ކ. މާލެ
|
27 ފެބްރުއަރީ 2025 | ބުރާސްފަތި 16:27
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އަމާން ދޯދި އެކްސްޕީރިއަންސް ޔުނިޓްގެ ދެ ކޮޓަރީގެ އެޕާޓްމަންޓެއްގެ އެތެރެ - ފައިލް
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އަމާން ދޯދި އެކްސްޕީރިއަންސް ޔުނިޓްގެ ދެ ކޮޓަރީގެ އެޕާޓްމަންޓެއްގެ އެތެރެ - ފައިލް
ރާއްޖެއެމްވީ
ގެދޮރުވެރިޔާ ސްކީމު
4000 ފުލެޓުގެ އަގުތައް ސަރުކާރުން ބޮޑުކޮށްފި
2 ކޮޓަރީގެ އެޕާޓްމަންޓަށް ޑިޕޮސިޓްގެ ގޮތުގައި 15،000 ރުފިޔާ އަދި 3 ކޮޓަރީގެ އެޕާޓްމަންޓަށް ޑިޕޮސިޓްގެ ގޮތުގައި 25،000 ރުފިޔާ
3 ކޮޓަރީގެ އެޕާޓްމަންޓަކަށް ނަގަން ނިންމީ 9000 ރުފިޔާއާއި 1500 ރުފިޔާގެ މެއިންޓަނެންސް ފީއެއް
2 ކޮޓަރީގެ އެޕާޓްމަންޓެއްގެ އަގު ކަނޑައަޅާފައިވަނީ 7000 ރުފިޔާއާއި 1000 ރުފިޔާގެ މެއިންޓަނަންސް ފީއެއް

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4000 ފުލެޓުގެ އަގުތައް ސަރުކާރުން ބޮޑުކޮށްފިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން މެދުވެރިކޮށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދާ ގެދޮރުވެރިޔާ ސްކީމުގެ ފުލެޓުތަކު އަގުތައް ކކުރީ ސަރުކާރުން ކަނޑައަޅާފައިވާ ގޮތަށް ބަލާއިރު، 3 ކޮޓަރީގެ އެޕާޓްމަންޓަކަށް ނަގަން ނިންމީ 7000 ރުފިޔާއެވެ. އަދި މެއިންޓަނެންސްގެ ފީގެ ގޮތުގައި 1000 ރުފިޔާއެވެ. މީގެ އިތުރުން 2 ކޮޓަރީގެ އެޕާޓްމަންޓެއްގެ އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ 5000 ރުފިޔާއާއި މެއިންޓަނަސް ފީގެ ގޮތުގައި 1000 ރުފިޔާއެވެ.

ހައުސިންގ އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ކުރީ ސަރުކާރުން ކަނޑައެޅި އަަދަދުތަކަކީ ދައުލަތުން ލޯނަށް ދައްކަންޖެހޭ ފައިސާއަށް ބަލައި އެސެސްމަންޓް ހަދާފައި، ކަނޑައަޅާފައިވާ އަދަދެއް ނޫން ކަމަށެވެ. އަދި ސަރުކާރުން މިހާތަނަށް ގެންގޮސްފައި ހުރި މަޝްރޫއުތަކުން ނަގަން ކަނޑައަޅާފައިވާ އަދަދުތަކަށް ބަލާއިރުވެސް ކަނޑައަޅާފައިވާ އަދަދުތަކެއް ނޫން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހިޔާ ފުލެޓް 7000 ރުފިޔާކަމަށް ކަނޑައަޅާފައިވާއިރު، ފަހިދިރިއުޅުން ފުލެޓްގެ 2 ކޮޓަރީގެ އެޕާޓްމަންޓެއް އިނީ 5000 ރުފިޔާއަށް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މި އަގަކީ އެންމެ ރަނގަޅަށް އެންމެ އިންސާފުވެރިކޮށް ކަނޑައަޅާފައިވާ އަދަދުތަކެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އެފްޑީސީގެ ހިސާބުތަކަށް ބަލާއިރު، ލޯނު ދެއްކުމަށް ބޭނުންވާ ފައިސާ ސަރުކާރުން ހޯދާނަމަ 3 ކޮޓަރީގެ ފުލެޓަކުން 13،000 ރުފިޔާ މަހު ކުލީގެ ގޮތުގައި ނަގަންޖެހޭ. 2 ކޮޓަރީގެ ފުލެޓަކުން 9000 ރުފިޔާ ނަގަންޖެހޭ. އެހެންވެ ސަރުކާރުން މިހާރު މި ކަނޑައެޅީ ކޮންމެވެސް ވަރަކަށް ސަބްސިޑައިޒްކޮށްފައި 2 ކޮޓަރީގެ ފުލެޓަކުން ނަގާނީ 7000 ރުފިޔާ އަދި 3 ކޮޓަރީގެ ފުލެޓަކުން ނަގާނި 9000 ރުފިޔާ.

ހައުސިންގ އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

މިނިސްޓަރު ވިދާޅުވީ މިފަދަ މަސައްކަތްތަކަކީ ދައުލަތުގެ ބަޖެޓަށް ބުރަނުވާގޮތަށް ދެމެހެއްޓެނެވި ގޮތަކަށް ކުރިއަށްގެންދާ މަސައްކަތަކަށްވާތި މި އަދަދުތައް ކަނޑައަޅާފައިވާ ކަމަށެވެ. ސަރުކާރުން ހިސާބުޖަހާ މިނިސްޓްރީ އޮފް ފިނޭންސްއިން އިކޮނަމިކް ކައުންސިލުން ހުށަހަޅައިގެން މިހާރު ފާސްކޮށްފައިވާ އަދަދު ކަމަށެވެ.

2 ކޮޓަރީގެ އެޕަރޓްމަންޓަށް މި ސަރުކާރުން ނަގާ އަގު

  • މަހު ކުލި - 7000 ރުފިޔާ
  • މެއިންޓަނަންސް ފީ - 1000 ރުފިޔާ
  • ސެކިއުރިޓީ ޑިޕޮސިޓް 15،000 ރުފިޔާ

3 ކޮޓަރީގެ އެޕަރޓްމަންޓަށް މި ސަރުކާރުން ނަގާ އަގު

  • މަހު ކުލި - 9000 ރުފިޔާ
  • މެއިންޓަނަންސް ފީ - 1500 ރުފިޔާ
  • ސެކިއުރިޓީ ޑިޕޮސިޓް - 25،000 ރުފިޔާ

މިނިސްޓަރ ވިދާޅުވީ މި އަަދަދަށް ބެލިނަމަވެސް ސަރުކާރުން އަހަރަކު 100 މިލިއަން ރުފިިޔާ ސަބްސިޑައިޒް ކުރަންޖެހޭ ކަމަށެވެ.

- ކޮމެންޓް