ކ. މާލެ
|
22 ފެބްރުއަރީ 2025 | ހޮނިހިރު 12:08
ތޮއްޑޫ ކަރާ ދަނޑަކަށް މީހަކު ފެން ޖަހަނީ
ތޮއްޑޫ ކަރާ ދަނޑަކަށް މީހަކު ފެން ޖަހަނީ
ރާއްޖެއެމްވީ
އއ. ތޮއްޑޫ
ތޮއްޑޫއިން ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ވެސް ގާތްގަނޑަކަށް 30 ޓަނުގެ ކަރާ މާރުކޭޓަށް ނެރެވޭނެ ކަމަށް ލަފާކޮށްފި
ދަނޑުވެރިން ވަނީ ވަރަށް ބޮޑަށް ރަމަޟާން މަހަށް ތައްޔާރުވެފައި
ފަތްޕިލާވެއްޔާ އަދިވެސް ތަރުކާރީ ބާވަތްތައް ރަމަޟާން މަހަށް ފޯރުކޮށްދެވޭނެ
މުޅި މަހަށް ބަހާލައިގެން ޖުމްލަ 600 ޓަނުގެ ކަރާ މާލެއަށް އެތެރެކުރެވޭނެ

އއ.ތޮއްޑޫއިން ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ވެސް ގާތްގަނޑަކަށް 30 ޓަނުގެ ކަރާ މާލޭގެ މާރުކޭޓަށް ނެރެވޭނެ ކަމަށް ލަފާކޮށްފިއެވެ.

ރާއްޖެއެމްވީއަށް އެރަށުގެ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ރަމަޟާން މަހަށް ވެސް ތޮއްޑޫ ރައްޔިތުން ޚާއްސަކޮށް ދަނޑުވެރިން ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށެވެ.

ރަމަޟާން މަހަށް ޚާއްސަކޮށް ކަރާ ދަނޑުތައް ހައްދާކަން ފާހަގަކުރައްވައި ކަރަމް ވިދާޅުވީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ވެސް 30 ޓަނުގެ ކަރާ މާލޭގެ މާރުކޭޓަށް ނެރެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި މުޅި މަހަށް ބަހާލައިގެން ޖުމްލަ 600 ޓަނުގެ ކަރާ މާލެއަށް އެތެރެކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިރާދަކުރެއްވިއްޔާ މިއަހަރު ވެސް ތޮއްޑޫ ދަނޑުވެރިން ވަނީ ވަރަށް ފުރިހަމައަށް ރަމަޟާން މަހަށް ތައްޔާރުވެފައި. ޖުމްލަ 114 ފޯމަކަށް އަޅުގަނޑުމެން ދޫކުރި ބިމުގެ ދެމިލިއަން ހަތަރު ލައްކަ އަކަފޫޓަށް ވުރެ ބޮޑު. ކަރާ ދަނޑުތަކުން ޖުމްލަ ގާތްގަނޑަކަށް 600 ޓަނުގެ ކަރާ މާލެއަށް ފޯރުކޮށްދެވޭނެ. ޚާއްސަކޮށް އިސްރޯދަ ދުވަހު 30 ޓަނުގެ މާލޭގެ މާރުކޭޓަށް ނެރެވޭނެ ކަމަށް އުންމީދު ކުރެވޭ.

ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް
ރާއްޖެޓީވީއަށް ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް އިންޓަވިއު ދެއްވަނީ

ކަރަމް ވިދާޅުވީ ކަރާގެ އިތުރުން އެކި ބާވަތްތަކުގެ ފަތްޕިލާވެއްޔާ އަދިވެސް ތަރުކާރީ ބާވަތްތައް ރަމަޟާން މަހަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

ތޮއްޑޫއަކީ ދަނޑުވެރިކަމުގެ ގިނަ ބާވަތްތައް އުފައްދާ އެ މަސައްކަތް ކުރުމަށް ޚާއްސަ ރަށެކެވެ. ރަށުގެ އާބާދީގެ ބޮޑު ބައެއް ދަނޑުވެރިކަމުގެ މަސައްކަތުގައި ހަރަކާތްތެރިވެއެވެ.

- ކޮމެންޓް