ކ. މާލެ
|
2 މާރޗް 2025 | އާދީއްތަ 13:43
"ހުވަން" ލޯންޗު އަޑިއަށް ގޮސްގެން ފުލުހުން ހަރަކާތްތެރިވަނީ
"ހުވަން" ލޯންޗު އަޑިއަށް ގޮސްގެން ފުލުހުން ހަރަކާތްތެރިވަނީ
ޕޮލިސް
ހުވަން ލޯންޗު އަޑިއަށް ދިއުން
އަޑިއަށް ދިޔަ "ހުވަން" ލޯންޗުގެ ހުރިހާ ފަޅުވެރިންނާއި ފަސިންޖަރުން ސަލާމަތްކޮށްފި
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ ފުރިހަމަ ތަހުގީގެއް ދަނީ ކުރަމުން ކަމަށް ފުލުހުން ބުނޭ
ހުރިހާ ފަސިންޖަރުންނާއި ފަޅުވެރިން ދިގުރަށަށް ގެންގޮސްފައިވާ ކަމަށާއި އެ މީހުން ސިއްހީ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނޭ

އަޑިއަށް ދިޔަ "ހުވަން" ލޯންޗުގެ ހުރިހާ ފަސިންޖަރުންނާއި ފަޅުވެރިން ސަލާމަތްކޮށްފިއެވެ.

ފުލުހުން ބުނީ އާދިއްތަ ދުވަހު ހެނދުނު 07:57 ހާއިރު "ހުވަން" ލޯންޗު އަޑިއަށް ދިޔަ ކަމުގެ ރިޕޯޓް އެ އިދާރާ އަށް ލިބިފައިވާ ކަމަށެވެ. އަދި އެ ލޯންޗް އަޑިއަށް ދިޔައީ އދ. ދިގުރަށުން މާލެ އަށް ދަތުރުކުރަމުން ދަނިކޮށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ އުޅަނދު އަޑިއަށް ދިޔަ އިރު އެ އުޅަނދުގައި 45 ފަސިންޖަރުންނާއި 3 ފަޅުވެރިން ތިއްބެވެ.

އެ ޚަބަރު ލިބުމާއި އެކު ފުލުހުންގެ އިމަޖެންސީ ރެސްޕޮންސް ޓީމުތައް ވަގުތުން އެ ސަރަހައްދަށް ފޮނުވާފައިވާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި 4 ކުޑަކުދިން ހިމެނޭ ގޮތަށް ބޯޓުގައި ތިބި ހުރިހާ އެންމެން ރައްކާތެރިކަމާއެކު ސަލާމަތް ކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ ހުރިހާ ފަސިންޖަރުންނާއި ފަޅުވެރިން ދިގުރަށަށް ގެންގޮސްފައިވާ ކަމަށާއި އެ މީހުން ސިއްހީ ހާލު ރަނގަޅު ކަމަށެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ ފުރިހަމަ ތަހުގީގެއް ދަނީ ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ ފުލުހުންގެ ސަލާމަތީ ޓީމުތަކާއި މި އޮޕަރޭޝަންގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

- ކޮމެންޓް