ދ.އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.
އާދިއްތަ ދުވަހު ހަވީރު މިއިމާރާތުގެ ބިންގާ އެޅީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުޑަހުވަދޫ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސުލްޖުމްހޫރިއްޔާ ދ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅުއް ފެއްޓެވީ، އާދިއްތަ ދުވަހުގެ މެންދުރުފަހުއެވެ.
ދ.އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅުއްވާ ދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާ ހަވާލު ކޮށްގެން 118 މިލިއަން ރުފިޔާ އަށް ކުރިއަށް ގެންދާ މި މަސައްކަތުގެ ދަށުން އެރަށުގައި އެޅުމަށް ހަމަޖެހިފައިވަނީ 50 އެނދުގެ ހޮސްޕިޓަލެއް ކަމަށާއި މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ދ.އަތޮޅު ހޮސްޕިޓަލްގެ އައު ޢިމާރާތްކުރުމުގެ މަސައްކަތް ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އާއި އެކު އެއްބަސްވުމެއްގައި ސޮއިކުރުން އޮތީ ވެސް އާދިއްތަ ދުވަހު ހެލްތް މިނިސްޓްރީ ގައެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙުމަދު ޤާސިމްއެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަސްބާހް އަލީ ނަސީރުއެވެ.
މި ހޮސްޕިޓަލްގައި މެމޮގްރަފީ ޚިދުމަތާއި، ދަތުގެ ފަރުވާ އާއި، ކަށީގެ ފަރުވާ އާއި އޯތޯ-ތިއޭޓަރަކާއި، ޕްރައިވެޓް ރޫމް ހުންނާނެ ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން މުވައްޒަފުންނަށް ތަމްރީންދިނުމަށް ބޭނުންވާ ވަސީލަތްތައް ހުންނާނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
ހޮސްޕިޓަލުގައި އިމަރޖެންސީ ހާލަތްތަކުގައި ޚިދުމަތް ދިނުމަށް އިމަރޖެންސީ އީއާރު ހުންނާނެ ކަމަށްވެސް ވަނީ ހާމަ ކޮށްފައެވެ.