ނޫސްވެރިންނަށް ފެނިފައިވެއެވެ.

މަރިޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް ކަޅުތެޔޮ ޖަހާފައިވަނީ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި - 17.03.2025

މި ހާދިސާ ހިނގާފައިވަނީ އެމްޑީޕީއިން ކުރިއަށް ގެންދާ މުޒާހަރާތަކާ ގުޅިގެން ފުލުހަށް ހާޒިރުވުމަށް މަންދީ އަށް ތިންވަނަ ޗިޓެއް ފޮނުވާފައިވަނިކޮށެވެ. ފުލުހުން ބުނެފައިވާ ގޮތުގައި މަންދީ ހާޒިރުކުރަނީ ޗިލްޑްރަންސް އޮމްބޮޑްސްޕަރސަންގެ އޮފީހުން ހުށަހަޅާފައިވާ، ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ވާހަކަދައްކާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.

މި މައްސަލަ ތަޙުޤީޤުކުރަން ފަށާފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މަންދީ ހިމެނޭގޮތަށް ބައެއް ފަރާތްތަކުގެ މައްޗަށް މަދަނީ ދަޢުވާކުރަން ނިންމެވި ދަނޑިވަޅެއްގައެވެ. ސާޖިދާގެ ފަރާތުން މަދަނީ ދަޢުވާތައް ކުރަނީ މަންދީ ރައީސް މުއިއްޒުގެ ދަރިކަލުންގެ "ކަރާމާތައް" އަރައިގަނެފައިވާ ކަމަށް ބުނެއެވެ.

މި މައްސަލަ ފެންމަތި ކުރި ހިސާބުން ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ހުއްޓުމެއް ނެތި ގެންދަނީ މަންދީ އަށް އެކި ގޮތްގޮތުން ފުރައްސާރަ ކޮށް ބިރު ދައްކާ އިންޒާރު ދެމުންނެވެ.

- ކޮމެންޓް