ކޮރަޕްޝަނާ ދެކޮޅު ނޭޕާލުގެ ޒުވާނުން އިސްވެ ކުރި މުޒާހަރާތަކުގައި ފުލުހުންނާ މުޒާހަރާ ކުރި ފަރާތްތަކާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި 22 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމުވި ފަހުން ނޭޕާލްގެ ބޮޑުވަޒީރު ކޭ.ޕީ ޝަރުމާ އޯލީ ވަނީ އިސްތިއުފާ ދެއްވާފައެވެ.
އިސްތިއުފާ ދެއްވުމާ ބެހޭ ގޮތުން އޭނާގެ އޮފީހުން ބުނެފައިވަނީ ސޯޝަލް މީޑިއާ މަނާ ކުރުމާ ގުޅިގެން ޒުވާނުން އިސްނަގައިގެން ކުރި މުޒާހަރާތަކާއި، ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން ޤާނޫނީ ހައްލެއް ހޯދުމަށް މަގުފަހިކުރުމަށްޓަކައި އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
ހޯމަ ދުވަހު ކަތުމަންޑޫގައި ފެށުނު މުޒާހަރާތައް އަނިޔާވެރިވެގެން ދިޔައެވެ. ސަރުކާރާ ދެކޮޅަށް މަގުތަކަށް ނުކުތް އެތައް ހާސް ޒުވާނުން ހިފައިގެން ތިބި ޕްލެކާޑުތަކާއި ބެނަރުތަކުގައި ލިޔެފައިވަނީ އެމީހުންނަކީ ޖެން-ޒީން ކަމުގައެވެ.
ފުލުހުންނާ މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގި ހަމަނުޖެހުން ތަކުގައި 200 އާ ގާތްކުރާ އަދަދެއްގެ މީހުންނަށް އަނިޔާވެފައިވާ ކަމަށް ބެލެވެއެވެ. މުޒާހަރާކުރާ މީހުން ޕާލިމެންޓާއި އެހެނިހެން ސަރުކާރު އިމާރާތްތަކުގެ ފާރުމަތިން އަރަމުން ދިޔައިރު، ފުލުހުން ވަނީ އެމީހުން މަތަ ކުރުމަށް ކަރުނަގޭސް، ފެން ބަޑި އަދި އަސްލު ވަޒަން ވެސް ޖަހާފައެވެ.
އަންގާރަ ދުވަހު ނޭޕާލުގެ ވެރި ރަށުގެ އިތުރުން ބޮޑެތި ސިޓީ ތަކުގައި މުޒާހަރާތައް ކުރިއަށް ދިޔަ އިރު މުޒާހަރާކުރާ މީހުން ޕާލިމެންޓް އިމާރާތާއި، ނޭޕާލީ ކޮންގްރެސް ޕާޓީގެ މައި އޮފީހާއި، ކުރީގެ ބޮޑުވަޒީރު ޝެރް ބަހާދުރު ދެއުބާގެ ގޭގައި އަލިފާން ރޯކޮށްފައިވެއެވެ. އަދި އެހެން ސިޔާސީ ލީޑަރުންގެ ގެތަކަށްވެސް ގެއްލުން ދީފައިވެއެވެ. ބައެއް މިިނިސްޓަރުންނަށާއި ސިޔާސީ އިސް ފަރާތްތަކަށް އަނިޔާކޮށްފައިވާ މަންޒަރުތައް ވެސް ހާމަވެފައިވެއެވެ.
ސޯޝަލް މީޑިއާ އަކީ ނޭޕާލްގެ ދިރިއުޅުމުގެ މުހިންމު ބައެކެވެ. އަދި އެ ޤައުމަކީ ދެކުނު އޭޝިއާގައި އާބާދީގެ ނިސްބަތުން ސޯޝަލް މީޑިއާ އެންމެ ގިނައިން ބޭނުންކުރާ ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ.
މުޒާހަރާތައް ފެށުނީ ސަރުކާރުން ވައިބަރ، އިންސްޓަގްރާމް އަދި ފޭސްބުކް ފަދަ 26 ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ބަންދު ކުރުމާ ގުޅިގެންނެވެ. މި ޕްލެޓްފޯމްތައް ބަންދު ކުރީ ނޭޕާލްގެ މުވާސަލާތާއި އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަށް އެ ޕްލެޓްފޯމު ތަކަށް ދިން މުއްދަތުގައި ރަޖިސްޓްރީ ނުކުރުމުންނެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނެފައި ވަނީ ސަރުކާރުން މި ފިޔަވަޅު އެޅީ ކޮރަޕްޝަނާ ދެކޮޅަށް ހިންގާ ކެމްޕޭނެއް ހުއްޓުވުމަށް ކަމަށެވެ. ހަމަނުޖެހުންތައް ބޮޑުވުމާ ގުޅިގެން އެންމެ ފަހުން މީސްމީޑިއާ އާ ދެކޮޅަށް އެޅި ފިޔަވަޅުތައް ސަރުކާރުން އުވާލިއެވެ. އެހެން ނަމަވެސް މުޒާހަރާތައް ދިޔައީ ކުރިއަށެވެ.
ސޯޝަލް މީޑިއާ މަނާކުރަން އެޅި ފިޔަވަޅަކީ އިހުތިޖާޖު ފެށުމުގެ އަސްލު ކަމުގައި ވީ ނަމަވެސް، މުޒާހަރާކުރާ މީހުން ފާޅުކުރަމުން ގެންދިޔައީ ޤައުމުގެ އިސްވެރިންނާމެދު އެމީހުންގެ ހިތުގައި އޮތް ފުން ހިތްހަމަނުޖެހުމެކެވެ.
ހޯމަ ދުވަހު ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި މުޒާހަރާގެ 19 ބައިވެރިން މަރުވިއެވެ.
ނޭޕާލްގެ މުވާސަލާތާބެހޭ ވަޒީރު ޕްރިތްވީ ސުއްބާ ބީބީސީ އަށް ބުނެފައި ވަނީ ފުލުހުން ބާރުގެ ބޭނުންކުރަން ޖެހުނު ކަމަށެވެ. މީގެ ތެރޭގައި ވޯޓަރ ކެނަން، ކަރުނާ ގޭސް އަދި ރަބަރު ވަޒަން ހިމެނެއެވެ. މުޒާހަރާގެ ބައެއް ބައިވެރިން ކަތުމަންޑޫގައި ހުރި ޕާލިމެންޓް އިމާރާތުގެ ތެރެއަށް ވަދެފައިވުމާ ގުޅިގެން، މުހިންމު ސަރުކާރު އިމާރާތްތައް ހުރި ސަރަހައްދުތަކަށް ކާފިއު އަމުރު ނެރެ، ސެކިއުރިޓީ ވަރުގަދަ ކުރިއެވެ.
އަންގާރަ ދުވަހު މުޒާހަރާކުރާ މީހުން ވަނީ ވެރިރަށް ކަތުމަންޑޫގައި ހުރި ޕާލިމެންޓް އިމާރާތައް ވަދެގަނެ އަލިފާން ރޯކޮށްފައެވެ. އެއާއެކު މުޅި ސިޓީގެ މަތީގައި ބޯދުން ފެތުރިގެން ދިޔައެވެ. ޤައުމުގެ އެކި ކަންކޮޅުތަކުގައި ސަރުކާރު އިމާރާތްތަކާއި ސިޔާސީ ލީޑަރުންގެ ގެތަކަށް ހަމަލާދީފައިވެއެވެ.
އަންގާރަ ދުވަހު މަދުވެގެން ތިން މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުކުރެވިފައިވެއެވެ. މިއާއެކު ހަމަނުޖެހުންތައް ފެށުނީއްސުރެ މަރުވި މީހުންގެ އަދަދު ވަނީ މަދުވެގެން 22 އަށް އަރާފައެވެ.
އަނިޔާވި ގިނަ މީހުން ގެންގޮސްފައި ވަނީ ސަރަހައްދީ ހޮސްޕިޓަލްތަކަށެވެ. ބީބީސީ ނޭޕާލީ އާ ވާހަކަދެއްކި ޑޮކްޓަރުން ބުނެފައި ވަނީ އެމީހުން ފަރުވާދީފައި ވަނީ އަސްލު ވަޒަނުން ލިބުނު އަނިޔާތަކާއި ރަބަރު ބުލެޓުން ލިބުނު އަނިޔާތަކަށް ކަމަށެވެ. ފުލުހުން ބުނެފައިވަނީ ގިނަ އަދަދެއްގެ ފުލުހުންނަށް ވެސް އަނިޔާވެފައިވާ ކަމަށެވެ. އަނިޔާވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ.
އަންގާރަ ދުވަހުގެ ރޭ، ނޭޕާލްގެ އާމީ ޗީފް، ޖެނެރަލް އަޝޯކް ރާޖް ސިގްދެލް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުޒާހަރާކުރާ މީހުން މިހާރުގެ ހާލަތުގެ ނާޖާއިޒު ފައިދާ ނަގައި، އާންމުންގެ މުދަލަށް ގެއްލުންދީ، ވަގަށްނަގައި، އަލިފާން ރޯކުރަމުންދާ ކަމަށެވެ.
ހަމަނުޖެހުންތައް ކުރިއަށްދާ ނަމަ، ނޭޕާލުގެ އަސްކަރިއްޔާގެ ހުރިހާ ބާރެއް ބޭނުން ކޮށްގެން ހާލަތު ކޮންޓްރޯލްކުރުމަށް މަސައްކަތް ކުރާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެއާއެކު، ޖެނެރަލް އަޝޯކް ރާޖް ސިގްދެލް ވަނީ ނޭޕާލްގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް މަޝްވަރާ ކުރުމަށް މުޒާހަރާކުރާ މީހުންނަށް ދަޢުވަތު ދީފައެވެ.
ސޯޝަލް މީޑިއާގެ ތެރެއިން ރޭވިގެން އައި، ޤައުމުގެ ޒުވާނުން އިސްވެ ހިންގި މި މުޒާހަރާތަކަކީ ނޭޕާލްގައި މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ފަދަ ވަރުގަދަ މުޒާހަރާތަކެކެވެ.
މުޒާހަރާކުރާ މީހުން ބުނެފައިވަނީ އެމީހުންނަކީ ޖެން-ޒީން ކަމަށެވެ. އަދި މި ލަފުޒު މުޅި ހަރަކާތުގައި ބޭނުންކުރާ ސިމްބަލަކަށް ވެފައިވެއެވެ. ވަކި ލީޑަރެއް ފާހަގަވެފައި ނެތް ނަމަވެސް، ގިނަ ޒުވާނުންގެ ޖަމާޢަތްތަކަކުން ވަނީ މީހުން އެއްކޮށް، ހަރަކާތައް ގޮވާލައި، އޮންލައިންކޮށް އަޕްޑޭޓްތައް ހިއްސާކުރާ ބޮޑު ބާރަކަށް ވެފައެވެ.
ކަތުމަންޑޫ، ޕޮކަރާ އަދި އިތަހަރީ ފަދަ ނޭޕާލްގެ ބޮޑެތި ސިޓީތަކުގެ ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގެ ދަރިވަރުންނަށް ވަނީ ޔުނިފޯމާއެކު، ފޮތްތައް ހިފައިގެން މުޒާހަރާގައި ބައިވެރިވުމަށް ދަޢުވަތު ދީފައެވެ. އަދި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ދައްކާ ގޮތުގައި ސްކޫލް ކުދިންވެސް މުޒާހަރާގައި ބައިވެރިވެއެވެ.
އެމީހުންގެ މައިގަނޑު ދެ ޑިމާންޑެއް އޮތެވެ: ސަރުކާރުން ސޯޝަލް މީޑިއާ ބަންދު ކުރުން ވަގުތުން އުވާލުމާއި- - އަދި އިސްވެރިންގެ "ކޮރަޕްޓް އާދަތައް" ނިމުމަކަށް ގެނައުމެވެ.
ގިނަ ކޮލެޖް ދަރިވަރުން ހިމެނޭ ގޮތުން މުޒާހަރާކުރާ މީހުން ދުށް ގޮތުގައި ސޯޝަލް މީޑިއާ ބަންދުކުރުން ގުޅިފައި ވަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމާއި، ސިޔާސީ ވެރިންގެ މެދުގައި ފެތުރިފައިވާ ކޮރަޕްޝަން ފޮރުވުމުގެ ބޭނުމުގައެވެ.
"އަހަރެމެން ބޭނުން ވަނީ ނޭޕާލްގައި ކޮރަޕްޝަން ނިމުމަކަށް ގެނައުން،" 19 އަހަރުގެ ކޮލެޖް ދަރިވަރު ބިނު ކޭސީ ބީބީސީ ނޭޕާލީ އަށް ބުނެފައިވެއެވެ. "ލީޑަރުން އިންތިޚާބުގެ ތެރޭގައި ވަޢުދުވެ، އެއްވެސް ކަމެއް ނުކުރޭ. އެމީހުންނަކީ ގިނަ މައްސަލަތަކުގެ އަސްލު ސަބަބު." އޭނާ އިތުރަށް ބުނެފައި ވަނީ ސޯޝަލް މީޑިއާ ބަންދު ކުރުމުން އޭނާގެ ތަޢުލީމަށް ހުރަސްއެޅި، އޮންލައިން ކްލާސްތަކާއި ކިޔެވުމުގެ ވަސީލަތްތަކަށް ވާސިލުވުން ހަނިވެފައިވާ ކަމަށެވެ.
ކޮންޓެންޓް ކްރިއޭޓަރެއް ކަމަށްވާ ސުބްހާނާ ބުދަތޯކީ ހިތްހަމަނުޖެހުން ފާޅުކުރަމުން ބުނެފައިވަނީ: "ޖެން-ޒީ މިހާރު ނުހުއްޓުވޭނެ. މި މުޒާހަރާ އަކީ ހަމައެކަނި ސޯޝަލް މީޑިއާއާ ބެހޭ ކަމެއް ނޫން - މިއީ އަހަރެމެންގެ އަޑު ކަނޑުވާލުމާ ބެހޭ ކަމެއް، އަދި އަހަރެމެން އެކަން ވިޔަކަ ނުދޭނަން."
މުޒާހަރާގެ އެއް ޚާއްޞަ ސިފައަކީ ދެ ސްލޯގަނެއް ފުޅާ ދާއިރާއެއްގައި ބޭނުންކުރުމެވެ - #ނެޕޯ ބޭބީ އަދި #ނެޕޯ ކިޑްސް. މި ދެ ލަފުޒު މަޤްބޫލުވެފައި ވަނީ ސިޔާސީ ވެރިންނާއި އެމީހުންގެ އާއިލާތަކުން އުޅެމުންދާ ތަނަވަސް ދިރިއުޅުން ދައްކުވައިދޭ ވީޑިއޯތަކެއް ނޭޕާލްގައި ވައިރަލްވުމާ ގުޅިގެންނެވެ.
މުޒާހަރާކުރާ މީހުން ބުނާ ގޮތުގައި އާންމު ނޭޕާލީން ދަތިހާލުގައި އުޅެމުން ދާއިރު، ސިޔާސީ މީހުންނާއި އެމީހުންގެ އާއިލާތަކުން އުފަލުގައި ދިރިއުޅެމުން ދަނީ އާންމުން ކުރާ މަސައްކަތުން ހޯދާ ފައިސާ އިންނެވެ. ޓިކްޓޮކް އަދި އިންސްޓަގްރާމްގައި ވައިރަލްވި ވީޑިއޯތަކުން ދައްކާފައި ވަނީ ސިޔާސީ އާއިލާތަކުގެ ފަހި ދިރިއުޅުމެވެ. އެމީހުންގެ ޑިޒައިނަރ ހެދުމާއި، ބޭރު ދަތުރުތަކާއި، އަގުބޮޑު ކާރުތަކެވެ. އަނެއްކޮޅުން އާދައިގެ ޒުވާނުން ކުރިމަތިލާން ޖެހޭ ދަތި ހާލަތްތަކާއި، ވަޒީފާ ނެތުމާއި، މަޖުބޫރު ވެގެން ބިދޭސީ މަސައްކަތު މީހުންގެ ގޮތުގައި އެހެން ގައުމުތަކުގައި އުޅެން ޖެހޭ ގޮތެވެ.
މި ސްލޯގަންތައް ވެފައިވަނީ އާންމު ރައްޔިތުންނާއި މުއްސަނދި ސިޔާސީ މީހުންގެ ދިރިއުޅުމުގެ ފަރަގާމެދު އޮތް ފުން ހިތްހަމަނުޖެހުމުގެ ރަމްޒަކަށެވެ.
ބޮޑުވަޒީރު އިސްތިއުފާ ދެއްވި ނަމަވެސް، އޭނާގެ ބަދަލުގައި ވެރިކަމަށް ދެން އަންނާނީ ކާކު ކަމެއް ނުވަތަ ދެން ވާނީ ކިހިނެއްކަމެއް އަދި ސާފެއް ނޫނެވެ. މިހާރު ގައުމު ހިންގާނެ މީހަކު ނެތް ކަހަލައެވެ. ބައެއް ލީޑަރުން، ވަޒީރުން ވެސް ހިމެނޭ ގޮތަށް، ސަލާމަތީ ބާރުތަކުގެ ހިމާޔަތުގައި ތިބި ކަމަށް ރިޕޯޓުކުރެވެއެވެ.
މުޒާހަރާކުރާ މީހުން ގޮވާލަނީ ސިޔާސީ ވެރިން ޖަވާބުދާރީވުމަށާއި ވެރިކަން ހިންގުމުގެ ނިޒާމަށް އިސްލާހު ގެނައުމަށެވެ. އެހެން ކަމުން، ސަރުކާރުން މާނަހުރި ގޮތެއްގައި މަޝްވަރާކޮށް ޒުވާނުންގެ ޑިމާންޑުތަކަށް އިޖާބަ ނުދީފިނަމަ، ހަމަނުޖެހުންތައް އިތުރަށް ގޯސްވެދާނެ ކަމަށް މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނެ އިންޒާރުދެއެވެ.