ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ދަށް ކުރުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލު ޖޫޑިޝިއަރީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ބުދަ ދުވަހުގެ އެޖެންޑާ ގައި ހިމަނާ މެމްބަރުންނަށް އަންގައިފި އެވެ.
އަންގާރަ ދުވަހުގެ ރޭ ދަންވަރު 12 ޖަހާ ބޮޑުވި ފަހުން މަޖިލީހުގެ އިދާރާ އިން މެމްބަރުންނަށް ފޮނުވި ބުދަ ދުވަހުގެ އެޖެންޑާ ގައި ގާނޫނު ނަންބަރު 22/2010 (ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) އަށް އިސްލާހު ގެނައުމުގެ ބިލު ޖޫޑިޝިއަރީ ކޮމިޓީން ދިރާސާ ކޮށް ނިންމި ގޮތުގެ ރިޕޯޓު، ކޮމިޓީ ތަކުން ހުށަހަޅާ ކަންކަމުގެ ބައިގައި ވަނީ ހިމަނާފައެވެ.
އެޖެންޑާ ގައި ކޯޓުތަކުގެ ގާނޫނަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ދިރާސާ ކުރި ރިޕޯޓު ހިމެނިފައިވާއިރު، އެ ބިލު ޖޫޑިޝިއަރީ ކޮމިޓީން އަންގާރަ ދުވަހު ފާސް ކޮށްފައިވަނީ ކޮމިޓީ އަށް ބިލު ހުށަހެޅި ގޮތައް އެއްވެސް ބަދަލެއް ނުގެނެސް މަދު ވަގުތު ކޮޅެއްގެ ތެރޭގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބުދަ ދުވަހުގެ ޖަލްސާގައި މި ރިޕޯޓު ހުށަހަޅާ ރިޕޯޓަށް ވޯޓަށް އެހުމަށް ވަނީ ހަމަޖެހިފައެވެ.
ރިޕޯޓު ފާސްވެއްޖެނަމަ ދެން އޮންނާނީ ބިލު ތަސްދީގު ކުރަުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުވުމެވެ.