ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ރާއީ، ޕޮލިހަށް ޙާޟިރުވާން އަންގައި ޗިޓު ފޮނުވައިފި އެވެ.
ރާއީ ފުލުހަށް ޙާޟިރުވާން އަންގައި ފޮނުވި ޗިޓުގައި ބުނެފައި ވަނީ، ބުދަ ދުވަހުގެ މެންދުރު ފަހު 13:00 އަށް ޕޮލިހަށް ޙާޟިރުވުމަށެވެ. ޙާޟިރުވާން އަންގާފައި ވަނީ ގަލޮޅު ޕޮލިސް ސްޓޭޝަން އަށެވެ.
ރާއީ އަށް ފޮނުވި ޗިޓުގައި ބުނެފައި ވަނީ، 2025މާޗު ނުވަ ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފަށް މާލޭގެ އެކި ސަރަހައްދުގެ މަގު މަތީގައި އެއްވެ،އަޑު ގަދަކޮށް މުޒާހަރާކޮށް އާންމު ދަތުރުފަތުރު ކުރުމަށާއި، އާންމު ވިޔަފާރީތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ ފުލުހުންގެ ދައުރުއަދާ ކުރުމަށްހުރަސް އަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސްއަޅާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
އެ ތުހުމަތުގައި ރާއީ ޙާޟިރު ކުރަނީ އޭޭނާއާ ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށް ބުނެފައިވެއެވެ. ބަޔާން ނެގުމަށް ދެ ގަޑިއިރު ހޭދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އެ ޗިޓުގައި ވަނީ ބުނެފަ އެވެ.
ފުލުހަށް ޙާޟިރުވާން ރާއީ އަށް އަންގާއިވާއިރު، އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިއަށް ގެންދާ ސުލްހަވެރި އިހުތިޖާޖުތަކުގައި ރާއީ އަންނަނީ ބައިވެރިވަމުންނެވެ.
އެމްޑީޕީން ކުރިއަށް ގެންދާ ސުލްހަވެރި އިހުތިޖާޖާ ގުޅިގެން، ފުލުހުން އަންނަނީ ކޮންމެ ރެޔަކު އިހުތިޖާޖުގެ ބައިވެރިންނަށް ހުރަސްއަޅައި، އަނިޔާ ކުރަމުން ކަމަށް އިހުތިތާޖުގެ ބައިވެރިން ތުހުމަތު ކުރެއެވެ.