ރައީސް މުއިއްޒުއެވެ. މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ދިވެހި އެންމެހާ ރައްޔިތުން ކުރިމަތީގައި ވެވަޑައިގަތް ވައުދަކީ ފަނޑިޔާރުގެއަށް އަތް ނުބާނުވަވާނެ ކަމުގެ ވައުދެވެ. ފަނޑިޔާރުގެއަށް ނުފޫޒު ނުފޯރުވާނެކަމުގެ ވައުދެވެ. ވިދާޅުވީ އަދުލުވެރިއަކަށް ވެވަޑައިގަންނަވާނެ ކަމަށެވެ. ބޭއިންސާފުވެރި ވެވަޑައިނުގަންނަވާނެ ކަމަށެވެ.
އެކަމަކު އިންސާފާއި ހަމަހަމަކަމާއި އެކު އަދުލު އިންސާފުގެ މަގުން ހިނގަން ދޫކޮށްލެވުނީ މަނިކުފާނާއި ގުޅުން ހުރި ކަމެއް އެ ތަނުގައި ހިނގަންދެންނެވެ. ޕާޓީ ބަދަލުކުރުމުން މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ސުޕްރީމް ކޯޓުން ކުރިއަށް ގެންދަން ނިންމި ހިސާބުން މަނިކުފާނުގެ ސަރުކާރުގެ ހަމަ ނިދި މުޅިން ގެއްލުނު ކަހަލައެވެ. ދެނަކާއި ދެނެއް ނެތެވެ. އަދުލު އިންސާފު ލިބޭނެ ހަމައެކަނި ބޭނުން ގޮތަކީ މަނިކުފާނާއި ސަރުކާރުން ބޭނުންވާ ސިފަ އަކަށް ފަހާ ހެދުމެއް ލައިގެން ތިބޭނެ ބަޔަކު ތިބެގެން ހިންގާ ޝަރުއީ ނިޒާމަކަށް، ރާއްޖޭގެ ޝަރުޢީ ނިޒާމް ވުން ކަމަށް މަނިކުފާނަށް ގަބޫލުކުރެވުނު ކަހަލައެވެ.
ތަކުރާރުކޮށް ކުރީގެ ސަރުކާރުތަކުން ޝަރުއީ ދާއިރާ އަށް ފޯރުވާފައި އޮތް ނުފޫޒުގެ ވާހަކަ ދައްކަވަމުން ރައްޔިތުންގެ ތާއީދު ހޯއްދަވައިގެން ވެރިކަން ލިބުމުން އަމަލު ތިކުރެއްވީ ރަސްކަމެއްގައި މީހަކު އަމަލުކުރާނެ ބީދައިންނެވެ. މަނިކުފާނު ވިދާޅުވި ޝަރުއީ ދާއިރާ އަށް އަތް ބާނާ މީހުންނާއި މެދު ފިޔަވަޅު އަޅާނެ ކަމުގެ ވާހަކައެވެ.
އެކަމަކު ކުރެއްވި ކަމަކީ އަމިއްލަ ފުޅު ކޮންޓްރޯލް އޮތް މަޖިލިސް މެދުވެރިކޮށް ސުޕްރީމް ކޯޓުގެ ބެންޗް ކުރު ގަޅުވާލުމެވެ. އެކަން ވާން ނެތް ހެން ހީވީމަ، އަމިއްލަފުޅު ސަރުކާރުގެ އޭޖީ ލައްވާ ޖޭއެސްސީގެ ޖަލްސާ އެއް ބާއްވާ، 3 ފަނޑިޔާރުން ސަސްޕެންޑްކޮށް ، 15 މިނިޓްތެރޭގައި ސުޕްރީމް ކޯޓު ޕެރަލައިޒް ކޮށްލެއްވީއެވެ. އެހެން މި ބުނަނީ ދުސްތޫރީ އެއްވެސް މައްސަލަ އެއް ނުބެލޭ މިންވަރަށް ސުޕްރީމް ކޯޓުގައި މަސައްކަތްކުރަން ތިބި ފަނޑިޔާރުންގެ އަދަދު މަދުވުމެވެ.
މިއީ މަނިކުފާނާއި ސަރުކާރުން މުޅި ޖުޑީޝަރީއަށް ދިން އިންޒާރެކެވެ. ބާރު އޮތީ ކޮން ބައެއްގެ ކަން ސާފުކޮށް ބިރު ދައްކަން ކަމެއްގެ ގޮތުގައި ނޫނީ މިފަދަ ކަންކަން ސިފަ ކުރެވޭކަށް ނެތެވެ. ސުޕްރީމް ކޯޓުގެ ބެންޗު ވެސް އެ ފުށް މި ފުށަށް ތިޔަ ޖައްސަވަނީއެވެ. އެ ބަދަލު ނުގެންނާނެ ކަމަށް ވިދާޅުވީ ވެސް މަނިކުފާނުގެ އަރިސް އޭޖީއެވެ. އެ ބެންޗް ބަދަލުކުރެއްވުމުގެ ތަޅުދަނޑިއަކަށް ތިޔަހެއްދެވީ ހަމަ އެ އޭޖީއެވެ. މިވަރުން ނުފޫޒާއި ބާރު އޮތް މިންވަރު ސާފުވޭ ނޫންތޯއެވެ.
މަނިކުފާނެވެ. ފަނޑިޔާރު ގެއަށް އަތް ބޭނުނުކަމަށް ވާނީ ކިތައް ފަނޑިޔާރުން ސަސްޕެންޑްކުރީމަތޯއެވެ. މިއަދު ބަދަލު ކުރައްވަނީ ސުޕްރިމް ކޯޓެވެ. މާދަމާ ދަށުކޯޓުތަކަށް މިހެން ނުވާންވީ ސަބަބެއް ކަން ހިނގާ އުސޫލަށް ބެލުމުން ނުވިސްނެއެވެ. ދަށު ކޯޓުތަކާއި، ސުޕްރީމްކޯޓު މަނިކުފާނު ހިތްޕުޅު ހަމަޖެހޭ ގޮތަށް އަތުރާ، އަމުނާލެއްވުމުން ވެސް ބޭނުންފުޅުވި ނުފޫޒެއް ނެތޭ ތޯއެވެ. މަނިކުފާނު ވިދާޅުވާ ގޮތުން ފަނޑިޔާރު ގެއަށް ހަމަ ހިލާ އަތެއް ނުބާނައެވެ! އެކަމަކު ފަނޑިޔާރުގެ ހުއްޓިއްޖެއެވެ!