ކ. މާލެ
|
13 މާރޗް 2025 | ބުރާސްފަތި 13:39
އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ވާހަކަދައްކަވަނީ
އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
މަޖިލިސް 20
ރައްޔިތުން މަޖިލީހުގެ ބޭނުން މިހާރު ވަނީ ކެނޑިފައި: މެންބަރު މުހައްމަދު އިބްރާހިމް
މަޖިލީހުގައި މެންބަރުން ތިއްބަވަނީ ރައްޔިތުން ބުނެގެން، ރައްޔިތުންގެ މަސައްކަތްތައް ކުރުމަށް
ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ގޮތުން މިނިސްޓްރީތަކާއި، މުއައްސަސާތަކުގެ ބޭފުޅުން މަޖިލީހަށް ހާޒިރު ކުރެވެން ނެތް

ރައްޔިތުން މަޖިލީހުގެ ބޭނުން މިހާރު ކެނޑިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕުން މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެމްބަރު މުހައްމަދު އިބްރާހިމް ވިދާޅުވީ ރައްޔިތުން މަޖިލީހުގައި މެމްބަރުން ތިއްބަވަނީ ރައްޔިތުން ބުނެގެން ކަމަށާއި، ރައްޔިތުންގެ މަސައްކަތްތައް ކުރުމަށް ކަމަށެވެ.

ނަމަވެސް މިހާރުގެ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން އެދޭފަދަ އެއްވެސް މަސައްކަތެއް ނުކުރެވޭ ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ގޮތުން މިނިސްޓްރީތަކާއި، މުއައްސަސާތަކުގެ ބޭފުޅުން މަޖިލީހަށް ހާޒިރު ކުރެވެން ނެތް ކަމަށް މެމްބަރު މުހައްމަދު އިބްރާހިމް ވިދާޅުވިއެވެ.

ވަރަށް ބޮޑު ކަންބޮޑުވުމެއް އެބައޮތް މަޖިލީހަށް ޒިންމާދާރު ކުރުވަން ވަޒީރުން ނޫނީ ސަރުކާރު އޮފީސްތަކުގެ ވެރިން ގެނެވޭ ގޮތަކަށް ނޫން މިހާރު މިއޮންނަނީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ހުއްދައެއް އޮވެގެން ނޫނީ އެއީ ހަމަގައިމުގެ ވެސް މި މަޖިލީހުގެ ބާރު ކަނޑުވާލަން ސަރުކާރުން ހިންގާ ވަރަށް ނޭއްގާނީ އަމަލެއް. އަޅުގަނޑުމެންނަށް މި ވޭތުވެދިޔަ ދެތިން ދުވަހަކު އެކަން ފެނިގެންހިނގައްޖެ. ދެން މިހާރު މިއޮތީ ކޮންތާކަށްހޭ ދާނީ އެހިސާބުގައި މިއޮތީ. އެހެންވީމަ މަޖިލީހުން ދެން ކީއްބާއޭ ކުރެވޭނީ. އަޅުގަނޑުމެން މިތާ މިތިބެނީ ރައްޔިތުން އެދިގެން ރައްޔިތުން ބުނާ މަސައްކަތްތަކެއް ކުރަން. މިމަސައްކަތް ކުރެވޭކަށް ނެތް. ޒިންމާދާރު ކުރެވޭކަށް ނެތް. ގަވާއިދެއް ނުހަދާ، ގާނޫނެއް ނުހަދާ. މިހެން ހުންނަ ގަވާއިދު ނުހަދާ މިހެން ހުންނަ މައްސަލަތަކުގައި ރައްޔިތުންގެ ކޮންސާނެއް އެއްވެސް މައްސަލައެއްގައި އަޅުގަނޑުމެންނަށް މީހުން ގެނެވޭނެ ގޮތެއް ނެތް މަޖިލީހަށް ހާޒިރުކުރެވޭނެ ގޮތެއް ނެތް. އެހެންވީމަ މިހާރު މަޖިލީހުގެ ބޭނުން މިހާރު ކެނޑިފައި މިއޮތީ. މިއީ ވަރަށް ދެރަ ކަމެއް އެނގޭތޯ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)

މަޖިލީހުގެ ބޭނުން ކެނޑިފައިވާ ކަމަށް މެމްބަރު މުހައްމަދު އިބްރާހިމް ވިދާޅުވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހުއްދަ ނެތި، އެއްވެސް މިނިސްޓަރެއް، ސަރުކާރު ކުންފުންޏެއްގެ ވެރިޔަކު ވެެސް މަޖިލީހަށް ހާޒިރު ނުކުރަން ފެބްރުއަރީ މަހުގެ ފަހުކޮޅު ޕީއެންސީ ޕީޖީ ގްރޫޕަށް އަންގާފައިވާ ކަމަށް ޕީއެންސީގެ ބައެއް މެމްބަރުން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ރައީސް މުއިއްޒުގެ ހުއްދައެއް ނެތި ސަރުކާރުގެ މިނިސްޓަރުންނާ ބައްދަލު ކުރުން ވެސް ވަނީ މަނާކޮށްފައެވެ. ޖެނުއަރީ މަހުގެ ތެރޭގައި އެނިންމުން ނިންމައި އެގޮތަށް އަމަލު ކުރުމަށް އަންގާފައިވެއެވެ. އަދި މިހާރު މެންބަރުން މިނިސްޓަރުންނާ ބައްދަލުކުރަން ޖެހެނީ ރައީސް އޮފީސް މެދުވެރިކޮށް އެޕޮއިންޓްމެންޓެއް ހަމަޖައްސައިގެންނެވެ.

- ކޮމެންޓް