ބޭންކް އޮފް މޯލްޑިވްސް އިން ދ. ކުޑަހުވަދޫގައި ދެމުންދާ ޚިދުމަތް ފުޅާކުރުމަށް އާދިއްތަ ދުވަހު ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތް ފަށައި، އައު ބްރާންޗުގެ ބިންގާ އަޅައިފިއެވެ.
އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އައު ބްރާންޗުގެ ބިންގާ އަޅުއްވައިދެއްވީ ބީއެމްއެލްގެ ޗެއާޕާސަން އަޙުމަދު ޢަލީ ޙަބީބް އަދި ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފްއެވެ. މި ހަފްލާގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި، ވަޒީރުންނާއި، ސަރުކާރުގެ އިދާރާތަކުގެ ވެރިންނާއި ކުޑަހުވަދޫގެ ރައްޔިތުން ބައިވެރިވެޑައިގެންނެވިއެވެ.
މިހާރު ކުޑަހުވަދޫގައި ހުރި އޭޓީއެމްގެ އިތުރުން، އަލަށް ގާއިމުކުރެވުނު އޭޓީއެމްއިން ކަސްޓަމަރުންނަށް އިތުރު ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދެވިގެންދާނެއެވެ. މީގެ ތެރޭގައި ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި، ފައިސާ ޓްރާންސްފަރ ކުރުމާއި، ކާޑުތަކަށާއި ލޯނުތަކަށް ފައިސާ ދެއްކުން ހިމެނެއެވެ. އަލަށް ގާއިމްކުރެވުނު އޭޓީއެމްގެ ސަބަބުން ކަސްޓަމަރުންނަށް ބްރާންޗަށް ޒިޔާރަތް ނުކޮށް 24 ގަޑިއިރު ގިނަ ބޭންކިންގ މުޢާމަލާތްތައް ކުރެވޭނެއެވެ.
"ކުޑަހުވަދޫގައި ޚިދުމަތް ފުޅާކުރެވުމަކީ އަޅުގަނޑުމެންގެ މުޖުތަމަޢާ ވީހާވެސް ގާތުން ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ހެއްކެއް. އައު ބްރާންޗް ނިމުމުން، ދ. ކުޑަހުވަދޫ އަދި މި ސަރަޙައްދުގެ ރައްޔިތުންނަށް އަޅުގަނޑުމެންގެ ހުރިހާ ބޭންކިންގ ޚިދުމަތްތަކެއް މިހާރަށްވުރެ ފަސޭހަކޮށް ލިބިގެންދާނެ." ޝަރީފް ވިދާޅުވިއެވެ.
ކުޑަހުވަދޫގައި ގާއިމުކުރެވުނު އޭޓީއެމްގެ ޚިދުމަތާއި އާ ބްރާޗުގެ ބިންގާ އެޅުމާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލް އިން ދެމުންދާ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 95 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 153 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.