ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އަނިޔާވެރިކަން އިޔާދަކުރި ނަމަވެސް ފަހަތަށް ނުޖެހޭނެ ކަމަށާއި، ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް ކުރާ މަސައްކަތް ފުޅުކުރާނެ ކަމަށް އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގެ މެންދުރު 1:00ގައި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ ވަނީ ޕޮލިހަށް ހާޒިރުކޮށްފައެވެ. ރާއީ ޕޮލިހަށް ހާޒިރުކުރި ވަގުތު އެމްޑީޕީގެ އިސް ބައެއް ފަރާތްތަކާއި، އާއްމުން ވަނީ އެސަރަހައްދަށް އެއްވަފައެވެ.
އެތަނުގައި ހުންނަވައި ބިގޭ ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ރައްޔިތުންގެ ތެރެއިން ބަޔަކު އަނިޔާވެރިކަން ނައްތާލައި، ބާރުތައް ވަކިކޮށް، ހައްގުތައް ކަށަވަރުކުރުމަށް ކުރި މަސައްކަތުގެ ތެރެއިން އަނިޔާވެރިކަން ވަރަށް ބޮޑަށް މިގައުމުން ފިލައިގެން ގޮސްފައިވާ ކަމަށެވެ. ނަމަވެސް މިހާރު އަނެއްކާ ވެސް އަނިޔާވެރިކަން ތަޖުރިބާ ކުރަންޖެހިފައިވާ ކަމަށް ބިގޭ ވިދާޅުވިއެވެ.
މިދިޔަ ފަސް އަހަރަށް އިޝާރާތް ކުރައްވައި ބިގޭ ވިދާޅުވީ ފުލުހުންގެ މުއައްސަސާއިން މަސައްކަތް ކޮށްފައިވަނީ މިނިވަންކަމާއެކު ކަމަށާއި، މަޖުބޫރު ކަމެއް އެއްވެސް ފުލުހަކަށް ކުރިމަތިނުވާނެ ކަމަށެވެ. ގާނޫނީ އިމުގެ ތެރެއިން ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް، އިންސާފު ގާއިމް ކުރުމަށް ފުލުހުން މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އަނިޔާވެރިކަމުގެ ފިކުރާއެކު އަނިޔާވެރިކަން ފެންނަމުންދާ ކަމަށާއި، މިއީ ދެކެން ބޭނުންވާ ދުވަހެއް ނޫން ކަމަށް ބިގޭ ވިދާޅުވިއެވެ. އަދި އަލުން އަނިޔާވެރިކަން އިޔާދަވުމަކީ މިގައުމުގެ ކުރިމަގަށް އަންނަން އޮތް ޖީލުތަށް ވެސް ރަނގަޅު ކަމެއް ނޫން ކަމަށް ބިގޭ ވިދާޅުވިއެވެ.
މީގެ އިތުރުން ބިގޭ ވިދާޅުވީ ގާނޫނީ އިމުގެ ބޭރުން ފުލުހުންގެ ވެރިން ފުލުހުންނަށް އަމުރުކުރާނަމަ އެއީ ގާނޫނީ ބޭރުކަމެއްކަން ހަނދާން ކޮށްދޭންޖެހޭ ކަމަށާއި، އެކަމާއި ދެކޮޅުވާން ޖެހޭ ކަމަށެވެ. ފުލުހުންގެ މުއައްސަސާއަކީ މިނިވަންތަނެއް ކަމަށާއި، މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ދޭންޖެހޭ ކަމަށް ބިގޭ ވިދާޅުވިއެވެ.
ރާއްޖޭގައި މައިގަނޑު ދެފިކުރު އޮންނައިރު ކޮންމެ އެމްޑީޕީ ވެރިކަން ކުރި ކޮންމެ ފަހަރަކު ހައްގުތައް ކަށަވަރުކޮށްދިންތަން ފެނުނީ. އަނިޔާވެރިކަން ނައްތާލަން މަސައްކަތް ކުރިތަން. އެހެންނަމަވެސް ފެށުނީއްސުރެ އަނިޔާވެރިކަމާއި، ހުދުމުހުތާރުކަންމަތީގައި ވެރިކަން ކުރަމުން އަންނަ ފިކުރު އެފިކުރު ވެރިކަން ކުރި ދެފަހަރު ވެސް އަޅުގަނޑުމެންނަށް ފެނުނީ ބާރުތައް އެއްކުރުމާއި އަނިޔާވެރިކަން އިތުރުވަމުންދާތަން. ޚާއްސަކޮށް އަޅުގަނޑު ދަންނަވާލަން ބޭނުން މިދިޔަ ފަސް އަހަރަކީ ފުލުހުންގެ މުއައްސަސާ އަޅުގަނޑުމެން ހަމަ ވަރަށް ބޮޑަށް ސާފުކުރެވުނު ފަސް އަހަރުގެ ގޮތުގައި އަޅުގަނޑު ދަންނަވާނީ. ޚާއްސަކޮށް ޕޮލިސް ކޮމިޝަނަރެއްގެ ގޮތުގައި ހުންނެވި އެމްސީ ހަމީދު ބެއްލެވީ ފުލުހުންނަށް މަޖުބޫރުކަމެއް އެއްވެސް ވަރަކަށް ނުދައްކާ ފުލުހުން ވެސް ގާނޫނީ އިމުގެ ތެރޭގައި ބައިތިއްބައިގެން ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް އިންސާފު ގާއިމްކޮށްދިނުމަށް ފުލުހުންގެ މުއައްސަސާއިން މަސައްކަތް ކުރެއްވިތަން.
އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)![]()
މީގެ އިތުރުން ބިގޭ ވަނީ ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބުނު ގިނަ ބަޔަކު ހައްގުން މަހުރޫމް ކޮށްފައިވާކަން ފާހަގަކުރައްވައި، އެކަމާ ދެކޮޅަށް ވެސް ވާހަކަ ދައްކާވާފައެވެ.
ބިގޭ ވިދާޅުވީ ރައްޔިތުންގެ ހައްގުގައި އެމްޑީޕީން އަބަދުވެސް ނުކުންނާނެ ކަމަށާއި، ފަހަތަކަށް ނުޖެހޭނެ ކަމަށެވެ. ފުލުހަށް ހާޒިރުކޮށް، ތޭރިތަކުގައި ބަންދުކުރި ނަމަވެސް އެއީ ލިބޭ ހިތްވަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.