ކ. މާލެ
|
9 މާރޗް 2025 | އާދީއްތަ 21:37
އެމްޑީޕީ އިން ހޮނިހިރު ދުވަހުގެ ރޭ ކުރި އިޖުތިޖާޖުގެ ތެރެއިން
އެމްޑީޕީ އިން ހޮނިހިރު ދުވަހުގެ ރޭ ކުރި އިޖުތިޖާޖުގެ ތެރެއިން
ރާއްޖެއެމްވީ
އެމްޑީޕީގެ އިހުތިޖާޖު
މުޒާހަރާގެ ބައިވެރިންންށް އަންހެނުންގެ ދުވަހުގެ ހަދިޔާ ދިނީ ޕެޕަރސްޕްރޭގެ ދިލައިން!
އަންހެނުން ހިމެނޭހެން ފުލުހުން ލައްވާ އާއްމުންނަށް އަނިޔާ ކުރުވާފައި ފުލުހުންނަށް އޮތް އިތުބާރު ގެއްލެނީ އޭ ބުނެ ސަރުކާރުން ވާހަކަދެއްކުމަކީ ދެއުޅި އެއް ނުވާ ކަމެކެވެ. ހޮނިހިރު ދުވަހުގެ މުޒާހަރާގައި ވެސް ފުލުހުން ވަނީ އާއްމުންނަށް އަނިޔާކޮށްފައެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހޮނިހިރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އިހުތިޖާޖު ދިމާވީ އަންހެނުންގެ ދުވަހާއެވެ. އެހެންކަމަށް ވާއިރު ފެނިގެން ދިޔަ މަންޒަރަކީ މުޒާހަރާގެ ބައިވެރިންނާއި ގަދަބާރާއި އެކު ފުލުހުން ބައްދަލުކުރި މަންޒަރެވެ. ހާލަތާއި ނުބައްދަލު ހަރުކަށިކަން އިސްކުރި މަންޒަރު ފެނުނެވެ.

އެންމެ ފުރަތަމަ ފެނުނީ އިހުތިޖާޖު ކުރިޔަ ނުދިނުމަށް އެމްޑީޕީ ހަރުގެ ސަރަހައްދު ދެ ފަރާތުން ބެރިކޭޑް ޖަހާ ބަންދު ކުރި މަންޒަރެވެ. އަދި އަދި އާއްމުން ފަހަތަށް ކޮއްޕާ، އާއްމުންގެ ސަފުތައް ފަހަތަށް ޖެއްސުމަށް މަސައްކަތް ކުރި އިރު އެތަނުގައި ތިބި އަންހެނުންނާއި މެދު އަމަލުކުރީ އިހާނެތިކޮށެވެ. އިންތިހާ ހަރުކަށިކަން އިސްކުރުމުގެ ސަބަބުން ބައެއް އަންހެނުންނަށް ވަނީ އަނިޔާވެފައެވެ.

އެގޮތުން މުޒާހަރާގެ ބައިވެރިން މަޖީދީމަގަށް ދިއުމަށް ހިނގައިގަތުމުން ފުލުހުން ކުއްލި ގޮތަކަށް ޕެޕަރ ސްޕްރޭ ޖެހުމުން އެތައް ބަޔަކަށް އަނިޔާވިއެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނެވެ. މި ދައްކަނީ އަންހެނުންގެ ދުވަހު ފުލުހުން ލައްވާ ސަރުކާރުން އަންހެނުންނާއި މެދު އަމަލު ކުރި ގޮތުގެ ވާހަކައެވެ.

މިނިވަންކަމާއި، ޖުޑީޝަރީގެ ހައްގާއި ފްލެޓްގެ މައްސަލަތަކާއި މެދު އަޑު އުފުލަން ނުކުތް އަންހެންނަށް ހަދިޔާއަކަށް ލިބުނީ ޕެޕަރ ސްޕްރޭގެ ދިލަވަރެވެ. ޕެޕަރ ސްޕްރޭ ޖެހުމުން އެތަނުގައި ތިބި ހަރު އުމުރު ފުރާގެ ދެ އަންހެނަކަށް ޕެޕަރ ސްޕްރޭގެ އަސަރުކޮށް ނޭވާލާން ވަރަށް ބޮޑަށް އުނދަނގޫވިއެވެ. ފުލުހުންގެ ފަރާތުން އެކަމަށް ސަމާލުކަން ދިން ތަނެއް ނުފެނުނެވެ.

ފުލުހުންނަށް މުހިންމުވީ ކޮންމެ ގޮތެއް ހަދާފަވެސް އެމްޑީޕީ ހަރުގެ ސަރަހައްދުން އިހުތިޖާޖުގެ ބައިވެރިއަކު ނުނިކުންނަކަން ކަށަވަރުކުރުމެވެ. ކޮއްޕާ ދަމާ ކުރުގަޅުވާލައިގެން ވެސް ބޭނުންވީ އިހުތިޖާޖުގެ އަޑު އެ ސަރަހައްދުގައި ހިފެހެއްޓިފައި ބޭއްވުމެވެ.

ހާލަތާއި ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކުރުމުގެ ސަބަބުން މުޒާހަރާގަ ބައެއް އަންހެން ބައިވެރިންނަށް އެކިވަރުގެ އަނިޔާތައް ވިއެވެ. އަދި މުޒާހަރާ ކޮންޓްރޯލް ކުރުމަށް އަންހެން ފުލުހުން ތިބި ނަމަވެސް ފިރިހެން ފުލުހުން މެދުވެރިކޮށް އަންހެނުން ފަހަތަށް ޖައްސަން މަސައްކަތް ކުރުމުން އެކަމާއި މެދު އާއްމުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

އަނެއްކާ މޮޅު ކަމަކީ މިއިން ކަމެއް އިސްވެ މުއައްސަސާއަކުން ބަލަން ބޭނުން ވިޔަސް އެކަން ވެސް މިނިވަންކަމާއި އެކު ކުރެވެން ނެތްކަމެވެ. މިއި ހައްތަހާވެސް ފެނިގެން ނުވާނެ ހުތުރު މަންޒަރުތަކެވެ.

އެކަމަކު ފުލުހުން ލައްވާ މި ޗަރުކޭސް ކުޅުވާފަ ވެރިން ތިއްބަވަނީ ފިލައެވެ. އަންހެނުން ހިމެނޭހެން ފުލުހުން ލައްވާ އާއްމުންނަށް އަނިޔާ ކުރުވާފައި ފުލުހުންނަށް އޮތް އިތުބާރު ގެއްލެނީ އޭ ބުނެ ސަރުކާރުން ވާހަކަދެއްކުމަކީ ދެއުޅި އެއް ނުވާ ކަމެކެވެ. ފުލުހުންގެ ޒިންމާއަކީ ހިމާޔަތްކުރުމެވެ. އެއީ ރައްޔިތުންގެ ޚާދިމުންނެވެ. މިފަދަ އަމަލުތަކުން ވެއްޓެނީ ފުލުހުންގެ އަގެވެ. ކިލަނބުވަނީ ވެސް ފުލުހުންގެ ނަމެވެ.

- ކޮމެންޓް