ކ. މާލެ
|
24 ފެބްރުއަރީ 2025 | ހޯމަ 11:35
ސިޓީ ކައުންސިލު މުވައްޒަފުން މިސްކިތް ސާފުކުރަނީ
ސިޓީ ކައުންސިލު މުވައްޒަފުން މިސްކިތް ސާފުކުރަނީ
މާލެ ސިޓީ ކައުންސިލް
މިސްކިތްތައް އާބާތުރަ ފިލުވުން
ރަމަޟާން މަހަށް މާލެސިޓީ ހުރިހާ މިސްކިތެއް އާބާތުރަ ފިލުވައި ނިމޭނެ: މޭޔަރު އާޒިމް
ކައުންސިލްއާއި ހަވާލުވިއިރު، މާލެސިޓީގެ ގިނަ މިސްކިތްތައް ހުރީ ވަރަށް ބޮޑަށް ހަލާކުވެފައި
މިސްކިތްތައް އޭސީ ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުން
މިސްކިތްތައް އާބާތުރަ ފިލުވުމުގެ މަސައްކަތް އަބަދުވެސް ކުރާނަން

ރަމަޟާން މަހަށް މާލެސިޓީ ގެ ހުރިހާ މިސްކިތެއް އާބާތުރަ ފިލުވައި ނިމޭނެ ކަމަށާއި، މިސްކިތްތަކުގެ ބޮޑެތި މާރާމާތުގެ މަސައްކަތްތައް ނިމޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ފަސްކާފު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ އޭނާ މާލެސިޓީ ކައުންސިލް އާއި ހަވާލުވެވަޑައިގެން އިރު، މާލެސިޓީގެ މިސްކިތްތައް ހުރީ ވަރަށް ބޮޑަށް ހަލާކުވެ، ވަރަށް ބޮޑަށް މަރާމާތު ކުރަންޖެހޭ ހާލަތުގައި ކަމަށެވެ. އޭރު ވެސް މިސްކިތްތައް އާބާތުރަފިލުވައި ބެލެހެއްޓުމުގެ މަސައްކަތް އައުޓްސޯސްކޮށް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިމައްސަލައަށް ހައްލު ހޯދުމުގެ ގޮތުން މާލެސިޓީގެ މިސްކިތްތަކުގެ މާރާމާތުގެ މަސައްކަތާއި، އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރުމަށް ދިވެހިން ހޯދާ، އެމަސައްކަތް ހަވާލުކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

މިސްކިތްތައް އާބާތުރަފިލުވުމަކީ އަބަދުވެސް ކުރަންޖެހޭ މަސައްކަތެއްކަން ފާހަގަކުރައްވައި މޭޔަރު އާޒިމް ވިދާޅުވީ މާލެ، ވިލިމާލެ، ހުޅުމާލޭގެ ހުރިހާ މިސްކިތެއް އާބާތުރަ ފިލުވުމުގެ މަސައްކަތްތައް އަބަދުވެސް ކުރާނެ ކަމަށާއި، ރަމަޟާން މަހަށް މަރާމާތު ކުރުމުގެ މަސައްކަތް ވެސް ނިންމޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އާޒިމް ވިދާޅުވީ މިސްކިތްތައް އޭސީ ކުރުމާއި، ފެން ފައިބާ މިސްކިތްތަކުގެ އެ މައްސަލަ ހައްލު ކުރުމާއި، ފާޚާނާ މަރާމާތު ކުރަންޖެހޭ މިސްކިތްތަކުގެ ފާޚާނާ ތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ބޮޑު ހަރަދެއް ހިނގާ މަސައްކަތްތަކެއް ކަމަށްވާތީ ހުޅުމާލޭގެ ބޮޑު މިސްކިތެއް ކަމަށްވާ ގުއްބު މިސްކިތް، އޭސީ ކުރުމުގެ މަސައްކަތާއި، މަރާމާތު ކުރުމުގެ މަސައްކަތް އުރީދޫގެ އެހީތެރިކަމާއެކު ކުރިއަށްދާ ކަމަށެވެ.

ސިޓީ ކައުންސިލް އާއި ހަވާލުވިއިރު، މާލެސިޓީ ކައުންސިލްގެ މިސްކިތްތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި. މަރާމާތުނުކޮށް ގިނަ ދުވަސްވެގެން. ދެން އޭރުގައި އޮތް ބަޔަކާ ހަވާލުކޮށްފައި. ބަޔަކާ އައުޓްސޯސް ކޮށްފައި އޮތީ. ދެން އަޅުގަނޑުމެން ފަހުން ނިންމީ މާލެސިޓީގެ ހުރިހާ މިސްކިތެއް. ހުޅުމާލެ ވިލިމާލެ، މާލޭގެ ހުރިހާ މިސްކިތަކަށް ދިވެހިން ނަގައި ދިވެހިން މެދުވެރިކޮށް މިސްކިތުގެ އާބާތުރަ ފިލުވައި ސާފުކޮށް މަސައްކަތް ކުރަން. އަޅުގަނޑުމެން ބޮޑު ޓީމެއް ނެގީ. އަޅުގަނޑު ހަނދާންވާ ގޮތުން 150 ނުނީ 170 މުވައްޒަފުން ނެގިން. ޚާއްސަކޮށް މިސްކިތްތައް ރީތިކޮށް ބެލެހެއްޓުމަށްޓަކައި. ދެން އޭރުން ފެށިގެން އަޅުގަނޑުމެން މަސައްކަތް ކުރަމުންދަނީ. އެހެން ނަމަވެސް މަރާމާތުގެ މަސައްކަތް ގިނަކަމުން ވަގުތު އެބަ ނަގާ. ދެން އަދި ގިނަ މަސައްކަތްތަކެއް އެއާ ކޮންޑިޝަން ކުރެވިއްޖެ. އަދި އިތުރު އެސެސްމަންޓެއް ހަދާފައި މަސައްކަތް އެބަކުރަން.

މާލެސިޓީގެ މޭޔަރު އާދަމް އާޒިމް

އާޒިމް ވިދާޅުވީ މާލެސިޓީގެ މިސްކިތްތައް ކައުންސިލްގެ ބެލުމުގެ ދަށުން ވަރަށް ރަނގަޅަށް ބަލަހައްޓަމުންދާނެ ކަމަށާއި، ރައްޔިތުންނަށް ދިމާވާ ދަތިތަކާއި އުދަނގޫތަކަށް ހައްލު ހޯދައިދޭނެ ކަމަށެވެ. އަދި މިސްކިތްތައް ރީތި ބެލެހެއްޓުމުގެ މަސައްކަތުގައި އަބަދުވެސް ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން އާޒިމް ފާހަގަކުރެއްވިއެވެ.

- ކޮމެންޓް