ކ. މާލެ
|
28 ފެބްރުއަރީ 2025 | ހުކުރު 14:44
މާލެ ސިޓީ ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ޓެކްސީ ޑްރައިވަރަކު މޭޔަރ އާޒިމް އަށް ސުވާލު ކުރަނީ - 27 ފެބްރުއަރީ 2025
މާލެ ސިޓީ ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ޓެކްސީ ޑްރައިވަރަކު މޭޔަރ އާޒިމް އަށް ސުވާލު ކުރަނީ - 27 ފެބްރުއަރީ 2025
ރާއްޖެއެމްވީ
ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުން
ސަރުކާރުން ފަށަން އުޅޭ ޓެކްސީ ޚިދުމަތައް ތާއީދެއް ނުކުރަން: އާޒިމް
ސަރުކާރުން ފަށާ ޓެކްސީ ޚިދުމަތް އެމްޓީސީސީ އަށް ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވީ އެކަމަށް ތާއީދު ކުރާތީ އެއް ނޫން
ސަރުކާރުން ވިޔަފާރިތައް ހިންގަން ރަނގަޅު ސީއީއޯ އިން ނުލިބޭ
ސަރުކާރުން ޓެކްސީ ލައިން ހެދުމަށްވުރެ ޓެކްސީ ދުއްވާ ފަރާތްތަކަށް ލުއި ލޯނުދީ ޓެކްސީ އައުކޮށްދީ މަގު ތަރުތީބު ކޮށްދިނުން މާ ރަނގަޅު

ސަރުކާރުން ފަށަން އުޅޭ ޓެކްސީ ޚިދުމަތައް ތާއީދު ނުކުރައްވާ ކަމަށް މަލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލުން ހުކުރު ދުވަހުގެ ރޭ ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި އާންމުންނަށް ސުވާލު ކުރުމަށް އޮތް ފުރުސަތުގައި، ޓެކްސީ ޑްރައިވަރަކު ކުރި ސުވާލަށް ޖާވާބު ދެއްވަމުން އާޒިމް ވިދާޅުވީ، ޓެކްސީ ފްލީޓް ގެ މަސައްކަތް އެމްޓީސީ އާ ހަވާލު ކުރި ރަސްމިއްޔާތުގައި އޭނާ ބައިވެރިވެވަޑައިގަތީ، އެ ކަމަށް ތާއީދު ކުރައްވާތީ ނޫން ކަމުގައެވެ.

އަމިއްލަ ވިޔަފާރިތަކުގެ ތެރެއަށް ސަރުކާރުން ވަދެގެން އެކަން ކާމިޔާބު ނުވާނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

"އަބަދުވެސް އަޅުގަނޑު ގަބޫލު ކުރަނީ ސަރުކާރަކަށް ވިޔަފާރިއެއް ނުކުރެވޭނެ؛" ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ސަރުކާރަކަށް ވިޔަފާރި ނުކުރެވޭނެ ކަމީ އޭނާ ދެކެވަޑައިގަންނަވާ ހަގީގަތެއް ކަމަށާއި، އޭގެ އެންމެ ބޮޑު ސަބަބަކީ ސަރުކާރަށް އެކަންކަން ހިންގާނެ ރަނގަޅު ސީއީއޯ އިން ނުލިބޭތީ ކަމުގައެވެ.

ސީއީއޯ އިންނަކީ ވަކި ތައުލީމާއި ތަޖުރިބާ ލިބި ވިޔާފާރީގެ ވިސްނުން ހުންނަ ބަޔަކަށް ވާން ޖެހޭ ކަން އާޒިމް ފާހަގަ ކުރެއްވިއެވެ.

އާޒިމް ވިދާޅުވީ ސަރުކާރުން ޓެކްސީ ލައިން ހެދުމަށްވުރެ ޓެކްސީ ދުއްވާ ފަރާތްތަކަށް ލުއި ލޯނުދީ ޓެކްސީ އައުކޮށްދީ މަގު ތަރުތީބު ކޮށްދިނުން މާ ރަނގަޅު ވާނެ ކަމަށެވެ.

"ކޮންމެ ކަމެއް ކުރާއިރުވެސް ރަނގަޅު މީހުންނާ ގޯސް މީހުންނާ އުޅޭނެ، އެންމެ ދެމީހަކު ކުރާ ކަމަކުންނެއް ހުރިހާ މީހުންނަށް އަދަބު ދެވިގެން ނުވާނެ؛" އާޒިމް ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ޓެކްސީ ޑްރައިވަރަކު ކުރި ސުވާލަކަށް މޭޔަރ އާޒިމް ޖަބާބު ދެއްވަނީ - 27 ފެބްރުއަރީ 2025

ޓެކްސީ ޚިދުމަތަކީ ރާއްޖޭގައި އެތައް ޒަމާނެއް ވަންދެން ދިން ވަރަށް ގައުމީ ޚިދުމަތެއް ކަމަށާއި އަދިވެސް ސަރުކާރުން މިކަން ކުރުމުގައި ވިސްނާލުން ރަނގަޅު ކަމަށް އާޒިމް ވިދާޅުވިއެވެ.

ޓެކްސީ ދުއްވާ މީހުންނަށް ރަނގަޅު ކްރެޑިޓް ފެސިލިޓީ އަކާއި، މަގުތަކުގައި ޓެކްސީ ހުއްޓާނެ ސްޓޮޕް ތަކަކާއި، މާލޭގައި ރަނގަޅު ޕަބްލިކް ޓްރާންސްޕޯޓް ޚިދުމަތެއް ގާއީމް ކުރުން މާ ރަނގަޅު ވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އަމީނަށް ދެންނެވި ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

- ކޮމެންޓް