ޔުކްރެއިންގެ ހަނގުރާމައިގެ އެއްބަސްވުމެއް ވެވޭނީ ރަޝިޔާގެ ޝަރުތުތަކާ އެއްގޮތަށް ކަމަށް އެ ޤައުމުގެ މަޖިލިސް މެމްބަރު ކޮންސްޓެންޓިން ކޮސަޗެވް ވިދާޅުވެއްޖެ އެވެ.
ޔުކްރެއިންގެ ހަނގުރާމަ ހުއްޓުވުމަށް ކުރެވޭ އެއްވެސް އެއްބަސްވުމެއް ވާނީ ރަޝިޔާގެ ޝަރުތުތަކާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ އެއްބަސްވުމެއް ވާން ޖެހޭނީ އެމެރިކާގެ ޝަރުތުތަކާ އެއްގޮތަށް ނޫން ކަމަށެވެ.
ފެޑަރޭޝަން ކައުންސިލްގެ ބައިނަލްއަޤްވާމީ ކަންކަމާ ބެހޭ ކޮމިޓީގެ ޗެއަރމަންކަން ވެސް ކުރައްވާ ކޮސަޗެވް ވިދާޅުވި ގޮތުގައި، ޔުކްރެއިން ގައި ރަޝިޔާގެ ސިފައިން ތިބުމުން، އެއްބަސްވުމެއް ވާން ޖެހޭނީ ރަޝިޔާގެ ޝަރުތުތަކާ އެއްގޮތަށެވެ.
އޭނާ މިފަދައިން ވިދާޅުވެފައި ވަނީ އެމެރިކާ އަދި ޔުކްރެއިންގެ އޮފިޝަލުން ހުށަހަޅާފައިވާ ހަނގުރާމަ ހުއްޓުވުމުގެ ހުށަހެޅުމާ ގުޅޭ ގޮތުން، ޓެލެގްރާމް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގަ އެވެ.
"އެއްވެސް އެއްބަސްވުމެއް ވެވޭނީ، އެކަމުގައި ކޮމްޕްރޮމައިޒް ކުރަން ޖެހޭނެކަން އެނގިހުރެ، އަޅުގަނޑުމެންގެ ޝަރުތުތަކާ އެއްގޮތަށް، އެމެރިކާގެ ޝަރުތުތަކާ އެއްގޮތަކަށް ނޫން،" ކޮސަޗެވް ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އެއީ ބޮޑާވުން ނޫން ކަމަށާއި، ހަގީގީ އެއްބަސްވުންތައް ލިޔެވެމުން ދަނީ ހަނގުރާމަައިގެ މައިދާނުގައިކަން އިނގޭ ކަމަށެވެ. އަދި އެކަމަކީ އެމެރިކާ އަށް ވެސް އިނގެން ޖެހޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮސަޗެވް މި ބަޔާން ނެރުއްވާފައި ވަނީ ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމައިގެ ޚައްސާސް ވަގުތެއްގަ އެވެ. އަދި ސުލްހަ އަށް އެދޭ ފަރާތްތަކުން ދެގައުމުގެ ދެމެދުގައި ވާހަކަ ދެއްކުމަށް ގޮވާލަމުންދާ ވެސް ވަގުތެއްގަ އެވެ.