ކ. މާލެ
|
23 އޯގަސްޓް 2017 | ބުދަ 19:47
އިނގިރޭސި ގައުމީ ޓީމުގެ ފޯވާޑް ރޫނީ
އިނގިރޭސި ގައުމީ ޓީމުގެ ފޯވާޑް ރޫނީ
ގޫގުލް
ވޭން ރޫނީ
ވޭން ރޫނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި
އޭނާވަނީ އިނގިރޭސި ގައުމީ ޓީމަށް ކުޅުނު 119 މެޗުގައި 53 ލަނޑު ކާމިޔާބުކޮށްފަ
މިވަގުތަކީ އޭނާ ގައުމީ ޓީމުން ރިޓަޔާ ކުރުމަށް އެންމެ ރަނގަޅު ވަގުތު ކަމުގައި ދެކޭ ކަމަށް ރޫނީގެ ބަޔާނުގައިވޭ

އެވަޓަންގެ ފޯވާޑް ވޭން ރުނީ އިނގިރޭސި ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

ރޫނީގެ އަމިއްލަ ވެބްސައިޓުގައި އޭނާ އާންމު ކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ކުރިޔަށް އޮތް މެޗުތަކުގައި ވާދަކުރާ އިނގިރޭސި ގައުމީ ޓީމުން އޭނާއަށް ފުރުސަތު ދިނުމަށް އެ ޓީމުގެ ކޯޗު ގެރެތް ސައުތްގޭޓް ނިންމާފައިވާ ކަމަށާއި އެހެން ނަމަވެސް އިންޓަނޭޝަނަލް ފުޓުބޯޅައިން އޭނާ ރިޓަޔާ ކުރުމަށް ނިންމާފައިވާ ކަމަށް ކޯޗަށް އަންގާފައިވާނެ ކަމަށެވެ.

އޭނާ މި ނިންމުން ނިންމާފައި ވަނީ އާއިލާއާއި ގާތް މީހުންގެ އިތުރުން އެވަޓަންގެ ކޯޗު ރޮނާލްޑް ކޯމަން އާއި ވާހަކަ ދެއްކުމަށް ފަހު ކަމަށް ރޫނީ ހާމަ ކޮށްފައިވެއެވެ. މީގެ އިތުރުން މި ނިންމުމަކީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށާއި އަމިއްލަ ގައުމަށް ކުޅެން ލިބުނު ހުރިހާ ފުރުސަތަކީ ވެސް ވަރަށް އުފާވެރި އަދި ހަދާނުން ފޮހެލަން ދަތިވާނެ ފުރުސަތުތަކެއް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. 

ރިޓަޔާ ކުރިކަމުގައި ވިޔަސް އިނގިރޭސި ގައުމީ ޓީމުގެ ސަޕޯޓަރެއްގެ ގޮތުގައި އަބަދު ވެސް ދެމި ހުންނާނެ ކަމަށާއި މިވަގުތަކީ އޭނާ ގައުމީ ޓީމުން ރިޓަޔާ ކުރުމަށް އެންމެ ރަނގަޅު ވަގުތު ކަމުގައި ދެކޭ ކަމަށް ރޫނީގެ ބަޔާނުގައިވެއެވެ.

 ކާމިޔާބު އިނގިރޭސި ޓީމެއްގެ ބައިވެރިއަކަށް ވުމުގެ ފުރުސަތު ނުލިބުމަކީ ލިބޭ ދެރައެއް ކަމަށާއި އަރަމުން އަންނަ ކުޅުންތެރިންނަކީ ގައުމަށް ތައްޓެއް ގެނެސްދޭން ކުޅުނުތެރިންނަށް ވާނެ ކަމަށް އުއްމީދު ކުރާ ކަމަށް ރޫނީ ބުނެފައިވެއެވެ.

އިނގިރޭސި ގައުމީ ޓީމަށް ރޫނީ އެންމެ ފުރަތަމަ މެޗެއް ކުޅެދީފައިވަނީ 2003 ވަނަ އަހަރު އޮސްޓްރޭލިއާއި ދެކޮޅަށެވެ. އޭނާ ވަނީ ތިން ވޯލްޑް ކަޕާއި ތިން ޔޫރޯގައި އިނގިރޭސި ގައުމީ ޓީމު ތަމްސީލު ކޮށްފައެވެ. އޭނާވަނީ އިނގިރޭސި ގައުމީ ޓީމަށް ކުޅުނު 119 މެޗުގައި 53 ލަނޑު ކާމިޔާބު ކޮށްފައެވެ. ރޫނީއަކީ އިނގިރޭސި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދިން ކުޅުންތެރިޔާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް