ރައީސް މުއިއްޒު އަށް އޮތް ތާއީދު ސޯޝަލް މީޑިއާ ގައި ހާމަ ކޮށްދިނުމަށް ވެރިކަން ކުރާ ޕީއެންސީ ގެ ޕާލިމެންޓަރީ ގްރޫޕްގެ މެމްބަރުންނަށް، އެ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް އަންގަވައިފިއެވެ.
އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ފަލާހް މެމްބަރުން ނަށް މިހެން އެންގެވީ އަންގާރަ ދުވަހުގެ ވޯޓާ ގުޅިގެންނެވެ.
އެކި އެކި ސަބަބުތަކާ ހެދި އަންގާރަ ދުވަހުގެ ވޯޓުގައި ބައިވެރި ނުވެވެނު ހުރިހާ މެމްބަރުން ޓްވިޓަރ (މިހާރުގެ އެކްސް) މެދުވެރިކޮށް އެކަން ހާމަ ކޮށްދެއްވުން އެދޭ ކަމަށް ފަލާހް ވަނީ ވިދާޅުވެފައެވެ.
އަދި އެ މެމްބަރުން ތިއްބެވީ ރައީސް އާއި ސަރުކާރާއި، ޕާޓީ އާ އެކުގައި ކަމާއި އަދި ސަރުކާރާ ދެކޮޅު އެއްވެސް ކަމެއް ނުކުރާނެ ކަން ހާމަ ކޮށް ދިނުމަށް ވެސް ފަލާހް ވަނީ އެދިވަޑައިގެންފައެވެ.
އަންގާރަ ދުވަހު މަޖިލީހުގައި ނެގި ވޯޓުގައި ޕީއެންސީގެ ބައެއް މެމްބަރުން ވަނީ ޕާޓީގެ ވިޕް ލައިން އާ ޚިލާފަށް ވޯޓުގައި ބައިވެރިނުވެފައެވެ.
އިތުބާރު ހުރި ގޮތެއްގައި އެނގިފައިވާ ގޮތުގައި، ބައެއް ޕީއެންސީގެ ބައެއް މެމްބަރުން ވަނީ މަޖިލީހަށް ހާޒިރުވެ ވޯޓުގައި ބައިވެރި ނުވެފައެވެ.
އަންގާރަ ދުވަހު މަޖިލީހުގައި އޮތީ ހޯމް މިނިސްޓަރ އަލީ އިހުސާން ގެ އިތުބާރު ނެތް ކަމުގެ ވޯޓާއި ކޯޓުތަކުގެ ގާނޫނަށް ބަދަލު ގެނެސް ސުޕްރީމު ކޯޓުން ދެ ފަނޑިޔާރުން ވަކި ކުރުމަށް ހުށަހަޅާފައިވާ ބިލު ބަލައިގަތުމުގެ ވޯޓެވެ.
މި ދެ މައްސަލަ އަށް ވެސް ޕީއެންސީ އިން އޮތީ ތްރީ ލައިން ވިޕެއް ނެރެފައެވެ.
ވިޕްލައިން އާ ޚިލާފުވުމާ ގުޅިގެން ރައީސް މުއިއްޒު ވަނީ އެކަމާ މެދު ހިތްހަމަ ނުޖެހުން ފާޅު ކުރައްވާ، ތްރީ ލައިން ވިޕަށް ހުރިހާ މެމްބަރުންވެސް ތަބާ ވާން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް މުއިއްޒު މެމްބަރުންގެ ވޯޓަށް ނުފޫޒު ފޯރުވިކަން މީޑިއާ ގައި ލީކު ވުމުން، އަކަމާ ވެސް އެމަނިކުފާނު ވަނީ ކޯފާ ވެފައެވެ. އަދި އެ މައުލޫމާތު ލީކު ކުރި ފަރާތުން އެކުރީ ވަރަށް ގޯސް ކަމެއް ކަމަށާއި އެވާހަކަ އެމަނިކުފާނު ވިދާޅުވީ ޕާޓީގެ ރައީސް ގެ ހައިސިއްޔަތުން ކަމުގައި ވިދާޅުވެފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ކުއްލިއަކަށް މަދުކުރަން މަޖިލިހަށް ހުށަހެޅި ބިލާ މެދު ޕިއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ މެމްބަރުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފައެވެ.
ދުސްތޫރީ މައްސަލަ އެއް ހިނގަމުންދަނިކޮށް ކޯޓުގެ ބެންޗު ބަދަކު ކުރުމަށް ބައެއް މެމްބަރުން ނުރުހުން ފާޅު ކޮށްފައިވާ ކަން އިތުބާރު ހުރި މަސްދަރަކުން މި ނޫހަށް ވަނީ މައުލޫމާތު ދީފައެވެ.
ފަލާހް ގެ އެންގެވުމަށް ބައެއް މެމްބަރުން ފޭސްބުކް ގައި އަދި އެކްސް ގައި ޕޯސްޓައް ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރެވެއެވެ.