ރޯދަ މަސް ފެށެންވާއިރު ހއ. ދިއްދޫގައި ކުނިނެގުމުގެ ޚިދުމަތް ވެމްކޯ އިން ފަށާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ރޯދަ މަސް ފެށިގެން ހަފްތާއެއް ވާން ގާތްވެފައިވާއިރު އަދިވެސް އެރަށުގައި ކުނި ނެގުމުގެ ޚިދުމަތް ދެނީ ކައުންސިލުންކަން ހާމަ ވެއްޖެއެވެ.
ރައީސް މުއިއްޒު ރަށްރަށަށް ވަޑައިގެން އެކިއެކި ތާރީޚުތަކުގައި ކަންކަން ފައްޓަވާނެ ކަމަށް ވިދާޅުވުމަކީ އާންމު ކޮށް ކުރައްވާ ކަމެކެވެ. އެހެން ނަމަވެސް އެ ވިދާޅުވާ ގޮތައް ކަންކަން ހިނގަމުން ނުދާކަން ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ.
ޖެނުއަރީ މަހުގެ ފަހުކޮޅު ދިއްދޫ އަށް ކުރެއްވި ދަތުރުފުޅުގައި، އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ، ހުރިހާ ކަމެއް ފުރިހަމަވެ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ވެމްކޯގެ ޚިދުމަތް ދިއްދޫގައި ފެށޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވިއެވެ.
"މިރަށުގައި [ދިއްދޫގައި] ވެމްކޯގެ ޚިދުމަތް ފެށުމަށް ... އަޅުގަނޑު ވާނީ ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރަށް އަދި ފިނޭންސް މިނިސްޓަރަށް ދަންނަވާފައި، ހަމަ ޖައްސަން ޖެހޭ ހުރިހާ ކަމެއް، ފައިސާ ގެ ގޮތުން، މަސައްކަތުގެ ގޮތުން، ކުރަންޖެހޭ ހުރިހާ ކަމެއް ނިންމަވާ ރަމަޟާން މަސް ފެށެން ވާއިރަށް ފުރިހަމަ ގޮތުގައި މިރަށުގައި ވެމްކޯގެ ޚިދުމަތް ފެށެން ވާނެ ކަމަށް؛" ދިއްދޫގައި ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ދިއްދޫ ރައްޔިތުންނަށް ވިދާޅުވީ އެ ދެބޭފުޅުން އެކަމުގައި ޔަގީންކަން ދެއްވި ކަމަށެވެ. އެއާ އެކު ޖަލްސާގައި ތިބި ފަރާތްތަކުގެ ތަރުހީބުގެ އަތްތިލަބަޑިއެއްގެ އަޑު އިވެގެން ދިއައެވެ.
"އެހެން ވީމާ ބައްލަވާ، ދެން މިއޮތީ ވަރަށް ކުޑަ ދުވަސްކޮޅެއް އެހެން ނޫންތޯ، އެހެންވީމާ ރަމަޟާން މަސް ފެށެން ވާއިރަށް ވެކްމޯގެ ޚިދުމަތް އަދި އެއަށް ވުރެ ވެސް އަވަސް ވާނެ ކަމަށް އެބޭފުޅުން އެބަ ވިދާޅުވޭ،" މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑު ބަލަނީ އެންމެ ލަސްވެގެން ފެބްރުއަރީ މަސް ނިމެން ވާއިރަށް ފެށޭނެ ކަމަށް"
ދިއްދޫ ގައި ވެމްކޯގެ ޚިދުމަތް ރައީސް މުއިއްޒު ވިދާޅުވި ގޮތައް ފެށިފައި ނުވާތީ، ކައުންސިލުން ވަނީ ރޯދަ މަހު ކުނި ނެގުމުގެ ޚިދުމަތްދޭ ގަޑިތައް ވެސް އިއުލާނު ކޮށްފައެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން ވައުދުތައް ވަނީ އެއްވެސް ރޭވުންތެރިކަމެއް ނެތިކަމަށް ބުނެ، ވާދަވެރި ފަރާތްތަކުން ދައްކާ ވާހަކަތަކަށް ވެސް މިއަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅު ދިއްދޫ ހިމެނޭ ގޮތުން ހއ. އަށް މުއިއްޒު ކުރެއްވި ދަތުފުޅުގައި ވަނީ ރައްދު ދެއްވާފައެވެ.
”އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރާ ގޮތަކީ ރައްޔިތުންގެ ގާތުން ކަންކަން އޮޅުން ފިލުވައިގެން، އެންމެ އިސްކަން ދޭންޖެހޭ ކަންކަމަށް އިސްކަންދީގެން، ރައްޔިތުންނަށް އެ ދަތިވާކަންކަމަށް ހައްލުތައް ގެނެސްދިނުމަށް“ ހއ.މުރައިދޫގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.