ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މިއަދު ފެނިގެންމިދަނީ މަޖިލީހުގެ ރައީސްގެ ގޮނޑި ފޭރި ގަނެގެން ނުހައްގުން މުސާރަ ނަގައިގެން މަޖިލީހުގެ ރައީސްގެ މަޤާމުގައި މަސީހް އިންނަވާ، ހުދުމުހްތާރު ކަމާއި ނާއިންސާފުން ކަންތައް ކުރައްވަމުން ގެންދަވާތަން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހު ބޭއްވި ޖަލްސާއަށް ފަހު ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ކަންތައްތައް މިހާރު ވެގެންމިދަނީ އިންސާނުންގެ ތެރޭގައި ކަންތައްތައް ވެގެންދާނެ ގޮތަކަށް ނޫން ކަމަށާއި މިކަންތައް ވީ އެންމެ އަވަހަކަށް ހައްލުކުރަންޖެހޭ ކަމަށެވެ.
އެހެން ނަމަވެސް މިގައުމުގައި މިއަދު ވެރިންގެ ގޮތުގައި ތިބި މީހުން އިންސާނުންގެ ދަރަޖައަށް ވުރެ ދަށު ދަރަޖައަކަށް ދިޔުމުން ކަންތައް ވެގެންދާނެ ގޮތް މިހާރު ފެނިގެންދާ ކަމަށް ވެސް ރޮޒެއިނާ ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސްއަކީ އިތުބާރު އޮތް ބޭފުޅެއް ނޫން ކަމަށާއި އެގޮތަށް އެޖެންޑާކޮށްގެން ކުރިއަށްގެންދާ ވޯޓުތަކަކީ ސައްޙަ ވޯޓްތަކެއް ނޫން ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
މަޖިލީހުގެ މެޖޯރިޓީ އޮތީ ޕީޕީއެމްއަކަށް ނޫން ކަން މިއަދު ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެނުނު ކަމަށާއި ގަދަކަމުން މަޖިލީހުގެ ޖަލްސާތައް ސިފައިންގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ބަންޑޭރި ކޮއްޓަށްވުރެ މަޖިލީހުގެ ތެރޭގައި ސިފައިން ގިނަ. އަޅުގަނޑުމެންނަށް ފެނިގެން މިދަނީ މަސީޙް އެންމެ ބޮޑު ޑިކްޓޭޓާޝިޕެއްގައި ކަންތައް ކުރަމުންގެންދާނެ ގޮތަށް ކަންތައްކުރާ މަންޒަރު" ރޮޒެއިނާ ވިދާޅުވިއެވެ.
މިއީ ރައްޔިތުން އިންތިހާބުކޮށްފައި ތިބި މަންދޫބުން ތަމްސީލްކުރާ ތަނެއް ކަމެއް ކަމަށާއި އެޖަލްސާތައް ހިންގާ މަންޒަރު ރައްޔިތުންނަށް ފެންނަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ހުރިހާ ކޮރިޑޯތަކާއި މުޅި މަޖިލީހުގައި ސިފައިން ހަރަކާތްތެރިވަމުންދާއިރު ޕީޕީއެމް މެމްބަރުންނަށް އަމާން ކަމާއި އެކު މަޖިލީހުގެ ތެރޭގައި ހިނގާބިނގާވެ އުޅެވުނު ނަމަވެސް އިދިކޮޅު މީހުންނަށް މަޖިލީހުގެ ތެރެއަށް ވަންނަން ސިފައިން ހުރަސްއަޅާ ކަމަށެވެ.