ކ. މާލެ
|
23 ފެބްރުއަރީ 2025 | އާދީއްތަ 13:28
ޒަކިއްޔާ މޫސާގެ މަރުގެ ތަހުގީގު އަވަސް ކުރުމަށް ގޮވާލާ ހޮޅުދޫގައި ބޭއްވި އެއްވުމުގެ ތެރެއިން
ޒަކިއްޔާ މޫސާގެ މަރުގެ ތަހުގީގު އަވަސް ކުރުމަށް ގޮވާލާ ހޮޅުދޫގައި ބޭއްވި އެއްވުމުގެ ތެރެއިން
ނުކުތާ
ޒަކިއްޔާ މަރުގެ މައްސަލަ
ޒަކިއްޔާގެ މަރުގެ މައްސަލަ އެޗްއާރްސީއެމުން ބަލަނީ
އާއިލާއިން މި މައްސަލައިގެ ތަހުގީގު ދާގޮތާމެދު ހުރި ކަންބޮޑުވުންތަކެއް ހިއްސާކޮށްފައިވޭ
މި މައްސަލައާ ގުޅުންހުރި މައުލޫމާތާއި ގުޅުންހުރި ލިޔެކިޔުންތައް ދަނީ ދިރާސާ ކުރަމުން
މިހާތަނަށް އައިރު ވެސް ޒަކިއްޔާ މަރުގެ އަސްލު ހޯދިފައިނުވޭ

ނ. ހޮޅުދޫ، ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް)އިން ބަލަމުންދާ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

އާދިއްތަ ދުވަހު އެޗްއާރްސީއެމުން ބުނީ ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައާ ގުޅިގެން ގާތްތިމާގެ މީހުންގެ ފަރާތުން އެ ކޮމިޝަނަށް މި މައްސަލައިގެ ތަހުގީގު ދާގޮތާމެދު ހުރި ކަންބޮޑުވުންތަކެއް ހިއްސާކޮށްފައިވާ ކަމަށެވެ.

އެހެންކަމުން މި މައްސަލައާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުން އަމަލުކުރަމުންދާ ގޮތް ބަލަމުންދާ ކަމަށާއި، މިމައްސަލަ ތަހްގީގްކުރަމުންދާ ކަމަށް އެޗްއާރްސީއެމުން ބުނެއެވެ. އަދި މި މައްސަލައާ ގުޅުންހުރި މައުލޫމާތާއި ގުޅުންހުރި ލިޔެކިޔުންތައް ދިވެހި ފުލުހުންގެ ހިދުމަތުން ހޯދައި ލިބިފައިވާ މައުލޫމާތުތައް ދިރާސާ ކުރަމުންދާ ކަމަށް އެކޮމިޝަނުން ބުނެއެވެ.

އެޗްއާރްސީއެމުން މިމައްސަލަ ބަލަމުންދާ ކަމަށް ބުނެފައިވާއިރު، ޒަކިއްޔާ މަރުގެ މައްސަލާގައި ތަހުގީގީ އިދާރާތައް ފެއިލްވެފައިވާ ކަމަށް ބުނެ، ރަށުގެ ރައްޔިތުންނާއި، އެއާއިލާއިން ވަނީ އިންސާފު ހޯދުމަށް މަގުމައްޗަށް ނުކުމެފައެވެ. އެގޮތުން މިމަހުގެ 22 ވަނަ ދުވަހު ވެސް ރަށުގެ ގިނަ ރައްޔިތުން ވަނީ މަގުމައްޗަށް ނުކުމެ އިންސާފު ހޯދައިދިނުމަށް ގޮވާލާފައެވެ. އަދި މިހާތަނަށް އައިރު ވެސް ޒަކިއްޔާ މަރުގެ އަސްލު ހޯދިފައިނުވާ ކަމަށާއި، ތަހުގީގުގައި ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ބުނެފައިވެއެވެ. އަދި ކޮންމެ ލަސްވުމަކީ ނުތަނަވަސް ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.

ޒަކިއްޔާ މަރާ ގުޅޭގޮތުން ފުލުހުން އެންމެފަހުން ބުނެފައިވަނީ ނ. ހޮޅުދޫ، ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންގެ އެހީތެރިކަން ހޯދަމުންދާ ކަމަށެވެ.

ޒަކިއްޔާގެ މަރާ ގުޅޭގޮތުން މިދިޔަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ ޑޮކްޓަރުގެ މައުލޫމާތުން ޒަކިއްޔާ މަރުވާން ދިމާވި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ކަރަށް ލިބިފައިވާ ޒަޚަމްތަކުގެ ސަބަބުންކަން އެނގޭ ކަމަށެވެ. އެހެންކަމުން މިހާތަނަށް ތަހުގީގުން ހޯދުނު ހޯދުންތަކުން ޒަކިއްޔާއަށް ލިބިފައިވާ އަނިޔާގެ ޒަޚަމްތަކަކީ ނުވަތަ ޒަކިއްޔާ މަރުވެފައިވަނީ އިތުރު އެއްވެސް ފަރާތެއްގެ އަމަލެއްގެ ސަބަބުން ދޭހަކޮށްދޭނެ އެއްވެސް ހެއްކެއް ފެންނަން ނެތުމާއެކު އެ މައްސަލާގައި އިތުރު މީހެއްގެ ބައިވެރިވުމެއް އޮތްކަން މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައި ނުވާކަމަށް ސާމިހު ވިދާޅުވިއެވެ.

ޒަކިއްޔާގެ ވާތް ފަރާތުގައި ފުން ތިން ޒަހަމެއް، އަދި ކަނާތް ފަރާތުގައި ފުން ދެ ޒަހަމެއްގެ އިތުރުން ކަރުގެ މެދާ ހިސާބުން ތިލަކޮށް ހުރި އެއް ޒަހަމު ހުރިކަން ފާހަގަ ކުރެވުނު ކަމަށް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ސާމިހު ވިދާޅުވިއެވެ.

ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ފުލުހުންގެ ތަހުގީގަށް ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނައުމަށްފަހު، އޭނާގެ ހަށިގަނޑު ވަޅުލާފައިވަނީ 12 ސެޕްޓެންބަރު 2024 ގައެވެ.

- ކޮމެންޓް