މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާނުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި، އޭނާއަށް އިތުބާރު އޮތްކަމަށް ޕީއެންސީންގެ މެންބަރުންގެ ވޯޓުން ފާސްކޮށްފިއެވެ.
މިނިސްޓަރު އިހުސާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ 17 ޖެނުއަރީގައެވެ. އެމްޑީޕީގެ 12 މެންބަރުން ސޮއިކޮށް ހުށަހެޅި މި މައްސަލައިގައި ބުނެފައިވަނީ އެ މައްސަލަ ހުށަހަޅާފައި ވަނީ ގާނޫނުއަސާސީގެ 132 ވަނަ މާއްދާއިން ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި، ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ލިބިގެންވާ ބާރު ބޭނުންކުރުމުގައި، ގާނޫނުއަސާސީ އާއި ގާނޫނުތަކާ ކަނޑައެޅިގެން ހިލާފަށް އަމަލު ކުރަމުން ގެންދާތީ އާއި، ގާނޫނުއަސާސީގެ 136 ވަނަ މާއްދާގެ (ށ) އާ ހިލާފަށް ވަޒީރުންގެ މަޖިލީހުގެ މެމްބަރަކު ކޮށްގެންނުވާނެ އަމަލުތައް ކުރަމުންގެންދާތީ، ގާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.
މި މައްސަލައަށް ވޯޓަށް އެހުމުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ވިޕްލައިނާ އެއްގޮތަށް ޕީއެންސީގެ 63 މެންބަރުން ވަނީ އިހުސާނުގެ އިތުބާރުނެތްކަމަށް ނުފެންނަކަމަށް ވޯޓު ދީފައެވެ. އިހުސާނުގެ އިތުބާރު ނެތްކަމަށް ފެންނަކަމަށް ވޯޓު ދެއްވީ އެމްޑީޕީގެ 11 މެންބަރުންނެވެ. އިހުސާނު ޖަވާބުދާރީވި އިރު، ދައްކަވަމުންދިޔަ ހަގީގަތާއި ހިލާފު ވާހަކަތަކަށް ރައްދު ދެއްވާފައިވާތީ އޭނާ ވަނީ ނަން އިއްވާ ތަޅުމުން ބޭރުކޮށްލާފައެވެ. އެހެންކަމުން އޭނާއަށް ވޯޓުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައި ނުގަންނަވައެވެ.
އެމްޑީޕީން ހުށަހެޅި މައްސަލައިގައި ދިވެހި ރައްޔިތުންގެ ޒާތީ މައުލޫމާތު ބަލަހައްޓަމުން ގެންދާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އާއި، ދިވެހިރައްޔިތުންގެ ދަތުރުފަތުރުގެ ރެކޯޑުތައް ބަލަހައްޓަމުން ގެންދާ، މޯލްޑިވްސް އިމިގްރޭޝަނާއި އަދި، ފޯނުގެ ހިދުމަތާއި އިންޓަރނެޓްގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތައް ރެގިއުލޭޓުކުރާ ފަރާތްކަމުގައިވާ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއަށް މަސްއޫލުވާ ވަޒީރަކީ، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން ކަން އެ މައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ.
ޢަލީ އިޙްސާން އަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލެނިވެރި ފަރާތް ކަމަށްވީއިރު، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް ހިންގާފައިވާ އަމަލުތަކުގެ ތެރޭގައި ޖިނާއީ ކުށުގެ އަމަލުތައްވެސް ހިމެނޭ ކަމަަަަށް އެ މައްސަލައިގައި ބުނެފައިވެއެވެ.
މީގެ އިތުރުން، އޭނާ އެ މަގާމުގައި ދެމިހުރެއްޖެނަމަ، އޭނާގެ މައްޗަށް ހިންގޭ ޖިނާއީ ތަހުގީގަށް ހުރަސްއެޅުމުގެ އިހްތިމާލު ފާޅުކަން ބޮޑުގޮތެއްގައި އޮންނާނެކަމަަށް އެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން އޭނާ އެ މަގާމުގައި އިތުރަށް ހުރުމަކީ، ދިވެހިރައްޔިތުންގެ ހައްޤުތައް ގެއްލި، ދިވެހިރާއްޖޭގެ ސަލާމަލާއި ރައްކާތެރިކަމަށް ބުރޫއަރާފާނެ ކަމެއް ކަމަށް ޤަބޫލުކުރެވޭ ކަމަށް އެ މައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ.
އެ މައްސަލައިގައި ބުނެފައި ވަނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ވަޒީރުކަމާ މިނިސްޓަރ ޢަލީ އިޙްސާން ހަވާލުވެވަޑައިގެންނެވި ފަހުން، މި ވޭތުވެދިޔަ 1 އަހަރާއި 2 މަސް ދުވަހުގެ ތެރޭގައި، ވަޒީރުންގެ މަޖިލީހުގެ މެމްބަރަކު ކޮށްގެން ނުވާނެ ކިތަންމެ ކަމެއް ކޮށް، ޤާނޫނުއަސާސީ އާއި ޤާނޫނުތަކާ ހިލާފުވެފައިވާ ކަމަށެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށްޓަކައި މޯލްޑިވްސް އިމްގްރޭޝަން އިން ބޭނުންކުރުމަށް ދިވެހިރާއްޖޭގެ ކުންފުންޏަކުން އޮންލައިން އެކްސްޕެޓް ސިސްޓަމެއް ގާއިމުކޮށްފައި ވަނިކޮށް، އެ ނިޒާމު ހުއްޓުމަކަށް ގެނެސް، ދިވެހިރާއްޖޭގައި އުޅޭ ބިދޭސީންގެ އެންމެހައި ކަންކަން ބެލެހެއްޓުމަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވި، "ބްލެކްލިސްޓް" ވެފައިވާ މެލޭޝިއާ ގެ ބެސްޓިނެޓް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށް، މި އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް އަހަރަކު 460 މިލިއަން ރުފިޔާގެ ކޮންޓްރެކްޓެއް އެވޯޑްކޮށްފައިވާ ކަމަށް މި މައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ.
އެކަމުގެ އިތުރު ތަފްސީލް ހާމަކުރަމުން އެ މައްސަލައިގައި ބުނެފައި ވަނީ މި އެއްބަސްވުން އެކުލަވާލަންޖެހުނީ، 2013-2018 ގެ ސަރުކާރުން ބެސްޓިނެޓާއެކު ވެފައިވާ އެއްބަސްވުމަށް އަމަލުނުކޮށްފިނަމަ، ބެސްޓިނެޓަށް، 13.7 މިލިއަން ޑޮލަރުގެ ގެއްލުމުގެ ބަދަލު ދޭންޖެހުމުގެ ފުރުސަތު އޮތް ކަމަށް މިނިސްޓަރ ޢަލީ އިޙްސާން ބަޔާންކުރައްވާފައިވާ ކަމަށެވެ. އެހެންނަމަވެސް 2013-2018 ގެ ސަރުކާރާ ބެސްޓިނެޓް ކުންފުންޏާއެކު ގާނޫނީ ގޮތުން ބަނދެވިގެންވާ އެއްބަސްވުމެއް އެކުލަވާލާފައިނުވާކަމާއި، އެ ކުންފުންޏަށް ލިބެންޖެހޭ ކަމަށް ބުނާ ގެއްލުމުގެ ބަދަލާ ގުޅިގެން މިހާތަނަށް އެއްވެސް ޝަކުވާއެއް އަދި ދައުވާއެއްވެސް ހުށަހަޅާފައިނުވާކަން މި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
ހަމައެހެންމެ އެ ސިސްޓަމް ތަރައްގީކޮށްފައިވާ ދިވެހިރާއްޖޭގެ ކުންފުނި މެދުވެރިކޮށް ހަރަދުކުޑަކޮށް އެ މަސައްކަތް ކުރެވެން އޮތްއިރު، އެކަމަށް ރިއާޔަތްކުރުމެއްނެތި، ދިވެހިރާއްޖޭގެ އެކްސްޕެޓް ސިސްޓަމްގެ ހިންގުން ބެސްޓިނެޓާ ހަވާލުކުރުމަކީ، ދައުލަތަށް މަންފާވާން އޮތްކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމާއި، ދައުލަތަށް ލިބެން އޮތް ފައިދާއަކަށް އުނިކަމެއް ލިބޭގޮތަށް ޢަމަލުކުރުން ކަމާއި، މިއީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 517 ވަނަ މާއްދާގައި ބުނާ ޖިނާއީ ކުށުގެ އަމަލެއްކަމަށް ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން ގާނޫނުއަސާސީގެ 236 ވަނަ މާއްދާގެ ދަށުން ގާއިމްކޮށްފައިވާ ސަލާމަތީ ހިދުމަތުގެ ތެރޭގައި ހިމެނޭ ފުލުހުންގެ އިދާރާއާ ދިވެހިރާއްޖޭގައި ހިނގާ ޖިނާއީ އެންމެހައި މައްސަލަތަކެއް ތަހުގީގުކުރުމުގެ ބާރު ލިބިދީފައި ވާއިރު އެ ހިދުމަތުގެ މަސްއޫލުވެރި ވަޒީރުގެ ހައިސިއްޔަތުން އިހުސާން އަމަލުކުރައްވަނީ ރަނގަޅަށް ނޫން ކަމަށް އެ މައްސަލައިގައިވެއެވެ. އެގޮތުން އެ އިދާރާއިން ހިނގަމުންދާ ތަހުގީގުތަކަށް ސިޔާސީ ނުފޫޒު ފޯރުވައި، ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ހިންގާ ޖިނާއީ ކުށުގެ އަމަލުތައް ތަހުގީގުކުރުމަށް ހުރަސްއަޅައި، ގާނޫނުއަސާސީ އާއި ގާނޫނުތަކުގައިވާ ގޮތުގެ މަތިން ދިވެހި ފުލުހުންގެ ހިދުމަތާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް ތަކުރާރުކޮށް ހުރަސްއަޅަމުންގޮސްފައިވާކަމަށް އެ މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.
ހަމައެހެންމެ އެތައް ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން، އެމީހުންގެ ރުހުމާ ނުލައި، ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެމްބަރުން އިތުރުކުރުމުގެ ނަމުގައި، ގިނަ އަދަދެއްގެ ސައްހަނޫން ފޯމުތަކެއް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވަނީ، ދިވެހި އެންމެހައި ރައްޔިތުންގެ ޒާތީ މައުލޫމާތު ހިމެނޭ ޑީއެންއާރުގެ މައުލޫމާތުތަކުންކަން އެނގޭ ކަމަށް ވެސް ވަނީ ބުނެފައެވެ. އެހެންކަމަށް ވާއިރު އެތަންވެސް އޮޔޯ ޓެކްނޮލޮޖީ ޢަލީ އިޙްސާންގެ ބެއްލެވުމުގެ ދަށުގައި ކަން މައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ.
ޚަބަރު: ޑީއެންއާރުގައި ފޯމުފުރިކަމަށް އިހުސާން އެއްބަސްވެވަޑައިގެން، ދެއްކެވީ އެހެން މީހުންވެސް އެކަން ކުރި ވާހަކަ https://t.co/39ZAKp2eB3
— raajje.mv (@raajjemv) February 25, 2025
އަންގާރަ ދުވަހުގެ ޖަލްސާގައި މިނިސްޓަރު އިހުސާން ވަނީ ޑީއެންއާރުގައި ފޯމުފުރިކަމަށާއި، ބޭނުންކުރީ އެތަނުގެ މީޓިންގ ރޫމުކަމަށް އެއްބަސްވެވަޑައިގެންފައެވެ. އިހުސާން ވިދާޅުވީ ޑީއެންއާރުގެ މީޓިންގ ރޫމެއްގައި ހަވީރު ފޯމު ފުރުމުގެ މަސައްކަތްތަކެއް ކުރި ކަމަށެވެ. ފޯމުތައް ފުރައިގެން ގެނައި އިރު، އޭގެ ހެކިވެރިންގެ ބައި އިންނަނީ ނުފުރާ ކަމަށާއި، އެ ފޯމުގައި ހެކިވެރިންގެ ބައިގައި ފިންގަރ ޕްރިންޓް ޖެހުމާއި ސޮއިކުރުމުގެ މަސައްކަތާއި ތަފްސީލު ލިޔުމުގެ މަސައްކަތް އެތަނުގައި ކުރިއަށް ދިޔަކަމަށް އިހުސާން ވިދާޅުވިއެވެ.