ބޭންކް އޮފް މޯލްޑިވްސް އިން ދ. މާއެނބޫދޫ، ބަނޑިދޫ އަދި މީދޫގައި ގާއިމުކުރި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިފްތިތާހުކޮށްދެއްވައިފިއެވެ.
މި ހިދުމަތް މި ތިން ރަށުގައި ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ އޭޓީއެމްގެ ޚިދުމަތް ފެށިގެން މި ދިޔައީ މުޅި ރާއްޖޭގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދީ، ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށެވެ. އަދި މި ޚިދުމަތް ފެށުމާއެކު، މި 3 ރަށުގައި އޭޓީއެމްއެއް ނެތުމުން ރަށުގެ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައި، ޚިދުމަތް ހޯދުމަށް ފަސޭހަ އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށެވެ.
މި ތިން ރަށުގައި ގާއިމުކުރެވުނު އޭޓީއެމްގެ ޚިދުމަތާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލް އިން ދެމުންދާ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 98 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 155 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އީޖާދީ ބޭންކިންގ ހައްލުތަކެއް ގާއިމުކޮށް މުޖުތަމަޢު ބާރުވެރިކުރުވުމަށެވެ.