ކ. މާލެ
|
16 މާރޗް 2025 | އާދީއްތަ 12:15
ސްޓެލްކޯ ހުޅުމާލެ އެނެކްސް2 އިންޖީނުގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވާހަކަ ދައްކަވަނީ
ސްޓެލްކޯ ހުޅުމާލެ އެނެކްސް2 އިންޖީނުގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވާހަކަ ދައްކަވަނީ
ސްޓެލްކޯ
ކަރަންޓުގެ ޚިދުމަތް
ރަމަޟާން މަސް ނިމި، ހޫނު މޫސުމާއެކު ޕީކް ސީޒަން ފެށޭނެ ކަމަށް ލަފާ ކުރެވޭ: ފަހުމީ
އަތޮޅުތެރޭގައި ޚިދުމަތްދޭ 33 ރަށުގައިވެސް ރޯދަމަހާއި ޕީކް ސީޒަނަށް ތައްޔާރުވުމަށް ދަނީ މަސައްކަތް ކުރަމުން
ސްޓެލްކޯ އަބަދުވެސް ދުރު މުސްތަގުބަލަށް ވިސްނައި، ދުރާލާ ތައްޔާރުވޭ
ހުޅުމާލޭ އިންޖީނުގެ އެނެކްސް – 2 ގައި ޖުމްލަ 12 ޖަނަރޭޓަރު ސެޓް ބެހެއްޓުމަށް ހަމަޖެހިފައިވޭ

ރަމަޟާން މަސް ނިމި، ހޫނު މޫސުމާއެކު ޕީކް ސީޒަން ފެށޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ފަހުމީ މިހެން ވިދާޅުވީ މި އަހަރުގެ ޕީކް ހޭންޑްލިންގއަށާއި، ގްރޭޓާ މާލޭ ޕަވަރ ބެކަޕްގެ ގޮތުގައި ކުރު މުއްދަތެއްގެ ތެރޭގައި ތަރައްގީކުރި ސްޓެލްކޯ ހުޅުމާލެ އެނެކްސް2 އިންޖީނުގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ފަހުމީ ވިދާޅުވީ ދިވެހި ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ ރޫހާއެކު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސްޓެލްކޯގެ މުވައްޒަފުން ނިންމާލީ ގައުމީ ބޮޑު މަސައްކަތެއް ކަމަށެވެ.

އެގޮތުން 48،000 އަކަފޫޓޫގެ ބިމެއް ސާފުކޮށް 200 އެއްހާ ޓަނުގެ ކުނި އެތަނުން ނަގައި، އެ ބިން އެއްވަރު ކުރުމާއި، ހުޅުމާލޭގެ އެނެކްސް 1 އިންޖީނުގެ (ބައު އިންޖީނުގެ) އިން ކާނުތަކެއް އެ ބިމާހަމަޔަށް ރައްޔާރުކޮށް، އެ ކާނުތައް މެދުވެރިކޮށް ފިއުލް ލައިން އެޅުމާއި، ހުޅުމާލޭ މައި އިންޖީނުގެއާއި ހަމަޔަށް މި އިންޖީނުތަކުގެ ކޭބަލްތައް ގެންގޮސް ގްރިޑާއި ގުޅާލުމުގެ ބުރަ މަސައްކަތައް ހޭދަވީ ނުވަ ވަރަކަށް ދުވަސް ކަމަށެވެ.

ސްޓެލްކޯއިން އަތޮޅުތެރޭގައި ޚިދުމަތްދޭ 33 ރަށުގައިވެސް ރޯދަމަހާއި ޕީކް ސީޒަނަށް ތައްޔާރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް މުވައްޒަފުން ކޮށްފައިވާކަން ފާހަގަކުރައްވައި ފަހުމީ ވިދާޅުވީ މި ރޯދަމަހު ސްކޫލްތައް ބަންދުވުމާއި، ފަހު 10 ގައި އޮފީސްތައް ބަންދުވާތީ މި އަހަރުގެ ޕީކް ރޯދަމަހު ނުފެށުނު ކަމުގައިވި ނަމަވެސް، މި ރޯދަމަސް ނިމިގެން ހޫނު މޫސުމާއެކު ޕީކް ސީޒަން ފެށޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މީގެ އިތުރުން ފަހުމީ ވިދާޅުވީ ސްޓެލްކޯ އަބަދުވެސް ދުރު މުސްތަގުބަލަށް ވިސްނައި، ދުރާލާ ތައްޔާރު ވަމުންދާ ކަމަށެވެ. އެގޮތުން މި ޕީކް ސީޒަންގައި ޖެނެރޭޝަން ކެޕޭސިޓީ ނެތިގެން ކަރަންޓު ނުކެނޑޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ ސްޓެލްކޯއިން ފޯރުކޮށްދޭ މި ޚިދުމަތަކީ ޓެކްނިކަލް ޚިދުމަތަކަށްވުމުން، އިންޖީނަކަށް ދިމާވާ މައްސަލައެއްގެ ސަބަބުން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، ނަމަވެސް އެފަދަ ހާލަތެއްގައިވެސް، ވީއެންމެ އަވަހަކަށް އަލުން ޚިދުމަތްދޭން ސްޓެލްކޯގެ މުވައްޒަފުން ތިބޭނީ ތައްޔާރަށް ކަމަށެވެ.

ރަމަޟާން މަސް ނިމި، ހޫނު މޫސުމާއެކު ޕީކް ސީޒަން ފެށޭނެ ކަމަށް ލަފާ ކުރެވޭ ފަހުމީ ވިދާޅުވެފައިވާއިރު، ކޮންމެ އަހަރެއްގެ ޕީކް ސީޒަންއާއެކު، ކަރަންޓު ބޭނުން ނުކުރާ މިންވަރަށް ބިލު ބޮޑު މައްސަލަ ފާހަގަކޮށް އާއްމު ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި މިދިޔަ އަހަރު ވެސް މިމައްސަލަ ވަރަށް ބޮޑުވެގެން ދިޔައެވެ.

ހުޅުމާލޭ އިންޖީނުގެ އެނެކްސް – 2 ގެ ގޮތުގައި ހުޅުވިގެންދިޔަ އިންޖީނުގޭގައި 1.6 މެގަވޮޓްގެ ޖުމްލަ 12 ޖަނަރޭޓަރު ސެޓް ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ. އެތަނުން މި ވަގުތު 7 ޖަނަރޭޓަރުސެޓް ކޮމިޝަން ކުރެވިފައިވާ ކަމަށާއި، އިތުރު ފަސް ޖަނަރޭޓަރު ސެޓް ގެނެވި މި ރޯދަމަސް ނިމުމުގެ ކުރިން ކޮމިޝަންކޮށް ނިންމުމަށް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި އެއާއެކު ހުޅުމާލެ އިންޖީނުގެ އެނެކްސް – 2 ގެ އިންސްޓޯލްޑް ކެޕޭސިޓީ 19.2 މެގަވޮޓަށް އަރާނެ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

- ކޮމެންޓް