ކެޕިޓަލް ޓްރެވަލް މޯލްޑިވްސްއިން ވަނީ 15 އަހަރުގެ މެދުކެނޑުމަކަށްފަހު 'ބެޓަރ ޓޫރިޒަމް ލިސްބަން ޓްރެވަލް މާކެޓް' - ބީޓީއެލް ޕޯޗުގަލްގައި ދިވެހިރާއްޖެ ތަމްސީލުކޮށްފައެވެ.
ބީޓީއެލްގެ އެންމެ ބޮޑު އެޑިޝަން ފެށުނީ މާރޗް 12 ވަނަ ދުވަހު ޕޯޗުގަލްގެ ލިސްބަންގައެވެ. މި އެޑިޝަންގައި 1،500 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެފައިވެއެވެ. އަދި 100 އަށްވުރެ ގިނަ ބައިނަލްއަޤްވާމީ މަންޒިލުތައް ތަމްސީލުކޮށް، 600 އަށްވުރެ ގިނަ އިވެންޓްތައް ބޭއްވުނެވެ.
ބީޓީއެލްގެ 35 ވަނަ އެޑިޝަން ކުރިއަށްދިޔައީ މާރޗް 16 ގެ ނިޔަލަށެވެ.
މި އިވެންޓުގައި ބައިވެރިވި ފަރާތްތަކަށް 5 ދުވަހުގެ މުއްދަތެއްގައި އައު ސްޓްރެޓެޖީތައް އެކްސްޕްލޯރކޮށް އަދި ޕާޓްނަރޝިޕްތައް ޤާއިމުކުރުމުގެ ފުރުސަތު ލިބިގެންދިޔައެވެ.
ކެޕިޓަލް ޓްރެވަލް އެންޑް ޓުއާރސް ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ ޔޫސުފް ރިފްއަތު ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ލިޔުއްވާފައިވަނީ މި އެގްޒިބިޝަން ވަރަށް ފޯރިގަދަކަމާއެކު ކުރިއަށްދިޔަ ކަމަށާއި، ދިވެހިރާއްޖޭގެ ސްޓޭންޑަށް ވަރަށް ގިނަ ބަޔަކު ޒިޔާރަތްކުރި ކަމަށެވެ. އަދި ދިވެހިރާއްޖެއަކީ ހޫނު މޫސުމުގައި ޗުއްޓީތަކަށާއި ހަނީމޫން ދަތުރުތަކަށް ވަރަށް ބޮޑަށް ޑިމާންޑް އޮތް މަންޒިލެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން ރިފްއަތު ފާހަގަކުރެއްވި ގޮތުގައި ދިވެހިރާއްޖޭގައި އިންވެސްޓަރުންގެ އަދަދު އިތުރުވަމުންދާ ކަމަށާއި، އިންވެސްޓަރުން ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުން ފަޅުރަށްތަކާއި، ފަރުތަކާއި އެހެނިހެން ސަރަޙައްދުތައް ކުއްޔަށް ދޫކުރަމުން ގެންދާ ކަމަށާއި، ނަމަވެސް މައިގަނޑު މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ނުކުރާ ކަމަށް ވިދާޅުވިއެވެ. އެއީ ދިވެހިރާއްޖެ އެކަށީގެންވާ ވަރަށް ޕްރޮމޯޓް ނުކުރާކަމެވެ.
ޚާއްޞަކޮށް ރިސޯޓުތަކުގެ ވެރިން ވަރަށް ބޮޑަށް ދަތިތަކާ ކުރިމަތިލަމުންދާ ކަމަށް ފާހަގަކުރައްވަމުން ރިފްއަތު ވިދާޅުވީ މިފަދަ އިވެންޓްތަކަކީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން ކުރަންޖެހޭ ކަންތައްތައް ކަމަށެވެ.
ދިވެހިރާއްޖެ އެކަށީގެންވާ ވަރަށް ޕްރޮމޯޓް ނުކުރެވޭތީ، މީގެ އަސަރު ޚާއްޞަކޮށް ދިވެހިރާއްޖޭގައި ރިސޯޓު ހިންގާ ފަރާތްތަކަށް ވަރަށް ބޮޑަށް ކުރަމުންދޭ. މިކަހަލަ އިވެންޓްތަކަކީ ދިވެހިރާއްޖޭގެ ޕްރޮމޯޝަން ބޯޑުން ކުރަންޖެހޭ ކަންތައްތައް. އަޅުގަނޑުމެން އަމިއްލައަށް ޓަރކީއަށް ގޮސްފިން، ފެބްރުއަރީ މަހު އަޅުގަނޑުމެން އެތަނަށް ދިޔައިން. ދެން އަނެއްކާ ޕޯޗުގަލް. ދެން އަޅުގަނޑުމެން ރަޝިޔާއަށް ދާނަން، މޮސްކޯގައި ބޭއްވޭ އެމްއައިޓީޓީ ކިޔާ އެގްޒިބިޝަނަކަށް."
ކެޕިޓަލް ޓްރެވަލް މޯލްޑިވްސްގެ ސީއީއޯ ޔޫސުފް ރިފްއަތު ވިދާޅުވިއެވެ.![]()
މީގެ އިތުރުން، ރިފްއަތު ފާހަގަކުރެއްވި ގޮތުގައި ރަޝިޔާއަކީ ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް މަންޒިލް އެވެ. ނަމަވެސް ދިވެހިރާއްޖެ ރަޝިޔާގެ މާކެޓުގައި އެކަށީގެންވާ ވަރަށް ޕްރޮމޯޓް ނުކުރެވޭ ކަމަށާއި، މިކަމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ޚާއްޞަކޮށް ހޫނު މޫސުމުގައި ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ޕޯޗުގަލުން ގިނަ ފަތުރުވެރިން ދަތުރުކުރަނީ ހޫނު މޫސުމުގައެވެ. އަދި ޚާއްޞަކޮށް ހޫނު މޫސުމުގެ ޗުއްޓީތައް ހޭދަކުރުމަށް ދިވެހިރާއްޖެއަށް ދަތުރުކުރުމަށް އެފަރާތްތަކުން ވަރަށް ބޮޑަށް ޝައުޤުވެރިވެއެވެ. މީގެ ތެރޭގައި ގިނައީ ހަނީމޫން ދަތުރުތަކަށް އަންނަ ފަރާތްތަކެވެ.
އަޅުގަނޑުމެން މިތަނަށް އެންމެ ފަހުން އައީ 15 އަހަރު ކުރިން. އޭރުވެސް އަޅުގަނޑު މިތާ ހުރިން. އޭގެ ފަހުން ދިވެހިރާއްޖެއިން މިފަދަ ފެއަރތަކުގައި ބައިވެރިވެފައެއް ނުވޭ. އެހެންވެ މިފަހަރު އަޅުގަނޑުމެން ކެޕިޓަލް ޓްރެވަލްއިން އައީ ދިވެހިރާއްޖެ ޕްރޮމޯޓްކުރުމަށް، 15 އަހަރުގެ މުއްދަތަކަށްފަހު ދިވެހިރާއްޖޭގައި އައިސްފައިވާ ބޮޑެތި ބަދަލުތައް މީހުންނަށް ދައްކާލުމަށް. ވަރަށް ގިނަ ބަޔަކު އަޅުގަނޑުމެންގެ ސްޓޭންޑަށް އައިސް ވަރަށް ބޮޑު ޝައުޤުވެރިކަމެއް ދައްކައިފި. އެހެންވީމާ މިއީ ވަރަށް ބޮޑު ކާމިޔާބީއެއް." ކެޕިޓަލް ޓްރެވަލް މޯލްޑިވްސްގެ ސީއީއޯ ޔޫސުފް ރިފްއަތު ވިދާޅުވިއެވެ.
ކެޕިޓަލް ޓްރެވަލްސް![]()
ބީޓީއެލް ޕޯޗުގަލްގައި ދިވެހިރާއްޖޭގެ ބައިވެރިވުން ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ސިފަކުރައްވަމުން ރިފްއަތު ފާހަގަކުރެއްވީ މިއީ ކުންފުނިން ކުރި ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކަމަށެވެ. އެގޮތުން ފެއަރގައި ސްޓޭންޑެއް ބުކްކޮށް، އޭގެ ފައިސާ ދެއްކުމާއި، 3-4 މުވައްޒަފުންގެ ޓީމެއްގެ ދަތުރު ޓިކެޓް ބުކްކުރުން ހިމެނެއެވެ.
މިއީ ވަރަށް ބޮޑު ޚަރަދެއް ކަމަށް ފާހަގަކުރައްވަމުން ރިފްއަތު ވިދާޅުވީ ދިވެހިރާއްޖޭގެ މާކެޓިންގ ޓީމުން މިފަދަ ހުރިހާ ފެއަރތަކެއްގައި ބައިވެރިވެ ދިވެހިރާއްޖެ ތަމްސީލުކުރުމަކީ އޭނާގެ އުންމީދެއް ކަމަށެވެ. މީގެ އިތުރުން، އޭނާ ފާހަގަކުރެއްވި ގޮތުގައި މިހާރުވެސް ދިވެހިރާއްޖެއިން ގިނަ ފެއަރތަކުގައި ބައިވެރިވާ ނަމަވެސް، އެކަށީގެންވާ ޕްރޮމޯޝަނަލް މެޓީރިއަލްތައް އެފަރާތްތަކުގެ އަތުގައި ނުހުރެއެވެ.
"ޚާއްޞަކޮށް ފާއިތުވި އަހަރުގެ ލަންޑަން ފެއަރ، ޓީޓީޖީ ފެއަރ، އަދި އެހެން އެތައް ފެއަރތަކަކަށް ގޮސް، ދިވެހިރާއްޖެއިން މީހުން ދިޔަ ނަމަވެސް، ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް އެއްވެސް މެޓީރިއަލްއެއް އެމީހުންގެ އަތުގައި ނެތް. މިއީ މުޅި އިންޑަސްޓްރީއަށް އެނގޭ ކަމެއް. މިއީ ކަންތައްތައް ހިނގާފައި ހުރި ގޮތް."
ކެޕިޓަލް ޓްރެވަލް މޯލްޑިވްސްގެ ސީއީއޯ ޔޫސުފް ރިފްއަތު ވިދާޅުވިއެވެ.![]()
ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރީސަފުގައި ހިމެނޭ ޓްރެވަލް އޭޖެންސީއެއްގެ ގޮތުގައި، ކެޕިޓަލް ޓްރެވަލް އެންޑް ޓުއާރސް ޕްރައިވެޓް ލިމިޓެޑް، 1990 އިން ފެށިގެން ޚާއްޞަވެފައިވަނީ ވަކިވަކި ފަރުދުންގެ ބޭނުންތަކާއި ޝައުޤުތަކަށް ފެތޭގޮތަށް ފަރުމާކުރެވިފައިވާ ޗުއްޓީ ޕެކޭޖްތައް ތައްޔާރުކޮށްދިނުމަށެވެ.