މަނިކުފާނެވެ. ވިދާޅުވާން ތިއުޅުއްވީ ބުރާސްފަތި ދުވަހު ނެރުނު ފްލެޓް ލިސްޓު ހެދުމުގައި ޒައްރެއްގެ މިންވަރު ވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމުގެ ވާހަކައެވެ. މިއީ ނުފޫޒުން އެއްކިބާވެގެން ނެރެފައިވާ ލިސްޓެއް ކަމަށް ދައްކަން ލައްކަ މަސައްކަތް ކުރައްވައިފީމުއެވެ.
މަނިކުފާނު ވިދާޅުވި އަޑު އެހީމެވެ. މިއީ ހަމަގައިމު ވެސް މަނިކުފާނަށް ގެދޮރުވެރިކަމުގެ މައުލޫމާތު އެނގެން ފެށި ހިސާބުން އަދި އެންމެ ޖޫނިއާ ލެވެލް އިން ފެށިގެން ސަރުކާރުގަ ކަމާއި ބެހޭ ދާއިރާގައި މަނިކުފާނު އުޅުއްވަން ފެށި ހިސާބުން ބެލިއަސް ނުފޫޒެއް ނުފޯރުވާ ގެދޮރު ލިބޭ މީހުންގެ ލިސްޓެއް ނެރުނު ފުރަތަމަ ފަހަރަށް ވިދާޅުވީމެވެ.
ފްލެޓް ލިސްޓު ނެރުނީ ނުފޫޒެއް ނެތި ކަމަށް ރައީސް ވިދާޅުވެފައިވާއިރު މި ސަރުކާރުގެ ފުރަތަމަ ހައުސިން މިނިސްޓަރ އަދި ރައީސް މުުއިއްޒުގެ ސަރުކާރުގެ މިހާރުގެ ހަޔަރަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދުގެ ދެމަފިރި ކަނބަލުންނަށް ފްލެޓް ލިބުނެވެ. އެކަމާއި ގުޅިގެން ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އެއަށް ވުރެ ހައްގުވާ މީހުންނަށް ފްލެޓް ނުލިބި ތިބަ ކަމަށް ޙުދު ހައިދަރު ވަނީ ވިދާޅުވެފައެވެ.'
ނިކަން އަޑަށް ބާރުލާފައި މި ލިސްޓަކު ނުފޫޒެއް ނޯންނާނެކަމަށް ވިދާޅުވީމެވެ. އެކަމަކު މަނިކުފާނެވެ. މޮޅުކަން ދައްކަން ދެއްކުނީ "ނުފޫޒުގެ" ވާހަކަ ނޫންތޯއެވެ.
ރައީސް އެވެ. އަޅުގަނޑުގެ ސުވާލެއް އެބަ އޮތެވެ. މަނިކުފާނު ވަޒީރުކަމުގައި ހުންނަވައިގެން ދެ ފަހަރެއްގެ މަތިން ވަނީ ފްލެޓް ލިސްޓު އާއްމުކުރައްވާފަ ނޫންތޯއެވެ. އޭރު ވެސް ފްލެޓް ލިސްޓުތަކަށް ނުފޫޒު ފޯރުވި ކަމަށް ރައީސް ސާފުބަހުން ވިދާޅުވެއްޖައީމެވެ.
އެހެންވީމަ ދެން ކުރައްވަންވީ ކަމަކީ އެކަން ކުރީ އެ މަނިކުފާނުތޯ ނުވަތަ އެހެން ބޭފުޅަކުތޯ ސާފުކޮށް ދެއްވުމެވެ. އާއްމުން މިކަން ބަލަން ބޭނުންވާނެކަން ޔަޤީނެވެ. މި ސަރުކާރުގެ ފަސްބައި ސާފުކުރަން މަނިކުފާނަށް ތިޔަ ދެއްކެވުނީ މަނިކުފާނު ނުފޫޒުގައި ޖެހިވަޑައިގަތް ވާހަކައެވެ. މިއީ މޮޅު ވާހަކަ އެއް ނޫނެވެ. މިއީ ނިކަން ލަދުވެތި ވާހަކައެކެވެ.