ކ. މާލެ
|
28 ފެބްރުއަރީ 2025 | ހުކުރު 13:22
މާލެ ސިޓީ ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން މޭޔަރ އާދަމް އާޒިމް (ކ) - 27 ފެބްރުއަރީ 2025
މާލެ ސިޓީ ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން މޭޔަރ އާދަމް އާޒިމް (ކ) - 27 ފެބްރުއަރީ 2025
މާލެ ސިޓީ ކައުންސިލް
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްދިނުމުގެ މަސައްކަތް، ސިޓީ ކައުންސިލާއި ހަވާލުނުކުރި - ޢާޒިމް
ހުޅުމާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ މުނިސިޕަލް ޚިދުމަތްތައް ލާމަރުކަޒީ ގާނޫނާ ކަނޑައެޅިގެން ޚިލާފަށް ކުންފުންޏަކުން ދޭ
މުނިސިޕަލް ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތެއްގައި ދިނުމަށް މާލެ ސިޓީ ކައުންސިލާ ހަވާލުކުރުމަށް މަޝްވަރާ ކުރެވުނުނަމަވެސް މިއަދާ ހަމައަށް އައި އިރު ވެސް އެ ޚިދުމަތްތައް ކައުންސިލަށް ބަދަލުވެފައެއް ނުވޭ
ރައީސް މުއިއްޒު އަރިހު އެދޭ ގޮތަކީ ޤާނޫނުން ލާޒިމްކޮށް ބަޔާންކޮށްފައިވާ ހުޅުމާލޭގެ ބަލަދުވެރިކަން މާލެ ސިޓީ ކައުންސިލަށް ޙަވާލުކޮށްދެއްވުން

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްދިނުމުގެ މަސައްކަތް، މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ހިންގުމަށް ހުޅުމާލެ ޑިވޮލަޕްމަންޓް ކޯޕަރޭޝަނާއެކު ޖުމްލަ 4 ބައްދަލުވުން ބޭއްވުނު އިރުވެސް މިއަދާ ހަމައަށް އާއިރު އެކަން ނުވެފައިވާކަމަށް މާލެ ސިޓީގެ މޭޔަރ ޢާޒިމް ވިދާޅުވެއްޖެ އެވެ.

ލޮނުޒިޔާރަތް ޕާކުގައި އޮތް މިއަހަރުގެ ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރ ޢާޒިމް ވިދާޅުވީ، މިއަދާ ހަމައަށް އައި އިރު ވެސް، ޤާނޫނު އަސާސީއާއި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، ދިވެހި ރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގެ ޖަދުވަލު ދޭއްގައި، ބުނެފައި ވާގޮތުން ހުޅުމާލެއަކީ މާލޭ ސިޓީގެ އަވަށެއްގެ ގޮތުގައި ބަޔާންކޮށްފައިވީ ނަމަވެސް، ހުޅުމާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް، ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ މުނިސިޕަލް ޚިދުމަތްތައް، ''ލާމަރުކަޒީ ގާނޫނާ ކަނޑައެޅިގެން ޚިލާފަށް'' ދެމުންދަނީ ކުންފުންޏަކުންކަން ކަމަށެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ ހުޅުމާލެއަކީ މާލޭ ސިޓީގެ އަވަށެއް ކަމުގައި ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާތީ، 2023 ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހު، އައު ސަރުކާރު ވެރިކަމާ ޙަވާލުވުމަށް ފަހު، ހުޅުމާލޭގައި ދޭންޖެހޭ ލާމަރުކަޒީ ޚިދުމަތް އެންމެ ފުރިހަމަ ގޮތެއްގައި ދިނުމަށް، މާލެ ސިޓީ ކައުންސިލާ ހުޅުމާލެ ހަވާލުކުރުމަށް ވާހަކަ ދެކެވި މަޝްވަރާ ކުރެވުނު ކަމަށެވެ. ނަމަވެސް އަދި މިއަދާ ހަމައަށް އައި އިރު ވެސް، ޤާނޫނު އަސާސީއާއި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްދިނުމުގެ މަސައްކަތް، މާލެ ސިޓީކައުންސިލާ ޙަވާލުކޮށްފައި ނުވާކަން، ހިތާމައާއެކު ފާހަގަކުރާ ކަމަށެވެ.

މޭޔަރ ޢާޒއިމް ވިދާޅުވީ މިހާރު ރާއްޖޭގެ ކަންކަން ތަންޒީމް ކުރެވިފައިވާގޮތުން، ކޮންމެ ރައްޔިތަކު ވެސް ހުންނަންޖެހޭނީ، ކައުންސިލެއްގެ ބަލަދުވެރިކަމުގެ ދަށުގައިކަމަށް، ޤާނޫނުން، ސާފުކޮށް އެނގެން އޮވޭ ކަމަށާއި އެ ނޫންގޮތަކަށް، ހުޅުމާލޭގެ ކަންކަން އޮތްކަމަށް ގަބޫލުކުރެވޭތީ، އެ ރައްޔިތުންގެ ޙައްޤުގައި އެ ކަމަށް ވަކާލާތު ކުރާކުރުން ނިމިދިޔަ 2024 ވަނަ އަހަރުތެރޭގައި ވަރަށް ބޮޑަށް ކުރެވުނު ކަމަށް ވެސް މޭޔަރ ޢާޒިމްގެ ވާހަކަ ފުޅުޅުގައި ވިދާޅުވި އެވެ.

އެހެން ނަމަވެސް، 2024 ވަނަ އަހަރު ނިމުނުއިރު ވެސް، ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް ދިނުމުގެ ޤާނޫނީ ޒިންމާ އުފުލަންޖެހޭ، މާލެ ސިޓީ ކައުންސިލްގެ ދަށަށް، އެ ޒިންމާ ބަދަލުވެފައި ނުވާކަން ހިތާމައާއެކު ފާހަގަކުރައް ވަމުން މޭޔަރ ޢާޒިމް ބިދާޅުވީ، މިއަދުގެ ރައީސުލް ޖުމުހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެ ސިޓީގެ މޭޔަރުކަމުގެ މަޤާމުގައި ހުންނެވި އިރު ވެސް ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކޮށްދިނުމަށް ވަރަށް ބޮޑަށް ވަކާލާތުކޮށް، އޭރު އޮތް ސަރުކާރާއެކު މަޝްވަރާ ކުރައްވާފައިވާކަން ފާހަގަ ކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވެފައި ވަނީ ހުޅުމާލޭގެ ބަލަދުވެރިކަން ޤާނޫނުން ލާޒިމްކޮށް ބަޔާންކޮށްފައިވާ ފަރާތްކަމަށްވާ މާލެ ސިޓީ ކައުންސިލާ ޙަވާލުކޮށް ދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަރިހުގައި އިޙުތިރާމާއެކު އެދޭ ކަމަށެވެ.

- ކޮމެންޓް