މި ސަރުކާރުން ޑޮމެސްޓިކް މާކެޓުން ކެނޑިނޭޅި ދަރަނި ނަގަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އެމްޑީޕީގެ ކުދި ވިޔަފާރިއާ ގުޅޭ ކޮމެޓީގެ މުގައްރިރު ރިޔާޒު މަންސޫރު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރިޔާޒު މަންސޫރު ވިދާޅުވީ ރާއްޖޭގެ ދަރަނި ދަށަށް ނުދާ ކަމަށާއި، މިސަރުކާރުން ދަނީ ދަރަނި ނަގަމުން ކަމަށެވެ. މި ސަރުކާރުން ދަރަނި ނުނަގާނެ ކަމަށް ބުނެ ހަދަމުންދަނީ ހުސް ދޮގު ކަމަށެވެ.
ރިޔާޒު މަންސޫރު ވިދާޅުވީ ބޭރުގެ ގައުމުތަކުން ވެސް މިސަރުކާރަށް އެހީތެރިކަން ނުލިބޭ ކަމަށާއި، އެކަމުގެ ބާރު ބޮޑުވެގެންދިޔައީ ޑޮމެސްޓިކް މާކެޓަށް ކަމަށެވެ. ޑޮމެސްޓިކް މާކެޓުން ކެނޑިނޭޅި ލޯނު ނަގަމުންދާއިރު، އަހަރު ނިމުނުއިރު އަހަރު ނިމުނުއިރު 10 ބިލިއަނަށްވުރެ މައްޗަށް ދަރަނި ނަގާފައިވާ ކަމަށެވެ.
ކަނޑައެޅިގެ މިހާރުގެ މާލީ ވުޒާރާއިން ނެރޭ ރިޕޯޓުތަކަށް ބަލާލިއަސް އެމްއެމްއޭގެ ރިޕޯޓުތަކަށް ބަލިއަސް މިދިޔަ އަހަރު ވެސް އެބައޮތް މަދުވެގެން 10 ބިލިއަން ރުފިޔާ ދަރަނި ނަގާފައި. ދެން އެ ދަރަނި ނަގަނީ ދެން އަޅުގަނޑުމެންގެ އެތެރޭގެ ބާޒާރުން. ބަޖެޓުގައި ޖަހާފައި މިއޮންނަނީ ބޭރުގެ ފަރާތްތަކުން ލޯނުވިޔަސް އެހެން ގޮތަކުން ވިޔަސް ގާތްގަނޑަކަށް އަޅުގަނޑު ހަނދާން ވަނީ 500 މިލިއަން ޑޮލަރު ރެއިސް ކުރާނަމޭ. އެ ބަޖެޓަށް ހަރަދު ކުރުމަށްޓަކައި. އެހެންނަމަވެސް މިސަރުކާރަށް އެފައިސާ ނުހޯދުނު. އެކަން ނުކުރެވިގެން ދެން ލޯޑް މިއަންނަނީ ޑޮމެސްޓިކް މާކެޓަށް. ހަމަ ޑޮމެސްޓިކް މާކެޓުން ކެނޑިނޭޅި ދަރަނި ނަގަމުން އެދަނީ . އަހަރު ނިމުނުއިރު 10 ބިލިއަނަށްވުރެ މައްޗަށް އޮތީ ދަރަނި ނަގާފައި. އެއީ ދެބަސް ނުވެވޭނެ ހަގީގަތެއް. އެހެންވީމަ އެބޭފުޅުން އެ ދައްކަވާ ވާހަކަ ދެކޮޅެއް ނުޖެހޭ.
އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އެމްޑީޕީގެ ކުދި ވިޔަފާރިއާ ގުޅޭ ކޮމެޓީގެ މުގައްރިރު ރިޔާޒު މަންސޫރު![]()
ރިޔާޒު މަންސޫރު ވިދާޅުވީ މިސަރުކާރުގައި ދަރަނި ދައްކަން ރަނގަޅު ޕްލޭނެއް ނެތް ކަމަށާއި، އެކަމުގެ ނަތީޖާ މިހާރު ގައުމުން ފެންނަމުންދާ ކަމަށެވެ. މިއަދު ހަރަދުތައް އިންތިހާއަށް ބޮޑުވެފައިވާ ކަމަށާއި، ބަޖެޓުން ދެކޮޅު ނުޖެއްސޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރިޔާޒު މަންސޫރު ވިދާޅުވީ ކުރީ ސަރުކާރުގައި މަސައްކަތް ކުރަމުންދިޔައީ ރީފޯމް އެޖެންޑާއެއްގެ ދަށުން ކަމަށާއި، އެ އެޖެންޑާ ދަށުން މަސައްކަތް ކުރުމުން ކްރެޑިޓް ރޭޓިން ދަށް ނުވެ ހިފެހެއްޓިފައިވާ ކަމަށެވެ. ނަމަވެސް މިސަރުކާރުގައި އެފަދަ ހަރުދަނާ އުސޫލެއް އެޖެންޑާއެއް ނެތް ކަމަށް ރިޔާޒު މަންސޫރު ވިދާޅުވިއެވެ.