ސަރުކާރުގެ މަޝްރޫޢުތައް ބިޑް ނުކޮށް ބޭނުން ބަޔަކަށް ދެވޭ ގޮތް ހަދާ ގަވައިދަށް ބަދަލު ގެނެސްފިއެވެ. ސަރުކާރުން ފެބްރުއަރީ މަހުގެ 27 ގައި މާލިއްޔަތުގެ ގަވާއިދަށް ބަދަލެއް ގެނެސް، ވިދިވިދިގެން އަންނަ ދެ އަހަރު ދުވަހުގެ މުއްދަތަށް ބައެއް މަޝްރޫޢުތައް ބިޑް ކުރުމެއް ނެތި ބޭނުން ބަޔަކަށް ހަވާލުކުރުމުގެ ފުރުސަތު ވަނީ ތަނަވަސްކޮށްފައެވެ.
މި ބަދަލާއެކު، އާންމު ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރިއަށް ގެންދާ މަޝްރޫޢުތަކާއި، ސަލާމަތީ ކަންކަމާ ގުޅުންހުރި މަޝްރޫޢުތައް ވާދަވެރި ބީލަމަކާ ނުލައި ސީދާ ކުންފުނިތަކާ ހަވާލުކުރެވޭނެއެވެ.މި ގަވާއިދުގެ ދަށުން، ސަރުކާރުގެ އޮފީސްތަކުން މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅާ މަޝްރޫޢުތައް ވަޒީރުންގެ މަޖިލީހުން ނުވަތަ ކެބިނެޓް ކޮމިޓީއަކުން ނިންމާ އުސޫލުތަކާ އެއްގޮތަށް ފާސްކުރެވޭނެއެވެ. އަދި ފިނޭންސް މިނިސްޓަރަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުން، ޕީއެސްއައިޕީ ގެ ބޮޑެތި ބައެއް މަޝްރޫޢުތަކަށް ބިޑް ސެކިއުރިޓީ އަދި ޕަރފޯމަންސް ގެރެންޓީ ފަދަ މާލީ ގެރެންޓީތަކުން އިސްތިސްނާ ދެވޭނެ ގޮތް ވެސް ވަނީ ހަދާފައެވެ.
2019 ވަނަ އަހަރުގެ ޖަނަވަރީ މަހު ތަޢާރަފްކުރެވުނު ގަވާއިދުގެ ދަށުން، ހުރިހާ މަޝްރޫޢުތަކެއްވެސް ކުރިއަށް ގެންދަންޖެހެނީ ވާދަވެރި ބީލަމެއްގެ ތެރެއިންނެވެ.
އެހެންނަމަވެސް މި ބަދަލާ ގުޅިގެން ކަރަޕްޝަނާއި، އަޑި ނޭގޭ ޑީލްތަކަށް މަގުފަހި ވުމާއި، ރައްޔިތުންގެ ޓެކްސް ފައިސާ ބޭނުން ކުރެވެނީ ޖަވާބުދާރީ ވެވޭ ގޮތަކަށްކަން ޔަގީން ކުރުމުގެ މަގު ބަންދުވެގެން ދާނެއެވެ. ޚިޔާނާތުގެ އެތައް މައްސަލައެއް މި ސަރުކާރުގެ ތެރެއިން ފެންމަތިވެ ސަރުކާރަށް އޮތް އިތުބާރު ދުވަހެއް ދުވަހަކަށް ކުޑަވަމުންދާއިރު، ވާދަވެރި ބީލަމެއް ނެތި މަޝްރޫޢުތައް ހަވާލުކުރުމުން، ވަކި ފަރާތްތަކަށް ނާޖާއިޒު ފައިދާ ލިބުމާއި، ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު އިތުރުވެގެންދާނެކަމަށް ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.