ސްޕެނިޝް ލީގުގައި ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ވާދަވެރި ބާސެލޯނާއާ ހަމަކޮށްފި އެވެ.
ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ވަނީ 2-1 އިން ވަޔެކާނޯ ބަލިކޮށްފަ އެވެ. މެޗުގައި ރެއާލް އިން ދެ ލަނޑު ޖަހައިގެން ކުރި ހޯދި ފަހުން، ވަޔެކާނޯ އިން ވަނީ އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހައިފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ރެއާލަށް ލީޑު ނަގައިދިނީ ކީލިއަން އެމްބާޕޭ އެވެ. އޭގެ ހަތަރު މިނެޓު ފަހުން ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާ ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ލޫކާ މޮޑްރިޗް އެވެ.
މެޗުގައި ވަޔެކާނޯގެ ހަމައެކަނި ލަނޑު، މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޖެހީ ޕެޑްރޯ ޑިއާޒް އެވެ. އެ ލަނޑު އޭނާ ޖެހީ އަލްވާރޯ ގާޒިއާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.
މޮޅާއެކު ރެއާލް ދެ ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 27 މެޗުން 57 ޕޮއިންޓާ އެކު އެވެ. ރެއާލަށް ވުރެ އެއް މެޗު މަދުން ކުޅެގެން، އެއް ވަނައިގައި ބާސެލޯނާ އަށް ވެސް ލިބެނީ 57 ޕޮއިންޓެވެ. އެހެންކަމުން، މެޗުގެ އަދަދު ހަމަކުރާއިރު، އެއް ވަނައިގައި ލީޑު ފުޅާ ކުރުމުގެ ފުރުސަތު ބާސެލޯނާ އަށް އޮންނާނެ އެވެ.
ބާސެލޯނާ އިން އެންމެ ފަހުން ލީގުގައި އޮސަސޫނާއާ ދެކޮޅަށް ކުޅެން އޮތް މެޗު ވަނީ ފަސްކޮށްފަ އެވެ. އެއީ މެޗު ފަށަން ކުޑަތަން ވެފައި ވަނިކޮށް، އެ ޓީމުގެ ޑޮކްޓަރު ކުއްލި ގޮތަކަށް މަރުވުމާާ ގުޅިގެން، މެޗު ފަސް ކުރަން ބާސެލޯނާ އިން އެދިގެންނެވެ.