ކ. މާލެ
|
8 މާރޗް 2025 | ހޮނިހިރު 23:58
އެމްޑީޕީން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. ފްލެޓް ނުލިބޭ މީހުންނަށް އެހީވުމަށް އެ ޕާޓީން ވަނީ ޕޯޓަލް އެއް ތައާރަފް ކޮށްފަ
އެމްޑީޕީން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. ފްލެޓް ނުލިބޭ މީހުންނަށް އެހީވުމަށް އެ ޕާޓީން ވަނީ ޕޯޓަލް އެއް ތައާރަފް ކޮށްފަ
ރާއްޖެއެމްވީ
ފްލެޓުތަކުގެ މައްސަލަ
ފްލެޓު ލިސްޓުން ބާކީ ކުރި މީހުންނަށް އެހީވާން އެމްޑީޕީ އިން ޕޯޓަަލްއެއް ތައާރަފްކޮށްފި
ފްލެޓު ލިބޭނެ ކަމަށް އިއުލާނުކުރި 4،000 މީހުންގެ ލިސްޓުގައި ހިމެނުނު ނަމަވެސް ބާކީކުރި 3119 މީހުންނަށް އެހީވާން އެމްޑީޕީ އިން ވަނީ ޕޯޓަަލްއެއް ތައާރަފްކޮށްފަ
ފްލެޓުތަކާ ގުޅިގެން އެމްޑީޕީއަށް މައުލޫމާތު ހިއްސާކުރަން ބޭނުންވާ މީހުން ޕޯޓަލްއަށް ލޮގިން ކުރަން ޖެހެނީ ހަމައެކަނި ފޯމު ނަންބަރާއި ފޯނު ނަންބަރު ޖަހައިގެން

މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭނެ ކަމަށް އިއުލާނުކުރި 4،000 މީހުންގެ ލިސްޓުގައި ހިމެނުނު މީހުންގެ ތެރެއިން ބާކީކުރި މީހުންނަށް އެހީވާން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ޕޯޓަަލްއެއް ތައާރަފްކޮށްފި އެވެ.

ފްލެޓް ލިބޭނެ ކަމަށް އިއުލާނު ކުރި 4000 މީހުންގެ ލިސްޓުގައި ހިމެނުނު މީހުންގެ ތެރެއިން ބާކީ ކޮސްފައި ވަނީ 3119 މީހުންނެވެ.

މި ފަރާތްތަކަށް އެމީހުންގެ ހައްޤު ކަށަވަރު ކޮށްދިނުމުގެ ގޮތުން ފްލެޓު ލިސްޓުން ބާކީ ކުރި މީހުންނަށް ޝަކުވާ ހުށަހެޅުމަށް ޕޯޓަލްއެއް ހުޅުވާލިކަން އިއުލާނު ކޮށްފައި ވަނީ އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ލީގަލް ޓީމުގައި ހިމެނޭ އަހުމަދު މައުރޫފްއެވެ.

މައުރޫފް ވިދާޅުވީ އެ ޕޯޓަލްގެ ބޭނުމަކީ ރައީސް މުއިއްޒުގެ މި ސަރުކާރުން ފްލެޓު ނުލިބޭނެ ކަމަށް ބުނެ ނުހައްގުން ޑިސްކޮލިފައިކުރި މީހުންނާއި ފްލެޓު އެގްރީމަންޓުތަކުގައި ސޮއިކުރި ނަމަވެސް ބާކީކުރި މީހުންގެ ހައްގުގައި އެމީހުންނަށް އެހީތެރިވުމުގެ ގޮތުން މައުލޫމާތު އެއް ކުރުމަށް ކަމަށެވެ.

މައުރޫފް ވިދާޅުވީ އެމްޑީޕީން ތައާރަފު ކުރި މި ޕޯޓަލް ފަރުމާކޮށްފައި ވަނީ ވަރަށް ފަސޭހައިން ބޭނުން ކުރެވޭނެ ގޮތަށް ކަމަށާއި އެގޮތުން އެއްވެސް ފަރާތަކުން އައިޑީކާޑު ކޮޕީއެއްފަދަ އެކަހަލަ ޕާސަނަލް މައުލޫމާތެއް ހިމެނޭ ޑޮކިއުމަންޓް މިއަށް ހުށަހަޅަން ނުޖެހޭނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ޕޯޓަލް އަށް ވަރަށް ފަސޭހައިން އޮންލައިން ވެވޭނޭ ކަމަށް މައުރޫފް ވިދާލުވި އެވެ.

މިއީ ވަރަށް ސިމްޕަލް ސިސްޓަމެއް އަޅުގަނޑުމެން ގާއިމުކޮށްފައި މިއޮތީ. އެއްވެސް ފަރާތަކުން އައިޑީކާޑު ކޮޕީއެއްފަދަ އެކަހަލަ ޕާސަނަލް މައުލޫމާތު، ޑޮކިއުމަންޓް މިއަށް ހުށަހަޅަން ޖެހޭ ގޮތަކަށް ނޫން އަޅުގަނޑުމެން މީތި ފަރުމާ ކޮށްފައި މިއޮތީ. ދެން މިއަށް އޮންލައިވުމުގައި ވެސް ވަރަށް ފަސޭހަ ސިމްޕަލް ގޮތަކަށް މި ފަރުމާ ކޮށްފައި މިއޮތީ.

އަހުމަދު މައުރޫފް

މައުރޫފް ވިދާޅުވީ އެމްޑީޕީގެ ހައުސިން ކޮމިޓީ އާއި އެކި ގުނަވަންތަކުން ފްލެޓް މައްސަލައާ ގުޅިގެން އެކި މަޝްވަރާތަކެއްކޮށް، ފްލެޓް ނުލިބޭނެ ކަމަށް މި ސަރުކާރުން ކަނޑައެޅި މީހުންގެ ހައްގުގައި ވަކާލާތު ކުރެވޭނެ މަގުތައް ބަލަމުންދާ ކަމަށާއި އެގޮތުން ވަރަށް އަވަހަށް މިކަން ކުރެވޭނޭ ކޮންމެވެސް ނިޒާމެއް ޤާއިމް ކުރަން އެމްޑީޕީން ނިންމާފައިވާ ކަމަށް މައުރޫފް ވިދާޅުވިއެވެ.

ފްލެޓުތަކާ ގުޅިގެން އެމްޑީޕީއަށް މައުލޫމާތު ހިއްސާކުރަން ބޭނުންވާ މީހުން ޕޯގަލްއަށް ލޮގިން ކުރަން ޖެހެނީ ހަމައެކަނި ފޯމު ނަންބަރާއި ފޯނު ނަންބަރު ޖަހައިގެންނެވެ. އެއަށްފަހު ބޭނުންވާ ލިޔެކިޔުންތައް ހިއްސާ ކުރެވޭނެ އެވެ.

މިދިޔަ ސަރުކާރުން ފްލެޓު އިއުލާނުކުރި ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް ކަނޑައެޅި 4,939 މީހުންގެ ތެރެއިން އިވެލުއޭޝަން ނިމުނުއިރު ފްލެޓު ނުލިބޭނެ ކަމަށް ކަނޑައެޅި 3119 މީހުންނެވެ.

ނިމިދިއަ އެމްޑީޕީ ސަރުކާރުން ދޭންނިންމި 4000 ފްލެޓް ލިސްޓުގައި ނުހިމެނޭ 577 މީހެއްގެ މައުލޫމާތު ރިވިއުކޮށް ފްލެޓް ދޭނެ ކަމަށް ކަނޑައަޅައި އިއުލާނު ކޮށްފައި ވާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އަދި މީގެ އިތުރުން 56 ފަރާތެއްގެ މާކްސް އާއި ކުޅެ މާކްސް މަތިކޮށްފައި ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.

- ކޮމެންޓް