ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުޅޭ "ސިމްޕަތީ ކާޑު" މިއަދު ދިވެހިން ބަލައި ނުގަންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޔައުގޫބް އެފަދައިން ވިދާޅުވީ އާދިއްތަ ދުވަހުގެ ރޭ އެމްޑީޕީގެ މުޒާހަރާގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ދަރިންގެ އަބުރު ނަގާލާ ކަމަށް ބުނެ މަރިޔަމް ޒުބައިރު (މަންދީ) އާއި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އިތުރުން އެ ޕާޓީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް އަށް މަދަނީ ދައުވާ ކުރުމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވަނީ ހާމަކުރައްވާފައެވެ.
އެކަމަށް އިޝާރާތްކުރައްވާ ވާހަކަދައްކަވަމުން، ޔައުގޫބް ވަނީ ދިވެހި ޤައުމުގައި ހުރިހާ އެންމެން ވެސް ވާން ޖެހޭނީ ހަމަހަމަ ކަމަށާއި ކަރާމާތެއް އޮންނަން ވާނީ ވަކި ބައެއްގެ އެކަނި ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ދަރިންގެ އަބުރު ނަގާލާފައިވާ ކަމަށް ބުނެ ދައްކާ ވާހަކަ އަކީ އާއްމުންގެ ހަމްދަރުދީ ހޯދަން ކުރާ ކަމެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ. ނަމަވެސް މިއަދު ސަރުކާރުގައި ތިބީ ކުރިން ކުޑަކުދިންގެ ކަރާމާތް ގެއްލޭ ގޮތަށް އަމަލު ކުރި މީހުން ކަމަށް ފާހަގަކުރައްވާ ޔައުގޫބް ވަނީ އެ ފަރާތްތަކަށް ފާޑު ވިދާޅުވެފައެވެ.
މާމޮޅު ކަމެއް ކަމަށް ވިސްނައިގެން ސިމްޕަތީ ކާޑު ކުޅެން އުޅޭނެ ކަމެއް ނެތް. ބަޣާވާތްކޮށްގެން އެމްޑީޕީ ސަރުކާރު ވައްޓާލާފަ އޭރުގެ ސްކޫލް ކިޔަވާ ކުއްޖެއް މިހާރުގެ މެމްބަރު މީކާއިލް ކިޔަވަމުން ދިޔަ ތަނުން ސަސްޕެންޑް ކުރި ތަން ދުށީމު. އެހެންވީމަ ސިމްޕަތީ ކާޑު ކުޅޭނެ ކަމެއް ނެތް.
މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބް އަބްދުﷲ![]()
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަށް އިންޒާރު ދިން މައްސަލަ އަށް އޭނާ އަލިއަޅުވާލެއްވިއެވެ. އެއީ ވަރަށް "ސިކު" ދަށު ދަރަޖައިގެ ކަމެއް ކަމަށް ޔައުގޫބް ވިދާޅުވިއެވެ. މި ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަން ފަޅާ އަރުވާލާ ނޫސްވެރިންގެ ގައިގައި އިނގިލި ކުރި ޖައްސާލިޔަސް ސަރުކާރު ވައްޓާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނޫސްވެރިންނަށް ގޯނާ ކުރުމަކީ މި ވެރިކަމުގެ ނިމުމަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.