ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ފުރަތަމަ ލެގުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވި ނަމަވެސް، އޭނާ ހުރީ އުފަލުން ނޫން ކަމަށް ރެއާލް މެޑްރިޑަށް އިރުޝާދު ދެމުން އަންނަ ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
އޭނާ މިހެން ބުނީ ރެއާލްގެ އަމިއްލަ ދަނޑުގައި އެތުލެޓިކޯއާ ދެކޮޅަށް ކުޅުނު މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. އެ މެޗުގައި ރެއާލް އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، އެތުލެޓިކޯ އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް ދެ ވަނަ ލަނޑެއް ޖަހައިގެން ރެއާލް ވަނީ މެޗުން މޮޅުވެފަ އެވެ.
އަންޗެލޮޓީ ބުނީ، އެތުލެޓިކޯއާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގަކީ އުނދަގޫ މެޗެއް ކަމަށާއި، އެ ޓީމާ ދެކޮޅަށް ކުޅުމަކީ އަބަދު ވެސް އުނދަގޫ ކަމެއް ކަމަށެވެ. އެ މެޗުގައި ރެއާލަށް އުނދަގޫކަން އިޙުސާސް ކުރެވުނު ކަމަށް އަންޗެލޮޓީ ބުންޏެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރެއާލަށް ގޯސްތަކެއް ހެދުނު ކަމަށް ވެސް އަންޗެލޮޓީ ބުންޏެވެ. އެގޮތުން ރެއާލް އިން ވަރަށް ގިނަ ބޯޅަތަކެއް ގެއްލުވާލި ކަމަށާއި، ބޭކަރު ގޮތުގައި ބައެއް ކަންކަން ކުރެވުނު ކަމަށް ވެސް އޭނާ ބުންޏެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެތުލެޓިކޯގެ ހޫލިއަން އަލްވަރޭޒް ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރި ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
ނަމަވެސް މެޗުގެ ދެ ވަނަ ހާފުގައި ރެއާލުން ވަނީ ކުޅުން ރަނގަޅުކޮށްފައިކަން އަންޗެލޮޓީ ފާހަގަ ކުރި އެވެ. ޚާއްސަކޮށް ރެއާލް އިން ފައިދާތަކެއް ނަގަމުން ދިޔަ ކަމަށާއި، އެކަމުގެ ބޭނުން ކުރެވުނު މަންޒަރު ފެނުނު ކަމަށް ވެސް އޭނާ ބުންޏެވެ.
ފުރަތަމަ ލެގުން މޮޅުވި ނަމަވެސް ރެއާލަށް އޮތީ ވަރަށް ކުޑަ ފައިދާއެއް ކަމަށް އަންޗެލޮޓީ ޤަބޫލު ކުރެ އެވެ. އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި ދެ ވަނަ ލެގަށް ނިކުންނައިރު، އެ މެޗު އިތުރަށް އުނދަގޫ ވާނެ ކަމަށް ވެސް އޭނާ ދެކެ އެވެ. ދެ ޓީމަކީ ވެސް ދާދި އެއް ފެންވަރެއްގެ ދެ ޓީމަށް ވުމުން. އެ މެޗުގައި ވެސް ގިނަ ކަންކަން ހިނގާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި ކުޅޭއިރު، އެ މެޗަކީ ސެމީ ފައިނަލް ނުވަތަ ފައިނަލް މެޗެއްގެ ގޮތުގައި އަންޗެލޮޓީ ސިފަ ކުރި އެވެ. ޚާއްސަކޮށް އެ ފަދަ މެޗެއްގައި އެތުލެޓިކޯއާ ދެކޮޅަށް ކުޅެން ޖެހުމަކީ އުފާވާނެ ކަމެއް ނޫންކަން ފާހަގަ ކުރަމުން އޭނާ ބުނީ، ރެއާލާ ދެކޮޅަށް ކުޅެން ޖެހުމަކީ އެތުލެޓިކޯ އިން ވެސް އުފާވާނެ ކަމެއް ނޫން ކަމަށެވެ.
އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި މި ދެ ޓީމު ބައްދަލު ކުރާ ގަދަ 16 ގެ ދެ ވަނަ ލެގު އޮތީ މާޗު މަހުގެ 13 ވަނަ ދުވަހު އެވެ.