އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ނިކުންނައިރު، އާސެނަލަށް އޮތް ޒިންމާ ބޮޑު ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.
އޭނާ މިހެން ބުނީ ހޮނިހިރު ދުވަހުގެ ރޭ އާސެނަލްގެ އަމިއްލަ ދަނޑުގައި ވެސްޓް ހޭމާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގަައި ވާހަކަ ދައްކަމުންނެވެ.
އެ މެޗުން މޮޅުވެ، އެއް ވަނައިގައި އޮތް ލިވަޕޫލާ ދެމެދު އޮތް ފަރަގު ފަސް ޕޮއިންޓަށް ކުޑަ ކުރުމުގެ ފުރުސަތު އާސެނަލަށް އޮންނާނެ އެވެ. އެކަމަށް އިޝާރާތްކޮށް ވާހަކަ ދައްކަމުން އާޓެޓާ ބުނީ އާސެނަަލަށް އޮތީ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި، އެ ޓީމަށް އެކަން އަދާ ކުރަން ޖެހޭ ކަމަށެެވެ.
ވެސްޓް ހޭމާ ދެކޮޅަށް ކުޅޭ މެޗަކީ ވަރަށް އުނދަގޫ މެޗަކަށް ވާނެކަން ފާހަގަކޮށް އާޓެޓާ ބުނީ، އެ މެޗުން މޮޅުވެވިއްޖެ ނަމަ، އާދިއްތަ ދުވަހު ލިވަޕޫލް ކުޅޭ މެޗުގެ ނަތީޖާ އަށް ބެލުން ވެސް މުހިންމުވާ ކަމަށެވެ.
މީގެ އިތުރުން އާޓެޓާ ބުނީ ލީގުގައި ބާކީ 13 މެޗު އޮތްއިރު، އެއީ ވަރަށް ގިނަ މެޗުތަކެއް ކަމަށާއި، ފުޓުބޯޅަ މެޗަކުން މޮޅުވުމުގައި ހުރި އުނދަގޫތަކާއި، ދަތިތައް އެންމެނަށްވެސް އިނގޭނެ ކަމަށެވެ. އެހެންކަމުން އާސެނަަލަށް އޮތީ ނަތީޖާ ނެރުން ކަމަށާއި، ކުރިއަށް ދިޔުމުގައި ފަސޭހަ ވާނީ އެކަން ކޮށްގެން ކަމަށް އޭނާ ބުންޏެވެ.
އިތުރަށް ވާހަކަ ދައްކަމުން އާޓެޓާ ބުނީ ވެސްޓް ހޭމް ކަހަލަ ޓީމުތަކާ ދެކޮޅަށް ނިކުންނައިރު، ހަމަޖެހިލައިގެން ނުތިބެވޭނެ ކަމަށެވެ. ޚާއްސަކޮށް އޭނާ އަށް ހަމަޖެހިލައިގެން ނުހުރެވޭ ކަމަށާއި، ހުރިހާ ވިސްނުމެއް ހުރީ އެ މެޗުން ތިން ޕޮއިންޓު ހޯދަން ކަމަށް ވެސް އޭނާ ބުންޏެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ވެސްޓް ހޭމާ ދެކޮޅަށް ނިކުންނައިރު، ދެ ވަނައިގައި އެ ޓީމު އޮތީ މިހާތަނަށް ކުޅެފައިވާ 25 މެޗުން 53 ޕޮއިންޓާ އެކު އެވެ. އެއް ވަަނައިގައި ލިވަޕޫލް އޮތީ 26 މެޗުން 61 ޕޮއިންޓާ އެކު އެވެ.