ކ. މާލެ
|
10 މާރޗް 2025 | ހޯމަ 10:39
2022 ވަނަ އަހަރު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގެ ތެރެއިން، ކުލަބެއްގެ މަންދޫބަކު ވޯޓު ދިނުމަށް ކަރުދާސް ހިއްލާލައިގެން
2022 ވަނަ އަހަރު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގެ ތެރެއިން، ކުލަބެއްގެ މަންދޫބަކު ވޯޓު ދިނުމަށް ކަރުދާސް ހިއްލާލައިގެން
ދައުރު
އެފްއޭއެމް
ކޮންގްރެސްގެ އެޖެންޑާ ކުލަބުތަކަށް ފޮނުވައިފި، ފީފާ އިން ވެސް ބައިވެރިވޭ!
އެފްއޭއެމް އިން ބާއްވާ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަކީ، އެ އިދާރާ އޮޑިޓު ކުރުމަށް އޮޑިޓަރުން އައްޔަން ކުރުމަށާއި، ބައެއް ކޮމެޓީތައް އެކުލަވާލުމަށް ބާއްވާ ކޮންގްރެސް އެކެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ އެޖެންޑާ ކުލަބުކަަށް ފޮނުވާފައިވާ ކަމަށާއި، އެ ކޮންްގްރެސްގައި ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ މަންދޫބުން ވެސް ބައިވެރިވާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.

އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އޮތީ އަންނަ ހޮނިހިރު ދުވަހުގެ ރޭ، މީރުމާގަ އެވެ. އެކަމާ ގުޅޭ ގޮތުން "ރާއްޖެ އެމްވީ"އާ ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ވަގުތީ ޖެނަރަލް ސެކްރެޓަރީ މުޙައްމަދު ޝުޖާއު ވިދާޅުވީ ކޮންގްރެސް އަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

އެގޮތުން މިހާރު ވާނީ ކޮންގްރެސްގެ އެޖެންޑާ ކުލަބުތަކާ ހިއްސާ ކޮށްފައި ކަމަށާއި، ކޮންގްރެސްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ފޯމުތައް ވެސް ފޮނުވާފައިވާ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ، އެ ކޮންގްރެސްގައި ފީފާގެ ޚާއްސަ މަންދޫބުން ވެސް ބައިވެރިވާނެ ކަމަށެވެ.

އެފްއޭއެމް އިން ބާއްވާ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަކީ، އެ އިދާރާ އޮޑިޓު ކުރުމަށް އޮޑިޓަރުން އައްޔަން ކުރުމަށާއި، ބައެއް ކޮމެޓީތައް އެކުލަވާލުމަށް ބާއްވާ ކޮންގްރެސް އެކެވެ. އެގޮތުން 2023 ވަނަ އަހަރާއި، 2024 ވަނަ އަހަރުގެ އޮޑިޓު ހެދުމަށް، އޮޑިޓަރުން އައްޔަން ކުރާނެ އެވެ.

މީގެ އިތުރުން އެފްއޭއެމްގެ އެތިކްސް ކޮމެޓީ އަށް މެމްބަރުން އިންތިޚާބު ކުރުމާއި، އިސްތިއުނާފު ކޮމެޓީ އަށް މެމްބަރުން އިންތިޚާބު ކުރުން އަދި ފިޔަވަޅު އަޅާ ކޮމެޓީ އަށް މެމްބަރުން އިންތިޚާބު ކުރުން ވެސް އެ ކޮންްގްރެސްގައި އޮންނާނެ އެވެ.

އެ ކޮންްގްރެސް އަށް ފަހު، އެފްއޭއެމްގެ ދެ އަހަރު ދުވަހުގެ އޮޑިޓު ނިމުމުން، ދެން އިތުރު ކޮންގްރެސް އެއް ބާއްވާނެ ކަމަށް މީގެ ކުރިން އެފްއޭއެމް އިން ވަނީ ބުނެފަ އެވެ. އެފްއޭއެމްގެ ނޯމަލައިޒިން ކޮމެޓީގެ ޗެއާމަން އަޙުމަދު މުޢިއްޒު ވިދާޅުވީ، އެފްއޭއެމްގެ އަސާސީ ޤަވާދިއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ވެސް އޭގެ ފަހުން ކޮންގްރެސް ބާއްވާނެ ކަމަށެވެ.

- ކޮމެންޓް