އިތުރު ގަޑީގެ ފައިސާ ނުދީ ސިއްހީ ޚިދުމަތްތެރިން ލައްވާ މަސައްކަތް ކުރުވަނީ ވަޒީފާ އާއި ބެހޭ ޤާނޫނާއި ޚިލާފަށް ކަމަށް މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ބުނފިއެވެ.
އިތުރު ގަޑީގެ ފައިސާ ނުދީ ސިއްހީ ޚިދުމަތްތެރިން ލައްވާ މަސައްކަތް ކުރުވާތީ ކަންބޮޑުވުން ފާޅުކޮށް ޔޫނިއަން އިން އާއްމުކުރި ބަޔާނެއްގައި ބުނީ މިނިސްޓްރީ އޮފް ހެލްތް އަދި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގައި މަސައްކަތް ކުރަމުންދާ ސިއްހީ މަސައްކަތްތެރިންގެ ތެރެއިން ސިއްހީ ދާއިރާގެ ޕޭ ފްރޭމް ވޯރކަށް ހިޖުރަކޮށްފައިވާ މަސައްކަތްތެރިން ލައްވާ އިތުރު ގަޑީގެ ފައިސާ ނުދީ މަސައްކަތް ކުރުވަމުންދާ ކަަމަށެވެ. އެހެންކަމުން އެއީ އެ ޔޫނިއަން އިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަަމަށް އެ ޔޫނިއަންގެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެގޮތުން އިތުރު ގަޑީގެ ގޮތުގައި މަހެއްގެ މައްޗަށް ފައުސާ ލިބޭނީ އަސާސީ މުސާރައިގެ އެންމެ ގިނަވެގެން 10 އިންސައްތަ އަށް ވާ މިންވަރަށް ކަމަށް ވާތީ އެ މިންވަރަށް ވުރެ އިތުރުވާ ގޮތަށް މުވައްޒަފު ލައްވާ މަސައްކަތް ކުރުވައިގެން ނުވާނެ ކަމަށް މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަން އިން ވަނީ ބުނެފައެވެ.
އެހެންކަމުން މުވައްޒަފުން ލައްވާ، މުވައްޒަފުންގެ އަސާސީ މުސާރައިގެ 10% ވާ މިންވަރަށް ވުރެ އިތުރަށް މަސައްކަތްކުރުވުން، ވަޒީފާ ދޭ މީހާގެ މައްޗަށް އަދި ވަޒީފާ އަދާކުރާ ސުޕަރވައިޒަރގެ މައްޗަށް ވެސް މަނާކުރާކަން އެ ޔޫނިއަން އިން ވަނީ ފާހަގަކޮށްފައެވެ.
އެހެންނަމަވެސް ސިއްހީ ދާއިރާގެ ޚިދުމަތް ހޯދަމުންދާ މީހުންގެ އަދަދަދާއި އަޅާ ބަލާ އިރު ސިއްހީ ޚިދުމަތްތެރިން މަދުވުމުގެ ސަބަބުން ރަސްމީ ގަޑީގެ އިތުރަށް ގިނަ ވަގުތުތަކުގައި މުވައްޒަފުން މަޑުކުރަން ޖެހޭ ކަމަށް އެ ޔޫނިއަނުން ވަނީ ބުނެފައެވެ. އެެހެންނަމަވެސް މުސާރައިގެ 10% އަށް ވުރެ އިތުރަށް ކުރުވާ މަސައްކަތުގެ އިތުރު ގަޑީގެ ފައިސާ މުވައްޒަފުންނަށް ނުދޭ ކަމަށް ވެސް ވަނީ ބުނެފައެވެ.
ވަޒީފާ އާއި ބެހޭ ޤާނޫނާއި ޚިލާފަށް ހެދޭ ކޮންމެ ޤަވާއިދެއް، އުސޫލެއް ވާނީ ބާތިލް އެއްޗަކަށް ކަަމަށް ވަޒީފާ އާއި ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ އިރު ވަޒީފާ އާއި ބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން އިތުރު ގަޑީގެ ފައިސާ ލިބި ނުދެވޭ ގޮތަށް ދައުލަތުގެ އާ ޕޭ ފްރޭމްވޯކް އެކުލަވާލުމަކީ ވަޒީފާ އާއި ބެހޭ ޤާނޫނާއި ޚިލާފުކަމެއް ކަމަށް ވެސް އެ ޔޫނިއަން އިން ވަނީ ބުނެފައެވެ.