ކ. މާލެ
|
28 ފެބްރުއަރީ 2025 | ހުކުރު 13:19
އިސްލާމިކް މިނިސްޓްރީގައި ގާއިމްކޮށްފައިވާ ކައުންޓަރަކުން މީހަކު ފިތުރު ޒަކާތް ދައްކަނީ- ފައިލް ފޮޓޯ
އިސްލާމިކް މިނިސްޓްރީގައި ގާއިމްކޮށްފައިވާ ކައުންޓަރަކުން މީހަކު ފިތުރު ޒަކާތް ދައްކަނީ- ފައިލް ފޮޓޯ
މުހައްމަދު ޝަރުހާން
ފިޠުރުޒަކާތް ބަލައިގަންނަ ގަޑިތައް
ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑި އާއްމުކޮށްފި
ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާއި ހަމައަށް ފިތުރު ޒަކާތް ދެއްކޭނެ
އިސްލާމީ މަރުކަޒު ޖަލްސާ ކުރާ މާލަތުގެ ކައުންޓަރުތަކުން ޒަކާތް ބަލައިގަންނާނެ
ފިތުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ދެއްކުން ވާޖިބުވެގެންވާ ކަމެއް

ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑިތައް މޯލްޑިވްސް ޒަކާތު ހައުސްއިން އާއްމުކޮށްފިއެވެ.

ޒަކާތު ހައުސްއިން ބުނީ 1446 ވަނަ އަހަރުގެ ފިތުރުޒަކާތް އޮންލައިންކޮށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 01 ރަމަޟާން 1446 ވަނަ ދުވަހުން ފެށިގެން 27 ރަމަޟާން 1446 ވަނަ ދުވަހުގެ ހެނދުނު 6:00 އާހަމައަށް ކަމަށެވެ.

އޮންލައިންކޮށް ޒަކާތް ބަލައިގަންނާނީ

  • ދިރާގު: އެޕް / ދިރާގު ޕޭ ވެބްސައިޓް މެދުވެރިކޮށް
  • އުރީދޫ: އެމްފައިސާ އެޕްލިކޭޝަން މެދުވެރިކޮށް
  • މޯލްޑިވްސް އިސްލާމިކު ބޭންކު: ފައިސާ މޮބައިލް އެކްސް އެޕްލިކޭޝަން މެދުވެރިކޮށް
  • ބޭންކް އޮފް މޯލްޑިވްސް: ބީއެމްއެލް މޯބައިލް (އެޕްލިކޭޝަން) މެދުވެރިކޮށް
  • ފަހިޕޭ: ފަހިޕޭ އެޕްލިކޭޝަން މެދުވެރިކޮށް
  • މިނިސްޓްރީ އޮފް ފިނޭންސް: ބަނޑޭރި ޕޭ ވެބްސައިޓު ނުވަތަ ޕޯޓަލް މެދުވެރިކޮށް

ޒަކާތު ހައުސްއިން ބުނީ ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާއި ހަމައަށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށެވެ. އަދި މީގެ އިތުރުން ދުވަސްވެފައިވާ ފަރާތްތަކާއި، އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ޚާއްސަކޮށް އިސްލާމީ މަރުކަޒު ޖަލްސާ ކުރާ މާލަތުގައި ޒަކާތް ބަލައިގަތުމަށް އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން ޒަކާތު ހައުސިން އިން ބުނީ ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ނަމަވެސް ރަމަޟާން މަހު، އިސްލާމީ މަރުކަޒު ޖަލްސާ ކުރާ މާލަތުގެ ކައުންޓަރުތަކުން ޒަކާތް ބަލައިގަންނާނެ ކަމަށެވެ.

އެގޮތުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާޗް މަހުގެ ދެވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30ން މެންދުރުފަހު 1:00ށެވެ. އަދި 23 މާޗުން 30 މާޗަށް ހަމައަށް ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 11:00ން މެންދުރުފަހު 14:00 އަށެވެ.

ޒަކާތު ހައުސްއިން ބުނީ މާލެސިޓީ ފިޔަވައި ރަށްރަށުގައި ނަގުދު ފައިސާއިން ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ އެރަށެއްގެ ރަށު/ސިޓީ ކައުންސިލަކުން ކަމަށެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދު

  • އާދައިގެ ހަނޑޫ: 12 ރުފިޔާ
  • ތައިލެންޑް ހުދު ހަނޑޫ: 62 ރުފިޔާ
  • ރަތް ހަނޑޫ: 86 ރުފިޔާ
  • ބަސްމަތީ ހަނޑޫ އާދައިގެ: 74 ރުފިޔާ
  • ބާސްމަތީ ހަނޑޫ މޮޅު: 100 ރުފިޔާ
  • ބާސްމަތީ ހަނޑޫ އެންމެ މޮޅު: 133 ރުފިޔާ
  • އާދައިގެ ފުށް: 10 ރުފިޔާ
  • އާޓާ ފުށް: 75 ރުފިޔާ

ފިތުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ދެއްކުން ވާޖިބުވެގެންވާ ކަމެކެވެ. ފިތުރު ޒަކާތް ދައްކަން ޖެހެނީ އެ ބަޔަކު އާންމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ.. އޭގެ މިންވަރަކީ ޞާޢެއް ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ.

- ކޮމެންޓް