ކ. މާލެ
|
13 މާރޗް 2025 | ބުރާސްފަތި 11:50
ސީރިއާގެ ރައީސް އަހުމަދު އަލްޝަރާއު، ދިމިޝްގުގައި ހުންނަ ރިޔާސީ ގަނޑުވަރުގައި ރޮއިޓާސް އަށް ދިން އިންޓަވިޔުއެއް ދެއްވަނީ
ސީރިއާގެ ރައީސް އަހުމަދު އަލްޝަރާއު، ދިމިޝްގުގައި ހުންނަ ރިޔާސީ ގަނޑުވަރުގައި ރޮއިޓާސް އަށް ދިން އިންޓަވިޔުއެއް ދެއްވަނީ
ރޮއިޓަރސް
ސީރިއާ
ސީރިއާގެ ސަރުކާރުން ޤައުމީ ސަލާމަތާ ބެހޭ ކައުންސިލެއް އުފައްދައިފި
ކައުންސިލުގެ މެންބަރުންގެ ތެރޭގައި ހިމެނެނީ ޚާރިޖީ ވަޒީރު، ދިފާއީ ވަޒީރު އަދި އެތެރޭގެ ކަންކަމާ ބެހޭ ވަޒީރުންނާއި، އިންޓެލިޖެންސް އޭޖެންސީގެ އިސްވެރިޔާއެވެ. މީގެ އިތުރުން ރައީސް އަލް-ޝަރާއު އައްޔަން ކުރައްވާ "ލަފާދޭ" ދެ މެންބަރުންނާއި، ޓެކްނިކަލް މާހިރެއް ވެސް ހިމެނޭނެ އެވެ.

ސީރިއާގެ ވަގުތީ ރައީސް އަހުމަދު އަލް-ޝަރާއު އިސްކޮށް ހުންނަވާ ގޮތަށް، އެގައުމުގެ ސަރުކާރުން ޤައުމީ ސަލާމަތާ ބެހޭ ކައުންސިލެއް އުފައްދަވައިފި އެވެ.

މި ކައުންސިލަކީ ކުރީގެ ރައީސް ބަޝާރު އަލް-އަސަދުގެ ވެރިކަމުގައި ނެތް މުއައްސަސާ އެކެވެ. ސީރިއާގެ ރިޔާސީ ޓެލެގްރާމް އެކައުންޓު ގައި ޝާއިއު ކުރި ޤަރާރެއް ގައި ބަޔާން ކޮށްފައިވާ ގޮތުގައި، މި އައު ކައުންސިލުގެ މަސްއޫލިއްޔަތަކީ، "ސަލާމަތީ އަދި ސިޔާސީ ސިޔާސަތުތައް ވިލަރެސްކޮށް ބެލެހެއްޓުމެވެ."

މި ކައުންސިލު އުފެއްދުމަކީ ގައުމު ގައި ހިނގި 13 އަހަރުވީ ހަނގުރާމައިގެ ފަހުން، ހަތިޔާރު އަޅައިގެން އުޅޭ ގުރޫޕުތައް ރޫޅާލައި، ގައުމު އަލުން ބިނާ ކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.

ނަމަވެސް މާޗު މަހުގެ ހަ ވަނަ ދުވަުން ފެށިގެން، އަލް-އަސަދު އަށް ތާއީދު ކުރާ ހަތިޔާރު އެޅި ބަޔަކު، ސަލާމަތީ ބާރުތަކާ ދެކޮޅަށް ހަމަލާ ދިނުމަށް ފަހު، ގިނަ އަދަދެއްގެ އަލަވީ މައިނޯރިޓީ މެންބަރުން މަރާލެވިފައިވެ އެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނާ ގޮތުގައި ސަލާމަތީ ބާރު ތަކުން ނުވަތަ އެމީހުންނާ ގުޅުންހުރި ގުރޫޕު ތަކުން ވަނީ ގާތް ގަނޑަކަށް 1,400 އެއްހާ އާންމު ރައްޔިތުން މަރާލާފައި އެވެ.

އެކަމާ ގުޅިގެން އަލް-ޝަރާއު ވިދާޅުވެފައި ވަނީ، އާންމު ރައްޔިތުންތަކެއް މަރާލި މައްސަލަ ބަލާނެ ކަމަށެވެ. ރައީސް ވިދާޅުވީ، އާންމުންގެ ލޭ އޮހޮރުވުމުގައި ބައިވެރިވި، ނުވަތަ ދައުލަތުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރި ކޮންމެ މީހަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށާއި، އެކަމުގައި އެއްވެސް ލުޔެއް ދިނުމެއް ނޯންނާނެ ކަމަށެވެ.

ޑިސެމްބަރު މަހުގެ ކުރީ ކޮޅު އެޗްޓީއެސްގެ އިސްނެގުމުގައި އަލް-އަސަދުގެ ވެރިކަން ވައްޓާލުމަށް ފަހު، އަލް-ޝަރާއު ވަނީ ސީރިއާގެ ދީނީ، އަދި މަދު އަޤްލިއްޔަތު ރައްކާތެރި ކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފަ އެވެ.

އައު ކައުންސިލުގެ މެންބަރުންގެ ތެރޭގައި ހިމެނެނީ ޚާރިޖީ ވަޒީރު، ދިފާއީ ވަޒީރު އަދި އެތެރޭގެ ކަންކަމާ ބެހޭ ވަޒީރުންނާއި، އިންޓެލިޖެންސް އޭޖެންސީގެ އިސްވެރިޔާ އެވެ.

މީގެ އިތުރުން ރައީސް އަލް-ޝަރާއު އައްޔަން ކުރައްވާ "ލަފާދޭ" ދެ މެންބަރުންނާއި، ޓެކްނިކަލް މާހިރެއް ވެސް ހިމެނޭނެ އެވެ.

- ކޮމެންޓް